ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންކަން އިސްލާހުކޮށް، ސަރުކާރު ހަމަ މަގަށް އަޅުވަން ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރައްވަން އުފެއްދެވި އިއްތިހާދުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދިފާއުގައާއި ސަރުކާރުން ހިންގާ ގޯސް ކަންތައްތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ގުޅިގެން މަސައްކަތް ކުރައްވަން މިދިޔަ މެއި މަހުގެ 15 ގައި ތިން ރައީސުން އެއްބަސްވެ ވަޑައިގެންނެވިއެވެ.

އެކަމާ ބެހޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު އެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލާނީ ފަންނީ ބަޔަކާ އެކުގައި ކަމަށް ވިދާޅުވެ، އެކަމަށްޓަކައި މަންދޫބުންގެ ކޮމެޓީއެއް ވެސް އެކުލަވައިލެއްވިއެވެ.

ނަމަވެސް އެމްޑީޕީ އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި، ރައީސް ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުން ކޮމިޓީގެ ދެ ބައްދަލުވުމަށްފަހު މަސައްކަތް މާބާރަށްް ކުރިއަށް ނުދިޔަ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ހުއްޓުނީ ކަމަށް ދެންނެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބައިވެފައިވީ ނަމަވެސް، ރައީސް ޔާމީން، ރައީސް ނަޝީދަށް އަމާޒުކޮށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދެވުމާ ގުޅިގެން ތިން ރައީސުންގެ އިއްތިހާދުގެ މަސައްކަތަށް ހިޔަނި އެޅިފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ.