ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މޯބައިލް ފޯނު އުފައްދާ ގައުމުގެ މަގާމު އިންޑިއާއިން ހޯދައިފިއެވެ. އިންޑިއާ ސެލިއުލަރ އެންޑް އިލެކްޓްރޯނިކްސް އެސޯސިއޭޝަން (އައިސީއީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2014 އިން 2024 އަށް އެ ގައުމުގައި 2.45 ބިލިއަން މޯބައިލް ފޯނު ވަނީ އުފައްދާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން ފެއްޓެވި 'މޭކް އިން އިންޑިއާ' ސިޔާސަތުގެ ދަށުން، ފޯނު އުފެއްދުމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އައިސީއީއޭއިން ބުނި ގޮތުގައި، 2014 ވަނަ އަހަރު އިންޑިއާގައި ބޭނުންކުރި ފޯނުގެ 78 އިންސައްތައަކީ އިމްޕޯޓުކުރި ފޯނު ކަމަށް ވިޔަސް، މިހާރު އެ ގައުމުގައި ވިއްކާ ފޯނުގެ 97 އިންސައްތައަކީ އަމިއްލަ ގައުމުގައި އުފައްދާފައިވާ ފޯނެވެ.

މި މުއްދަތުގެ ތެރޭގައި ފޯނު އުފެއްދުމުގެ އަގު ވަނީ 18،900 ކްރޯޑު ރުޕީސްއިން 4.1 ލައްކަ ކްރޯޑު ރުޕީސްއަށް އިތުރުވެފައެވެ. އަދި ފޯނު އެކްސްޕޯޓުކުރި މިންވަރު 1،556 ކްރޯޑު ރުޕީސްއިން 1.2 ލައްކަ ކްރޯޑު ރުޕީސްއަށް ވަނީ އިތުރުވެފައެވެ. މިއާއެކު، މޯބައިލް ފޯނަކީ އިންޑިއާއިން ފަސްވަނައަށް އެންމެ ގިނައިން އެކްސްޕޯޓުކުރާ ބާވަތަށް ވަނީ ވެފައެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ސަރުކާރުން ތައާރަފުކުރި ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް (ޕީއެލްއައި) ސްކީމެވެ. ސެންޓަރ ފޯ ޑިވެލޮޕްމަންޓް ސްޓަޑީޒް (ސީޑީއެސް) އިން ކުރި ދިރާސާއަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާއިން މިހާރު އަންނަނީ ބޭރުން ގެންނަ ބައިތައް ރާވައިގެން ފޯނު އުފެއްދުމުގެ ބަދަލުގައި، ފޯނަށް ބޭނުންވާ މުހިންމު ބައިތައް ވެސް އެ ގައުމުގައި އުފައްދަމުންނެވެ.

އެޕަލް އަދި ސެމްސަންގް ފަދަ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުން އިންޑިއާގައި ކާރުހާނާތައް ގާއިމުކުރުމަކީ މި ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަަމަށް ހަބަރުތައް ބުނެއެވެ. ކައުންޓަރޕޮއިންޓް ރިސާޗުން ހާމަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ނިމުނުއިރު އިންޑިއާގައި އަހަރަކު 500 މިލިއަން ފޯނު އުފެއްދުމުގެ ގާބިލުކަން ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް، މިހާރު އުފައްދަމުން އަންނަނީ އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ފޯނު ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

އައިސީއީއޭގެ ޗެއާމަން ޕަންކަޖް މޮހިންދްރޫ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ސަޕްލައި ޗެއިންގައި އިންޑިއާގެ ހިއްސާ ބޮޑުވުމަކީ އެކްސްޕޯޓު އިތުރުކުރުމަށާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ވަރަށް މުހިންމު ކަމެކެވެ. މިހާރު އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން މޯބައިލް ފޯނު އެކްސްޕޯޓުކުރާ ގައުމެވެ.