ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީންކުރި މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ބެލްޖިއަމާ ދެކޮޅަށް ކުޅެވޭނެ ގޮތަށް ފީފާއިން ވަނީ ހަދައިފައެވެ. އުމުރުން 25 އަހަރުގެ ބަލޮގަންއަށް އެ މެޗުގައި ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗް ފައިގެ ކުޑަހުޅު މައްޗަށް އެރުމުން، އެއީ ނުރައްކާތެރި ކުޅުމެއް ކަމަށް ނިންމައިފައެވެ.

ކުއްލިއަކަށް އެ ރަތް ކާޑުގެ އެއް މެޗު ސަސްޕެންޝަން އަހަރެއް ދުވަހަށް ސަސްޕެންޑެޑް ބޭންއަކަށް ހަދަން ނިންމާފައިވުމާއެކު އެކަމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެހެން ވާނެތާއެވެ. އެއީ ފީފާ މީގެ ކުރިން ވެއްޓުނު ހިސާބެއް ނޫނެވެ. ގައުމެއްގެ ރައީސަކު އެންގި އެންގުމަކަށް ރަތް ކާޑު ދައްކާފައިވާ ކުޅުންތެރިޔަކަށް މެޗެއް ނުގެއްލޭ ގޮތް ހެދި މިއީ ފުރަތަމަ ފަހަރެވެ. އެ ނިންމުމަކީ ސީދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގެވުމަށް ނިންމި ނިންމުމެއް ކަމަށް އޭނާ ފަހުރުވެރިކަމާއެކު ވިދާޅުވަމުންދާ އިރު، އެއީ ފީފާއަށް ލަދެކެވެ. ޓްރަމްޕަށް އެއީ ކިތަންމެ ބޮޑު ޝަރަފެއް ނަމަވެސް، ފީފާއަށް އެކަމުން ކުރިމަތިވީ ބަނަ ވިލާގަނޑެކެވެ. މުޅި ފުޓުބޯޅަ ދުނިޔެ އެކަމާ ދެކޮޅެވެ.

ރަތް ކާޑުގެ އަދަބު ލުއިކުރަން ގުޅީ ޓްރަމްޕް

ފީފާ ރައީސް އިންފަންޓީނޯ އަދި ޓްރަމްޕް: ފީފާ ޕީސް ޕްރައިޒް ޓްރަމްޕަށް އެރުވުމުގައި ފީފާގެ ނަޒާހާތްތެރިކަން ގެއްލުނުތޯ ދަނީ ބަލަމުން --- ފޮޓޯ/ ގެޓީ

"އަހަރެން ރިޕްލޭ ބެލިން، އެއީ ފައުލެއްވެސް ނޫން. އެއީ ބޮޑު ބޭއިންސާފެއް. އެހެންވެ އަހަރެން ގުޅާފައި ބުނިން އެ ކާޑު އަލުން ބަލައިދޭން،" ޓްރަމްޕް، ރަތް ކާޑު ކަންތަކުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅިކަމަށް ޔަގީންކޮށްދެމުން ވިދާޅުވިއެވެ.

އެ ކޯލުން ދައްކައިދިނީ އެތައް ބައެއްގެ ނަފުރަތު އަމާޒުވެފައިވާ، ދުނިޔޭގެ ހަމައިން ބޭރުވެފައިވާ ޓްރަމްޕް އަޅުވެތިކަމުގައި ފުޓުބޯޅަ އޮތް މިންވަރެވެ. ފީފާއިން އަލަށް ދިން ޕީސް ޕްރައިޒްވެސް ޓްރަމްޕަށް ދިން އިރު، އެމެރިކާގެ ވެރިކަމުގައި އޭނާ ހުރެ، އެތައް ގައުމަކަށް ލާއިންސާނީ ހަމަލާތައް ދީފައިވެއެވެ. އިރާނާ ދެކޮޅަށް ހަނގުރާމާވެސް ފަށައި، އެތައް ކުދިންނަކާއި އާންމުންނެއް ޝަހީދު ކޮށްލާފައިވެއެވެ. އަދި ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގާ ޖަރީމާތަކަށްވެސް އެންމެ ބޮޑަށް ހިތްވަރުދީ، އެކަމުގެ މޭސްތެރިއަކީވެސް ޓްރަމްޕެވެ.

އެ އިނާމު ޓްރަމްޕަށް ދިނުމުގައި ފީފާއަށް ފޯރުވާފައިވާ ނުފޫޒު ބެލުމަށް ފުޓުބޯޅަ ފެޑަރޭޝަންތަކުންވެސް ގޮވާލާފައިވާ އިރު، މިފަހަރު އަޅުވެތިކަން މި ހާމަކުރީ ސީދާ ޓްރަމްޕް ދުލުންނެވެ. ޓްރަމްޕް އެ އިއުލާނުކުރެއްވީ ރަސްމީކޮށް ފީފާއިން އޭނާ ބޭނުން އެއްޗެއް ހައްދާވާނެ ކަމެވެ.

ބެލްޖިއަމަށް ހައިރާކަން، ޔޫއެފާއިން ބުނީ ރަތް ރޮނގެއް ހުރަސްކުރި ކަމަށް

އެމެރިކާގެ އެދުމަށް ފީފާއިން ނިންމި ނިންމުމާއެކު ބެލްޖިއަމުން ވަނީ އެކަމަށް ބަޔާން ނެރެފައެވެ. ބެލްޖިއަމް އެފްއޭއިން ނެރުނު ބަޔާނުގައި ބުނީ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާއަށް ބަލައި ނިންމި ނިންމުން ޖޯކަކަށް ވަނީ އެ ކޯޑުގެ 66 ވަނަ މާއްދާގެ ހަތަރު ވަނަ ޕޮއިންޓުގައިވާ އުސޫލު ފުނޑާލުމުން ކަމަށްވެސް ބެލްޖިއަމުން ބުންޏެވެ.

އެ މާއްދާގައި ބުނެފައިވަނީ ސީދާ ރަތް ކާޑަކަށް އެންމެ މަދުވެގެން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށާއި، ދެން ޖެހިގެން އޮންނަ މެޗު ނުކުޅެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ވޯލްޑް ކަޕްގެ އިތުރުން އެހެން އެއްވެސް މެޗެއްގައި ދެއްކި ރަތް ކާޑުގެ އެއް މެޗުގެ ސަސްޕެންޝަނަކަށް އަދަބު ލުއިކޮށްދީފައި ނުވާ ކަމަށްވެސް ބެލްޖިއަމުން ބުންޏެވެ.

ބެލްޖިއަމުން ބުނީ ފީފާގެ ނިންމުމުން މުޅި ވޯލްޑް ކަޕްގެ އުސޫލު މުގުރާލާފައިވާ ކަމަށާއި، މުބާރާތުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ފަސްވަނަ ނުކުތާގައި ބުނެފައި އޮންނަ ރަތް ކާޑުގެ ސަސްޕެންޝަން މިހާރު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މައާފު ކޮށްދިނުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބެލްޖިއަމުން އެ ނިންމުން އިސްތިއުނާފުކުރި ނަމަވެސް ފީފާއިން އެކަަން ބަލައިގެންފައެއް ނުވެއެވެ. އެކަން ކާމިޔާބެއްވެސް ނުވިއެވެ.

އިންފަންޓީނޯ އަދި ޔޫއެފާ ރައީސް ޗެފެރިން ---

އެ މައްސަލައިގައި ޔޫއެފާއިން ބަޔާން ނެރެފައިވާ އިރު، ޔޫއެފާއިން ބުނީ ފުޓުބޯޅައަކީ އެންމެން ގަޔާވާ، އެންމެ ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރަކަށްވީ ސަބަބަކީ މުޅި ދުނިޔޭގައި އެއް އުސޫލަކަށް ކުޅެ، އެއް ގަވާއިދުތަކެއް ހިފަހައްޓާތީ ކަމަށެވެ. އަދި އެކަން ކުރުމުގައި ފުޓުބޯޅައިގެ ބަލަދުވެރި ފަރާތުން ވަކި ކޮޅަކަށް ބުރަވާނަމަ މުޅި ކުޅިވަރު ހަލާކުވުމުގެ ބިރު އެބައޮތް ކަމަށްވެސް ޔޫއެފާއިން ބުންޏެވެ.

