ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ތެރެއިން ޓިއުނީޝިއާގެ ކޯޗުކަމާ ހަވާލުވި ހާވޭ ރެނާޑާ، އެ މަގާމު ދޫކޮށްލައިފިއެވެ.
ވޯލްޑް ކަޕް ގްރޫޕް ސްޓޭޖައި ޓިއުނީޝިއާއިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ސްވިޑެން ކައިރިން ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު އޭރު ޓިއުނީޝިއާގެ ކޯޗުކަމުގައި ހުރި ސަބްރީ ލަމުޝީ މަގާމުން ވަކިކޮށް، އެ މަގާމު ހަވާލުކުރީ ރެނާޑެވެ.
އުމުރުން 57 އަހަރުގެ ރެނާޑް މިފަހަރުވެސް ތައްޔާރުވަމުން ދިޔައީ ސައުދީ އަރަބިއްޔާއާއެކު ވޯލްޑް ކަޕަށް ދިޔުމައެވެ. އެހެން ނަމަވެސް މުބާރާތް ފެށުމުގެ ދެ މަހެއްހާ ދުވަސް ކުރިން ސައުދީން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.
މިދިޔަ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައިވެސް ރެނާޑް ފެނިގެން ގޮސްފައިވާ އިރު، އެފަހަރު ސައުދީން އާޖެންޓީނާ ބަލިކުރި ތާރީހީ މެޗުގައި ރެނާޑް ފާހަގަކޮށްލެވިފައިވެއެވެ.
ރެނާޑް ބުނީ ގްރޫޕް ސްޓޭޖުން ޓިއުނީޝިއާ ކެޓުމާއެކު މަގާމުން ދުރަށް ޖެހިފައިވާ ކަމަށެވެ. ޓިއުނީޝިއާއާއެކު ރެނާޑް ފުރަތަމަ ނުކުތީ ޖަޕާނާ ދެކޮޅަށެވެ. އެމެޗުން 4-0 އިން ބަލިވެ ޓިއުނީޝިއާ ކެޓި އިރު، އެންމެފަހު މެޗުގައި ނެދަލޭންޑްސް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
ރެނާޑް ބުނީ ޓިއުނީޝިއާއަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ޝަރަފެއް ކަމަށާއި، ޖަޕާން ކައިރިންވި ބައްޔާއެކު ލަދާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް ޓިއުނީޝިއާގެ ފުޓުބޯޅައިގެ ކުރިމަގު އެބައޮތް ކަމަށާއި، ކުރިއަށް އޮތްތަނުގައި ކާމިޔާބަށް އެދޭ ކަމަށްވެސް ރެނާޑް ބުނެފައިވެއެވެ.
ޓިއުނީޝިއާއަކީ ރެނާޑް މަސައްކަތް ކުރި އެފްރިކާ ހަވަނަ ގައުމަށެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ޒެމްބިއާއާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް، ފަހުން އައިވޮރީ ކޯސްޓާއެކުވެސް އެ ޝަރަފު ހޯދައިފައެވެ. އޭގެ އިތުރުން ރެނާޑް ވަނީ އެންގޯލާއާއި މޮރޮކޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ. މޮރޮކޯއާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ނުކުތް ރެނާޑަކީ ކުރިން ގާނާގެ އެސިސްޓެންޓް ކޯޗެއްވެސް މެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް