ފްރާންސާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗުގައި ޕަރަގުއާއީން ހޫނު ގަދަވުމުގެ ފައިދާ ނަގާނެ ކަމަށާއި އެއީ މެޗުގެ ނަތީޖާއަށް އަސަރު ކޮށްފާނެ ކަމެއް ކަމަށް ގުސްޓާވޯ އަލްފާރޯ ބުނެފިއެވެ.
ޕަރަގުއާއީން ގަދަ 16 ގައި ކުޅޭ ފުރަތަމަ މެޗު މިރޭ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. އެމެޗު އޮންނާނީ ފިލަޑެލްފިއާގެ އެމެރިކާގައެވެ. މޫސުން ލަފާކޮށްފައި އޮތް ގޮތުން އެ ސިޓީއަށް އެންމެ ހޫނު ގަދަވާނީ މެޗުގެ ގަޑިއިރެއްހާއިރު ކުރިންނެވެ. އެގޮތުން ހޫނުމިން 38 ޑިގްރީ ސެލްޝިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ވައިގެ ތެތްކަމާއެކު އިހުސާސްވާ ހޫނުމިން އެއަށްވުރެވެސް މައްޗަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބު ވޯލްޑް ކަޕްގައިވެސް ފިލަޑެލްފިއާގައި ކުޅުނު މެޗުތައް ފެނުނީ ހޫނު ގަދަކޮށް ކަމަށްވީ އިރު، ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްވެސް ބުނެފައި ވަނީ އެ ހޫނުގެ ޗެލެންޖް ފްރާންސަށް ކުރިމަތިވާނެ ކަމަށެވެ.
އަނެއްކޮޅުން ކޯޗު އަލްފާރޯ ބުނީ ޕަރަގުއާއީއަކީ އެ ހޫނަށް އާ ޓީމެއް ނޫން ކަމަށެވެ. އެގޮތުން ޕަރަގުއާއީން އެޓީމުގެ ހޯމް މެޗުތައް ކުޅެމުން ދަނީ އަސަންސިއޯންގައެވެ. އެ ސިޓީއަކީ ހޫނު މޫސުމުގައި ގާތްގަނޑަކަށް އެމެރިކާ ފިލަޑެލްފިއާގެ މޫސުން އޮންނަ ސިޓީއެކެވެ.
"އަހަރެމެންނަކީ މި ހޫނަށް ވަރަށް ބޮޑަށް ހޭނިފައި ތިބި ޓީމެއް. މިހެން ބުނީމަ ގަބޫލުވެސް ނުކުރެވޭނެ. އެހެންވިޔަސް އެމެރިކާގެ މި ހޫނުގެ ނުބައި އަސަރު ކުރާނެ. އެއީ ޕަރަގުއާއީގައިވެސް ހޫނު ގަދަ އިރު، ދުވާލުގެ ވަގުތުގައި މެޗެއް ނުކުޅޭނެ. އަހަރެން ހަނދާން ވާގޮތުން ހޫނު މޫސުމުގައި ދުވާލު މެޗެއް ކުޅުނީ އެންމެ ފަހަރަކު ކަންނޭނގެ. އެމެޗުންވީ ބަލިވީ،" އަލްފާރޯ ބުންޏެވެ.
އަލްފާރޯ ބުނީ ހޫނުގެ ބޭނުން ފްރާންސް ކައިރީ ކުރެވޭނެ ކަމަށް ބުނި ނަމަވެސް، އެއީ މެކްސިކޯއިން އުސްވުމުގެ ފައިދާ ނަގާ ގޮތަށް ފައިދާ ނެގޭނެ ވާހަކަ ނޫން ކަމަށެވެ. ސަބަބަކީ ޕަރަގުއާއީއަކީވެސް ހޫނު ގަދަކޮށް އަބަދު ކުޅޭ ގައުމަކަށް ނުވާނެތީ ކަމަށްވެސް އަލްފާރޯ ބުންޏެވެ.
ޕަރަގުއާއީން މިފަހަރު ގްރޫޕް ސްޓޭޖުން އުނދަގޫކޮށް ސަލާމަތްވި ނަމަވެސް އެޓީމުން ގަދަ 32 ގައި ކުޅުނީ ވަރުގަދަ ޖަރުމަނާ ދެކޮޅަށެވެ. ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ކަޓުވާލައި ޕަރަގުއާއީން ގަދަ 16 ޔަގީންކުރި އިރު، އެކަމުގެ އުފަލުގައި އެގައުމުގައި ރަސްމީ ބަންދު ދުވަހެއްވެސް އިއުލާނު ކޮށްފައިވެއެވެ.
ފްރާންސާއި ޕަރަގުއާއީ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މެންދަމު 2:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް