ޑޮލަރު އަގުބޮޑުވެފައިވަނީ މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުން 8،000 މިލިއަން ރުފިޔާ ޗާޕުކުރުމުން ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޑޮލަރަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލުކުރައްވަމުން މެންބަރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާ ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު އޮތް، އެމްޑީޕީ ސަރުކާރުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީގެ މާއްދާތައް ސަސްޕެންޑްކޮށް އެތައް ބިލިއަން ރުފިޔާގެ ފައިސާއެއް އޭރު ޗާޕް ކޮށްފައިވުމުން، މެންބަރު ސުވާލު ކުރެއްވީ، ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާ އަސަރާއި މުސްތަގުބަލުގައި ކޮށްފާނެ އަސަރު ވިދާޅުވެދެއްވުމަށެވެ.

ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ބައެއް މާއްދާތަކަށް އަމަލުކުރުން ސަސްޕެންޑްކޮށް، ފައިސާ ޗާޕް ކުރުމަށް އޭރުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ދިނުމާ ދެކޮޅަށް އެކި ޕްލެޓްފޯމްތަކުގައި އަޑު އުފުލެއްވި ކަމަށެވެ. އަދި އޭރު މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީގެ ތެރެއިން، ޑިމޮކްރެޓްސް "ރައީސް ނަޝީދު" ގެ ފެކްޝަނުން ވެސް އެކަން ނުކުރުމަށް ގޮވާލި ކަމަށާއި، އެކަމުގެ ސަބަބުން ވައްކަމާއި ކޮރަޕްޝަނަަށް މަގުފަހިވާނެ ކަމަށް ގޮވާލަމުންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ޑޮލަރުގެ ބާޒާރުގައި ދިމާވެފައިވާ މައްސަލަތައްވެސް އަދި ދިވެހި ރުފިޔާގެ އަގު މިހާބޮޑަށް ނިކަމެތިވެގެންދިޔަ، އެންމެ ބޮޑު އެއް ސަބަބަކީ އޭރު އޮތް އެމްޑީޕީ ސަރުކާރުން 8،000 މިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުން ކަމަށް ސައީދު ވިދާޅުވިއެވެ.