އޭގެ އިތުރުން ޔޫއެފާއިން ބުނީ ފުޓުބޯޅައަށް ނުފޫޒު ވަނުމުގެ ބިރު ބޮޑުވެގެންދާ މި ހާލަތުގައި ފީފާ އޮތް ހާލަތަކީ ކަންބޮޑުވާ ހާލަތެއް ކަމަށާއި، މިހާރު ފީފާއިން އަމަލުކުރަމުންދާ ގޮތުން ހަމަހަމަ ގެއްލޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރަތް ކާޑުތަކުގައި އަމަލުކުރާނެ ވަކި ގޮތެއް ނުހިފެހެއްޓި، އެކި މީހުންނަށް އެކި ފިޔަވަޅުތައް އަޅަން ޖެހޭނެ ހާލަތްތައް އައުމުގެ ބިރު އެބައޮތް ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

އިންފަންޓީނޯގެ ދިފާއު: ފީފާ ކޮމިޓީތައް މިނިވަންވާނެ

މިފަހަރު ވޯލްޑް ކަޕްގެ ތެރެއިން އެމެރިކާ ހިމާޔަތް ކުރުމަށް ފީފާއިން އެތައް ފަހަރަކު ޑިފެންސަށް ކުޅެފިއެވެ. އިރާނާ ދޭތެރޭ ކަންކަން ކުރި އުސޫލާއި އެތައް ބައެއްގެ ވިސާ ކަންކަމުގައެވެ. ޓިކެޓްގެ އަގާއި އިތުރު ބައެއް ކަންކަމުގައިވެސް މެއެވެ. އެ އުސޫލުން މިފަހަރުވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ.

"އަހަންނަށް ޓްރަމްޕްގެ ކޯލް އައި. އެއީ އަބަދުވެސް މުބާރާތުގެ ކަންކަމުގައިވެސް އަހަންނާ މުއާމަލާތްކުރާ ރައީސެއް. ދެން އެހެން ގައުމުތަކުގެ އިސްވެރިންވެސް އަހަންނަށް އެކި ކަންކަމުގައި ގުޅާ. އެކަމަކު ރަތް ކާޑުގެ މައްސަލައަކީ އަހަރެންގެ އެއްވެސް ނުފޫޒެއް އޮވެގެން ބަލާ މައްސަލައެއް ނޫން. ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަކީ މިނިވަން ކޮމިޓީއެއް. އެ ކޮމިޓީގެ މައްސަލަތައް ބަލާނީ މިނިވަންކަމާއެކު. އެމެރިކާ ކުޅުންތެރިޔާ ރަތް ކާޑުގެ މައްސަލަވެސް ބެލީ އެހެން،" އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ އެ ކޮމިޓީގެ ނިންމުންތަކުން ބައެއް ފަހަރު އޭނާވެސް ހައިރާންވެ، ގަބޫލުނުކުރެވޭ ހާލަތް އަންނަ ކަމަށާއި، އަނެއްބައި ފަހަރު އެއްބައިވެސް ވެވޭ ކަމަށެވެ. އެހެން ނަމަވެސް އަބަދުވެސް ކުރައްވާ އެއް ކަމަކީ އެ ނިންމުންތަކަށް އިހުތިރާމު ކުރެއްވުން ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާގެ ރައީސް އިނަފަންޓީނޯ އެމެރިކާގެ ރައީސް ޓްރަމްޕާއެކު ސެލްފީއެއް ނަގަނީ. ޓްރަމްޕާ ޖެހުނީމާ އިންފަންޓީނޯގެ ރާގު ހުންނަނީ ބަދަލުވެފައި. ---

އެހެން އެ ވާހަކަ ހުރި ނަމަވެސް މުޅި ދުނިޔެއަށްވެސް މިހާރު ސާފުވާ އެތައް ކަމެއް ހިނގައިފިއެވެ. ރަޝިއާއަށް 48 ގަޑިއިރެއްހާއިރު ތެރޭ އެޅި ހަރުކަށި ފިޔަވަޅު އެމެރިކާއާއި އިޒްރޭލަކަށްވެސް ނޭޅުނެވެ. ފަލަސްތީނުން ބުނެގެންވެސް އިޒްރޭލާ ދޭތެރޭ ބޮޑު އަދަބެއް ދޭކަށް ނުކުރުނެވެ. ހަމަ އެހެން، މި ވޯލްޑް ކަޕާ ދިމާކޮށް ފީފާއިން އެމެރިކާގެ ދިފާއަށް އެތައް ކަމެއް ކޮށްފިއެވެ. އެތައް ގޮތަކުން އުސޫލުތައް މުގުރައިފިއެވެ. އެތައް ހަޑިއެއް ހާވައިފިއެވެ. އެ ހަޑީގެ އެންމެ ބޮޑު ހަޑިއަކަށް މިފަހަރުވީ، ސީދާ ޓްރަމްޕްގެ ދުލުން އެކަން ކުރީ އޭނާއޭ ވިދާޅުވުމެވެ.