ރާއްޖޭގެ ރަށްރަށުގައި ޖަމާވާ ކުނި ރައްކާތެރިކަމާއެކު އުފުލުމަށްޓަކައި ކަނޑުމަގުން ދުއްވާ ހާއްސަ އުޅަނދުތަކެއް ބޭނުން ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު މުރުތަލާ ވިދާޅުވީ، ކުނި މެނޭޖު ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން، އެ ތަކެތި ރަށްރަށުން ބޭރުކުރުމަށް ކަނޑުމަގުން ދުއްވާ ހާއްސަ އުޅަނދުތަކެއް ބޭނުންވާ ކަމަށެވެ.

"ރަށްރަށުގައި އުފައްދާ ކުނި މެނޭޖްކުރުމަށްފަހު އެތަކެތި ބޭރުކުރުމަށް ވަސީލަތްތައް ބޭނުންވޭ. މެރިން ޓްރާންސްޕޯޓްއަށް ކަމަށްވާތީ ކަނޑުގައި ދުއްވާ މިކަމަށް ހާއްސަކޮށް ޑިޒައިން ކުރެވިގެން އުޅަނދުތައްވެސް ހޯދަން އެބަޖެހޭ." މުރުތަލާ ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން ޖުމްލަ ތިން އުޅަނދު ބަނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އިންޑިއާގައި ބަނދެ ނިމިފައިވާ އުޅަނދު މިހާރު ރާއްޖެ ގެނައުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި ރާއްޖޭގައި ބަނދެވޭ ދެ ލޭންޑިން ކްރާފްޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުރުތަލާ ވިދާޅުވީ ސަރުކާރުގެ ކުނި މެނޭޖް ކުރުމުގެ ގައުމީ ސިޔާސަތު ބިނާވެފައި ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ގްރީން އިކޮނޮމީ އާއި ސާކިއުލާ އިކޮނޮމީއަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ ނިޒާމެއްގެ މައްޗަށް ކަމަށެވެ.

މި ނިޒާމުގެ މައިގަނޑު މަަގުސަދަކީ ކުނީގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކުރުމާއި މި ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށާއި މި ދާއިރާ މިހާރު ގާނޫނީ ގޮތުން ޔުޓިލިޓީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މުރުތަލާ ވިދާޅުވީ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުން ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން މި ދާއިރާ ތަރައްގީކޮށް ހިދުމަތް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން މުހިންމު ގަވާއިދުތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުނި މެނޭޖް ކުރުމުގެ އާންމު ގަވާއިދާއި ހިދުމަތް ދިނުމާބެހޭ ގަވާއިދުގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާބެހޭ ގަވައިދު ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.