ޗައިނާގެ އަސްކަރިއްޔާއިން ޕެސިފިކް ކަނޑަށް އަމާޒުކޮށް ދުރު ރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ޓެސްޓުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ރޮކެޓް ފޯސްއިން ފުރަތަމަ އައިސީބީއެމް ޓެސްޓުކޮށްފައިވަނީ ހައިނާން ޕްރޮވިންސުން ފޮނުވާލައިގެންނެވެ. ގާތްގަނޑަކަށް 12،000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމަށްފަހު، މި މިސައިލް ވެއްޓިފައިވަނީ ފްރެންޗް ޕޮލިނީޝިއާ ކައިރިއަށެވެ. މީގެ އިތުރުން، މިއަދު ޗައިނާގެ ކަނޑުގެ ސިފައިން ވަނީ ނިއުކްލިއަ ސަބްމެރިންއަކުން ވެސް ސްޓްރެޓެޖިކް މިސައިލެއް ޕެސިފިކް ކަނޑަށް ފޮނުވާލައިގެން ޓެސްޓުކޮށްފައެވެ.

ޗައިނާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަސްލު ނޫން ވޯހެޑެއް ހަރުކޮށްގެން ކުރިއަށްގެންދިޔަ މި ޓެސްޓުތަކަކީ އަހަރީ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދިޔަ އާންމު ހަރަކާތެކެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ ޓެސްޓުތަކެއް ކަމަށާއި، މިއީ ވަކި ގައުމަކަށް ނުވަތަ އަމާޒަކަށް ބިރުދެއްކުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ނަމަވެސް، މި ޓެސްޓުތަކާ ގުޅިގެން ސަރަހައްދީ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް ވިދާޅުވި ގޮތުގައި، ޗައިނާގެ މި އަމަލަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލާނެ ކަމެކެވެ. ހަމައެހެންމެ، ޖަޕާނުން ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މިއީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައެވެ. ޖަޕާނުގެ ސަރުކާރުން ފާހަގަކުރި ގޮތުގައި، މި ޓެސްޓުތައް ކުރުމުގެ ކުރިން ޗައިނާއިން އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި 40 އަހަރުގެ ތެރޭގައި ޗައިނާއިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކަށް މިފަދަ މިސައިލެއް ޓެސްޓުކޮށްފައި ނުވާއިރު، މި ޓެސްޓުތަކަކީ އެމެރިކާއާއި ސަރަހައްދީ ގައުމުތަކަށް ޗައިނާގެ އަސްކަރީ ގާބިލުކަން ދައްކާލުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ޕެންޓަގަންއިން ވެސް ވަނީ ޗައިނާގެ ނިއުކްލިއަ ހަތިޔާރުގެ ގާބިލުކަން ހަލުވިކަމާއެކު އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ. މި ޓެސްޓުތަކާ ގުޅިގެން އޮސްޓްރޭލިއާއާއި ފިޖީން ވަނީ މިއަދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށް، ސަރަހައްދީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ.