ޔޫކްރެއިނުގެ ބޯޑަރާ ގާތްގަނޑަކަށް 2،700 ކިލޯމީޓަރު ދުރުގައިވާ ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ އޮމްސްކް ތެޔޮ ސާފުކުރާ ކާރުހާނާއަށް ޔޫކްރެއިނުން ޑްރޯން ހަމަލާތަކެއް ދީފިއެވެ. މިއީ ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިނުން ދިން އެންމެ ދުރު ރާސްތާގެ އެއް ހަމަލާއެވެ.
ޔޫކްރެއިނުގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، މި ހަމަލާގެ ސަބަބުން ރަޝިއާގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުހާނާގައި ވަނީ އަލިފާން ރޯވެފައެވެ. އަދި މި ހަމަލާގައި އަހަރަކު 8.4 މިލިއަން ޓަނުގެ ތެޔޮ ސާފުކުރާ ޔުނިޓަކަށް ގެއްލުންވެފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޮމްސްކް ސަރަހައްދުގެ ގަވަރުނަރު ވިޓާލީ ހޮޓްސެންކޯ ވެސް ވަނީ މި ހަމަލާ ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުން ގިނަ ޑްރޯންތައް ވައްޓާލާފައިވީ ނަމަވެސް، ކާރުހާނާ ސަރަހައްދުގައި ކުއްލި ހާލަތުގެ އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާގެ އަސްކަރިއްޔާއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އޮމްސްކް ކާރުހާނާއަކީ އަހަރަކު 21 މިލިއަން ޓަނަށް ވުރެ ގިނަ ސާފުނުކުރާ ތެޔޮ ޕްރޮސެސްކުރާ ތަނެކެވެ. މިހާ ދުރު ރާސްތާއަކަށް ޔޫކްރެއިނުން ހަމަލާދިނުމަކީ، ރަޝިއާގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދެމުންގެންދާ ޑްރޯން ހަމަލާތައް އިތުރަށް ފުޅާކޮށް، ހަނގުރާމައިގެ އުކުޅުތައް ބަދަލުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާއާ ގުޅިގެން ކާރުހާނާއަށް ލިބުނު ގެއްލުމުގެ ތަފުސީލުތައް ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ބަލަމުންނެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ކޮމެންޓް