ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީންކުރި މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ބެލްޖިއަމާ ދެކޮޅަށް ކުޅެވޭނެ ގޮތަށް ފީފާއިން ވަނީ ހަދައިފައެވެ. އުމުރުން 25 އަހަރުގެ ބަލޮގަންއަށް އެ މެޗުގައި ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗް ފައިގެ ކުޑަހުޅު މައްޗަށް އެރުމުން، އެއީ ނުރައްކާތެރި ކުޅުމެއް ކަމަށް ނިންމައިފައެވެ.
ކުއްލިއަކަށް އެ ރަތް ކާޑުގެ އެއް މެޗު ސަސްޕެންޝަން އަހަރެއް ދުވަހަށް ސަސްޕެންޑެޑް ބޭންއަކަށް ހަދަން ނިންމާފައިވުމާއެކު އެކަމަށް ވަނީ ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ. ފީފާއިން ބުނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާގެ ދަށުން ބަލޮގަންގެ އެއް މެޗު ސަސްޕެންޝަން އެއް އަހަރު ތެރޭގައި ކޮންމެވެސް މެޗަކުން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.
ބަލޮގަންއަށް އަދަބު ލުއިކޮށްދިނުމާއެކު އޭނާއަށް އެމެރިކާއިން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެއެވެ. އެއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "ނާއިންސާފު ނިންމުމަށް އިންސާފު ހޯދައިދިނުމުން" ފީފާއަށް ޝުކުރު އަދާކުރައްވައިފައެވެ. ބަލޮގަންގެ ރަތް ކާޑަށް އަދަބު ލުއިކޮށްދޭން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯވެސް ވަނީ މީގެ ކުރިން ގޮވާލައިފައެވެ.
އެހެން އެކަން އޮތް އިރު، އިތުބާރު ނޫސްތަކުން ބުނީ ފީފާއިން ނިންމި ނިންމުމަށް އެންމެ ބޮޑަށް ބާރު އެޅީ އެމެރިކާގެ ރައީސް ޓްރަމްޕް ކަމަށެވެ. އެކަމާ ގުޅިގެން ޓްރަމްޕް ފޯނު ކޯލެއް ކުރެއްވި ކަމަށްވެސް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ. ކޮންމެއަކަސް ވޯލްޑް ކަޕް ކުރިންވެސް ފީފާ އޮތީ އެމެރިކާގެ މުށު ތެރޭގައި ކަމަށް ބެލެވުމަށް ބޮޑު ޖާގައެއް އެބައޮތެވެ.
ފީފާއިން އަލަށް ދިން ޕީސް ޕްރައިޒްވެސް ޓްރަމްޕަށް ދިން އިރު، އެމެރިކާގެ ވެރިކަމުގައި އޭނާ ހުރެ، އެތައް ގައުމަކަށް ލާއިންސާނީ ހަމަލާތައް ދީފައިވެއެވެ. އިރާނާ ދެކޮޅަށް ހަނގުރާމާވެސް ފަށައި، އެތައް ކުދިންނަކާއި އާންމުންނެއް ޝަހީދު ކޮށްލާފައިވެއެވެ. އަދި ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގާ ޖަރީމާތަކަށްވެސް އެންމެ ބޮޑަށް ހިތްވަރުދީ، އެކަމުގެ މޭސްތެރިއަކީވެސް ޓްރަމްޕެވެ.
ފީފާގެ އެ ނިންމުމާއެކު އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އިރު، ބެލްޖިއަމަށްވެސް އެއީ ގަބޫލުކުރަން އުނދަގޫ ނިންމުމަކަށް ވަނީ ވެފައެވެ.
ބެލްޖިއަމަށްވީ އަޖައިބަކަށް، ބޮޑު ކަންބޮޑުވުމެއް
އެމެރިކާގެ އެދުމަށް ފީފާއިން ނިންމި ނިންމުމާއެކު ބެލްޖިއަމުން ވަނީ އެކަމަށް ބަޔާން ނެރެފައެވެ. ބެލްޖިއަމް އެފްއޭއިން ނެރުނު ބަޔާނުގައި ބުނީ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާއަށް ބަލައި ނިންމި ނިންމުން ޖޯކަކަށް ވަނީ އެ ކޯޑުގެ 66 ވަނަ މާއްދާގެ ހަތަރު ވަނަ ޕޮއިންޓުގައިވާ އުސޫލު ފުނޑާލުމުން ކަމަށްވެސް ބެލްޖިއަމުން ބުންޏެވެ.
އެ މާއްދާގައި ބުނެފައިވަނީ ސީދާ ރަތް ކާޑަކަށް އެންމެ މަދުވެގެން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށާއި، ދެން ޖެހިގެން އޮންނަ މެޗު ނުކުޅެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ވޯލްޑް ކަޕްގެ އިތުރުން އެހެން އެއްވެސް މެޗެއްގައި ދެއްކި ރަތް ކާޑުގެ އެއް މެޗުގެ ސަސްޕެންޝަނަކަށް އަދަބު ލުއިކޮށްދީފައި ނުވާ ކަމަށްވެސް ބެލްޖިއަމުން ބުންޏެވެ.
ބެލްޖިއަމުން ބުނީ ފީފާގެ ނިންމުމުން މުޅި ވޯލްޑް ކަޕްގެ އުސޫލު މުގުރާލާފައިވާ ކަމަށާއި، މުބާރާތުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ފަސްވަނަ ނުކުތާގައި ބުނެފައި އޮންނަ ރަތް ކާޑުގެ ސަސްޕެންޝަން މިހާރު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މައާފު ކޮށްދިނުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް