ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ޝީޓްޕައިލް ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެއްގަމު ތޮށީގައި ކެޕިން ކޮންކްރީޓް އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނު މަގުގައި ދުވާރު ހެދުމާއި ޕާކިން ސަރަހައްދުތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ކުރިއަށްދާކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތާވަލުކޮށްފައިވަނީ މިއަންނަ އަންގާރަ ދުވަހުގައެވެ. ތާރު އެޅުމަށް ބޭނުންވާ މެޝިނަރީތައް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް އެ މަނިކުފާނުގެ ހައުސިން މިނިސްޓަރު ކަމުގައި ފެއްޓެވި ރިންގް ރޯޑް މަޝްރޫއުގެ މުހިންމު ބައެއް ކަމަށެވެ.

އެ މަގަކީ ދެކޮޅަށް ދުއްވޭ ގޮތަށް ފުޅާކޮށް ހަދާ މަގަކަށް ވުމުން، މާލޭގެ އެތެރޭގެ މަގުތަކުގެ ބާރުބޮޑުވުން ކުޑަވެގެންދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ބޮޑުތަކުރުފާނު މަގުގެ އެ ފިޔަވަހީގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީކުރާއިރު، މީގެ ކުރިން ވަނީ އިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ނިންމާފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި ފިޔަވަހި ނިމުމާއެކު، ނޯތު ހާބަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ބައިވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.