މިއަހަރު ވޯލްޑް ކަޕްގައި ތާރީހު ލިޔެލުމަށްފަހު އެނބުރި ގައުމަށް ދިޔަ ކޭޕް ވާޑްގެ ޓީމަށް ގައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރު ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު ވާހަކައަކީ ކޭޕް ވާޑްގެ ތާރީހީ ދަތުރުގެ ވާހަކައަށެވެ. މުބާރާތުގެ ތަށި ނުނެގި، ގަދަ 32 އިން ކަޓައިގެން ދިޔަ ނަމަވެސް ކޭޕް ވާޑް ދިޔައީ ފުޓުބޯޅަ ސަޕޯޓަރުންގެ ހިތްތައް ފަތަހަކޮށްފައެވެ.

މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ 3-2 ގެ ނަތީޖާއަކުން ބަލިވެ، ކޭޕް ވާޑްގެ އާދަޔާހިލާފު ދަތުރު ނިމުމަކަށް އައި ނަމަވެސް، މެޗުގެ ފަހު ކަށިގަނޑާއެކު ފެނިގެންދިޔައީ ނާކާމިޔާބީގެ މަންޒަރެއް ނޫނެވެ. ދަނޑުމަތީގައި ތިބި ކުޅުންތެރިންގެ މޫނުމަތިން ފެނުނީ ފަހުރުވެރިކަމެވެ. އޭގެ ބަދަލުގައި އެއީ ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި ފެނުނު އެންމެ އުންމީދީ އަދި އެންމެ ހިތްގައިމު އެއް ވާހަކައިގެ ނިމުމެވެ.

އާބާދީގައި ގާތްގަނޑަކަށް 500,000 މީހުން ދިރިއުޅޭ ކޭޕް ވާޑަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުވުމަކީވެސް އަމިއްލަ ޒާތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެފްރިކާ ބައްރުގެ ކޮލިފައިންގައި ވަރުގަދަ އެތައް ޓީމެއް ފަހަތަށް ޖައްސާލުމަށްފަހު އެ ޓީމުން މުބާރާތުން ޖާގަ ހޯދީ ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހުއެވެ.

ކޭޕް ވާޑުން ގްރޫޕް ސްޓޭޖުގައި ސްޕެއިނާއި އުރުގުއާއީއާވެސް އެއްވަރުކުރި އިރު، އެޓީމުން ގަދަ 32 އަށް ދިޔައީ ސައުދީ އަރަބިއްޔާއާވެސް އެއްވަރުކޮށް ތިން ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ ވޯލްޑް ކަޕްގައި ފެނުނީ ތަފާތު އުފާވެރި މަންޒަރެކެވެ.

މުބާރާތުގެ ތެރެއިން އެގައުމުގެ ކީޕަރަށް ހާއްސަ ސަމާލުކަމެއް ލިބުނު އިރު، ވޮޒީނިއާއަކީ މިހާރު އިންސްޓަގްރާމްގައި އެންމެ ފޮލޯވަރުން ގިނަ ކީޕަރެވެ. ވޯލްޑް ކަޕަށް ނުކުތް އިރު އެންމެ 50،000 އެއްހާ ފޮލޯވަރުން ތިބި ނަމަވެސް، މިހާރު އޭނާގެ ފޮލޯވަރުންގެ އަދަދު ވަނި 27 މިލިއަނަށް އަރައިފައެވެ.

އެ އުފާވެރި ވޯލްޑް ކަޕް ދަތުރު ނިންމާ ޓީމު ގައުމަށް ދިޔައީ އިއްޔެއެވެ. އެގައުމުގެ ވެރިރަށް ޕްރާއިއާ އެއާޕޯޓަށް ޓީމު ފޭބުމާއެކުވެސް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، ރަސްމީ އުފާފާޅުކުރުން އޮތީ ގެބްރާ ކަނޭލާ ބީޗްގައެވެ. އެ ސަރަހައްދަށް ޓީމު ދިޔައީ އޯޕަން ބަހެއްގައެވެ. ސްޕޯޓަރުންގެ ދިދަތައް ވިހުރުވަމުން އުފާފާޅުކުރުމާއެކުގައެވެ.

އިއްޔެއަކީ ކޭޕް ވާޑްގެ މިނިވަން ދުވަސް ކަމަށްވީ އިރު، އެގައުމަށް އިއްޔެއަކީ ބަންދު ދުވަހެކެވެ. ގާތްގަނޑަކަށް 10 ރަށުގެ މައްޗަށް އެކުލެވޭ ކޭޕް ވާޑްގެ އުފާފާޅުކުރުންތަކުގައި ކީޕަރު ވޮޒީނިއާ ސަޕޯޓަރުންނަށް މެގަ ފޯނަކުން ހަޅޭލަވަމުން ގޮސްފައިވާ އިރު، އެތައް ބަޔަކު ވަނީ ޓީމުގައި ތިބީ ބަތަލުން ކަމަށް ބުނެފައެވެ.