ށ. ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ކުރިއަށްދިޔަ މުއާމަލާތާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ބަދަލުގެ ގޮތުގައި، 51.2 މިލިޔަން ޑޮލަރު ދައުލަތުން ނަގައިދިނުމަށް އަރާމް ޓްރެވަލްގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބަދަލުދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ، ށ. ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލަ އާއި އެ މަސައްކަތުގެ މުގާބިލެއްގެ ގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް އެ ކުންފުންޏަށް ގއ. އިންނަހެރާ ދިނުމަށްވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލް ކުރުމުން ބަދަލު ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
ފަރުކޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށް އޭރުގެ ސަރުކާރުން އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ، 25 ޖޫން 2013ގައެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތުގެ މުގާބިލުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޓަކައި ގއ. އިންނަހެރާ އާއި ގއ. އިންނަހެރާއާ ގުޅިފައިވާ ގއ. މެދަހެރާ އާއި ގއ. މައްތުހެރާ އާއި ގއ. މެދުބުރިޔާ އަދި ގއ. މާފެހެލާ 50 އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް ކުއްޔަށް ދިނުމަށް ވެސް ނިންމިއެވެ.
ނަމަވެސް އޭގެ ފަހުން 2014 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުންތައް ބާތިލުކޮށްފައެވެ. އެ އެއްބަސްވުން ބާތިލްކުރީ އެއާޕޯޓުގެ މަަސައްކަތާ ގުޅިގެން ތިމާވެށީގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ދައްކާތީއެވެ.
އެކުންފުނީގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރީ ރަނގަޅަށް ކަމަށާއި ބަދަލުދޭން ނުޖެހޭނެ ކަމަށް އެ ކޯޓުން ހުކުމް ކުރިއެވެ. އަދި އަރާމް ޑްރެވަލްސް އިން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، 21 ފެބްރުއަރީ 2016 ގައި ހައިކޯޓުން ކުރި ހުކުމުން ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ދެމެހެއްޓިއެވެ.
މި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އަރާމް ޓްރެވަލްސްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ފަރުކޮޅު ޕްރޮޖެކްޓް އެއްބަސްވުމާއި، އިންނަހެރާ އެއްބަސްވުން ބާތިލްކުރީ ޕްރޮޖެކްޓް ތަކާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމާއި އެކަމާ ގުޅިގެން ގާނޫނުގެ ދަށުން ބަދަލު ދޭން ޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެ ފަރާތުން ހައިކޯޓުގައި އެދުނެވެ.
އެއާއެކު ފަރުކޮޅު އެއްބަސްވުން އެކިއުރޭޓް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި ލިބެން ޖެހޭ އެއްލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ޑޮލަރު ނަގައި ދިނުމާއި އިންނަރެހާ އެއްބަސްވުން އެކިއުރޭޓް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް، 51 މިލިއަން ޑޮލަރާއެކު ޖުމްލަ 51.2 މިލިޔަ ޑޮލަރު ނަގައިދުމަށް ވެސް ސުޕްރީމް ކޯޓުގައި އެދުނެވެ.
ނަަމަވެސް އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ، މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަށް ބަދަލުގެންނަންޖެހޭފަދަ ސަބަބައެއް ނެތްކަމަށް ކަނޑައަޅާ ކަމަށެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ކޮމެންޓް