ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިއްމު ތަރި ހަމްޒާ މުހައްމަދު (ހަމްޕު) ކަކުލުގެ ސާޖަރީއެއް ކޮށްފިއެވެ.
ހަމްޕު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކަކުލަށް ތަދުވެގެން ކުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި، އެކަމުގައި ގިނަ ޑޮކްޓަރުންތަކެއްގެ ލަފާ ހޯދިފައިވާ ކަމަށެވެ. އަދި ފުރަތަމަ އެނގުނީ ކަކުލުގައި ސިސްޓެއް ހުރިކަން ކަމަށާއި، އެހެންވެ މަޑުކުރީ ސީޒަން ނިންމާފައި ސާޖަރީ ހަދަން ކަމަށެވެ.
ހަމްޕު ބުނީ އެކަމުގައި ސްރީ ލަންކާއަށް ގޮސް ފަރުވާ ހޯދުމަށް ހެދި އެމްއާރްއައިއިން ދެއްކި ގޮތުގައި މެނިސްކަސްއާއި އޭސީއެލްއަށް އަނިޔާވެފައިވާކަން އެނގިފައިވާ ކަމަށެވެ. އެއާއެކު ސާޖަރީކޮށް، މިހާރު ރިކަވަރީއަށް ވިސްނަން ފަށާފައިވާ ކަމަށްވެސް ހަމްޕު ބުންޏެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް، އިންޑިއާގެ އެދުމުގެ މަތިން މިއަހަރުގެ ނޮވެމްބަރު މަހަށް ފަސްކޮށްފައިވާ އިރު، ހަމްޕު ބުނީ އޭނާއަށް މުބާރާތް ގެއްލޭނެ ކަމަށާއި، އެއީ ލިބުނު ބޮޑު މާޔޫސްކަމެއް ކަމަށެވެ.
އުމުރުން 31 އަހަރުގެ ހަމްޕު، މިދިޔަ ހަތް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ނަމަވެސް، މިދިޔަ ސީޒަން ނިމުމާއެކު އޭނާ ވަނީ އެ ކްލަބު ދޫކޮށްލަން ނިންމައިފައެވެ.
ނިއު ރޭޑިއަންޓުން ފުރަތަމަ ފެނިގެން ދިޔަ ހަމްޕުއަކީ މި ފަހަކަށް އައިސް ރާއްޖޭން ފެނުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްވެސް ހޯދި ހަމްޕު ވަނީ މާޒިޔާއާއެކު ފަސް ފަހަރު އަދި ނިއު ރޭޑިއަންޓާއެކު ތިން ފަހަރު ލީގު ތަށި ހޯދައިފައެވެ.
ރާއްޖޭގައި ދާދިފަހުން ބޭއްވި ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހަމްޕު ކުޅެފައިވާ އިރު، އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަނެއްގެ ގޮތުގައި ނުކުތީވެސް އޭނާއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ކޮމެންޓް