ފީފާ ވޯލްޑް ކަޕް ގަދަ 32 ގެ ފަހު މެޗުގައި ކޮލަމްބިއާއިން ގާނާ ބަލިކޮށްފިއެވެ.
ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮލަމްބިއާއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
ގާނާއަށް މިރޭގެ މެޗަކީ 2010 ވަނަ އަހަރަށްފަހު ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ މެޗެވެ. 2006 ވަނަ އަހަރު ގަދަ 16 ގައި ކުޅެ، 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށްވެސް ދިޔައި ގާނާއަށް 2014 ވަނަ އަހަރު ނޮކްއައުޓަށް ދެވިފައެއް ނުވެއެވެ. އޭގެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕަށް އެޓީމު ކޮލިފައިވެސް ވެފައި ނުވާ އިރު، 2022 ވަނަ އަހަރުވެސް ގާނާ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
އަލުން ގާނާގެ ނަން ވޯލްޑް ކަޕްގެ ގަދަ 16 ގެންދަން މިރޭ ނުކުތީ ކޮލަމްބިއާއާ ދެކޮޅަށެވެ. ކޮލަމްބިއާ 2022 ގެ ވޯލްޑް ކަޕުން ނުފެނުނު ނަމަވެސް، 2018 ވަނަ އަހަރު އެޓީމުން ގަދަ 16 އަށް ދިޔައެވެ. އޭގެ ކުރިން 2014 ވަނަ އަހަރު ކުއާޓާ ކުޅެފައިވާ އިރު، ދެން އޭގެ ކުރިން ނޮކްއައުޓްގައި ކުޅުނީ 1990 ވަނަ އަހަރުއެވެ.
ދާދި ހަމަހަމަ ތާރީހެއް އޮތް ދެގައުމު ނަމަވެސް، މިފަހަރު މުބާރާތުގައި ފޯމު ރަނގަޅަށް އޮތީ ކޮލަމްބިއާއެވެ. ކޮލަމްބިއާއިން ވަނީ ޕޯޗުގަލްވެސް ހިމެނުނު ގްރޫޕް ކޭގެ އެއްވަނަ ހޯދައިފައެވެ. އެއީ އުޒްބެކިސްތާނާއި ކޮންގޯ ބަލިކޮށް، ޕޯޗުގަލްއާ އެއްވަރު ކޮށްގެންނެވެ.
އަނެއްކޮޅުން ގާނާއަކީ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 32 އަށް ނުކުތް ޓީމެކެވެ. އިންގްލެންޑާ 0-0 އިން އެއްވަރުކުރުން ފާހަގަކޮށްލެވުނު އިރު، ގާނާ މޮޅުވީ ޕެނަމާ ކައިރިންނެވެ. އަދި ކްރޮއޭޝިއާ ކައިރިން އެޓީމުވީ ބައްޔެވެ.
ކޮލަމްބިއާގެ އެޓޭކަށް ސަމާލުވާން ޖެހިފައި އޮތް އިރު، ގާނާއަކީ ޑިފެންސިވްލީ ވަރުގަދަ ޓީމެކެވެ. އެކަން މިރޭގެ މެޗުން ފެނިގެންދާނެކަން މާކުރިންވެސް އޮތީ އެނގިފައެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި ގާނާއިން ނުރައްކާ ކުރިއެވެ. ހަމޭސް ރޮޑްރިގޭޒް އަތުން ގެއްލުނު ބޯޅައިގައި މިޑްފީލްޑަރު ތޯމަސް ޕާޓޭ، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އެހެން ނަމަވެސް އޭގެފަހުން ފެނުނީ ކޮލަމްބިއާއިން މެޗުގެ ކޮންޓްރޯލް ހޯދިތަނެވެ. ކޮލަމްބިއާއިން ގްރޫޕް އެއްވަނަ ހޯދަން ދެއްކި ކުޅުމަށް މަޑުމަޑުން މަސައްކަތް ކުރަން ފެށިއެވެ. އެހެން ނަމަވެސް އެޓީމުގެ ފޯވަޑް ޖޯން ކޯޑޯބާއަށް އަނިޔާވެ ލުއިސް ސުއަރޭޒް ކުޅެން ނެރެން ޖެހިފައިވާ އިރު، އަނެއްކޮޅުން ގާނާގެ މާވިން ސެނާޔާއަށް އަނިޔާވެ، އަލިޑޫ ސެއިޑޫވެސް މެޗުގެ ކުރީކޮޅުގައި ކުރެން ނެރެފައިވެއެވެ.
ކޮލަމްބިއާގެ ނުރައްކަލުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ކޮލަމްބިއާ ލީޑު ނެގިއެވެ.
ޑިފެންސް ތެރެއިން ސުއަރޭޒް ބޯޅަ ހޯދައި، އަރަމައްޗަށް ނައްޓާލުމަށްފަހު ނަގައިދިން ހުރަސް، ފުރަތަމަ ލުއިސް ޑިއާޒް ބޮލުން ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އޭނާ ބޮލުގައި ޖެހިލާފައި ދިޔަ ބޯޅަ މުޅިން ހުސްކޮށް އޮވެ ގޯލް ތެރެއަށް ވައްދާލީ ޖޯން އަރިއާސްއެވެ.
އޭގެފަހުން އަނެއްކާވެސް މެޗު ފެނުނީ ދާދި ހަމަހަމަކޮށެވެ. ގާނާއިންވެސް ގޯލަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، އެޓީމުގެ އެންޓޮއިން ސެމެންޔޯ ދިޔައީ މަޑުމަޑުން މެޗަށް ވަންނަމުންނެވެ. އެގޮތުން 37 ވަނަ މިނެޓުގައި އަރިމަތިން އެތެރެއަށް ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބާރު ހަމަލާ ބްލޮކްވީ ގުސްޓާވޯ ޕުއޭޓާ ގައިގައި ޖެހި ބްލޮކް ވެގެންނެވެ.
އެހެން ނަމަވެސް ހާފު ނިންމާލަން ދަމުން ކޮލަމްބިއާ އަނެއްކާވެސް ނުރައްކާކުރިއެވެ. ސެމެންޔޯގެ ނުރައްކަލަށް މިނެޓެއް ފަހުން ޑިއާޒަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ބާރަށް ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑެނިއަލް މުނޯޒް ނަގައިދިން ހުރަހުން އަނެއް ފަޅިން ފަހަތަށް ކުޅެމުންދިޔަ ޖޮހާން މޮހީކާ ބޮލުން ފޮނުވާލި ބޯޅަ، ގާނާގެ ކީޕަރު ލޮރެންސް އަޓިޒީގީ މަތަކުރީ ރަނގަޅު ޑައިވްއަކާ އެކުގައެވެ.
ދެވަނަ ހާފަށް ކޮލަމްބިއާއިން ނުކުތީ ބަދަލަކާއެކުގައެވެ. ރިކާޑް ރިއޯސް ކުޅެން ނުކުރީ ހަމޭސް ރޮޑްރިގޭޒްގެ ބަދަލުގައެވެ. ބެލެވޭ ގޮތުގައި އެއީ އަނިޔާގެ ސަބަބުން ކުރި ބަދަލެކެވެ. ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ ކޮލަމްބިއާއިންނެވެ. ހަލުވި އަވަސް ކުޅުމަކުން ކޮލަމްބިއާއިން ދެވަނަ ހާފު ފަށައި، 55 ވަނަ މިނެޓުގައި އިތުރު ހަމަލާއެއް އުފެއްދިއެވެ. ކޯނަރެއްގައި ޑިއާޒް އަދި ޕުއޭޓާގެ ކޮމްބިނޭޝަނާއެކު، ޕުއޭޓާ ގޯލްގެ ދުރު ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ މަތަކުރީ ގާނާގެ ކީޕަރު އަޓިޒީގީއެވެ.
އޭގެ މިނެޓެއްފަހުން ޑިއާޒް ފައިން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ސުއަރޭޒް އެ ބޯޅަ ހުރަސް ކުރި ވަގުތު އޭނާ އޮފްސައިޑް މަގާމެއްގައި އޮތުމުން ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ.
މެޗުގެ ފަހުކޮޅަށް ދިޔަވަރަކަށް ގާނާއިން އެޓޭކަށް މަސައްކަތްތަކެއް ކުރަން މަޖުބޫރުވެ، ބަދަލުތަކާއެކު އެ މަސައްކަތް ކުރި ނަމަވެސް ބޮޑަށް ނުރައްކާކޮށް ފެނުނީ ހަމަ ކޮލަމްބިއާއެވެ. ގާނާއަށް އެޓޭކިން އޭރިއާ ތެރެއަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވާ އިރު، 79 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑިއާޒްގެ ބާރު ހަމަލާއެއް ބްލޮކް ވެގެން ކޯނަރަކަށް ބޭރަށް ދިޔައެވެ. އެ ކޯނަރުގައިވެސް ކޮލަމްބިއާއިން ނުރައްކާ ކުރި އިރު، ޑިފެންޑަރު ޑެވިންސަން ސަންޗޭޒް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގާނާ ކީޕަރު އަޓިޒީގީ އަތަށެވެ.
އޭގެ އިރުކޮޅެއްފަހުން 83 ވަނަ މިނެޓުގައި ބަދަލަކަށް ނުކުތް ކޮލަމްބިއާގެ ހުއާން ގެންޓޭރޯ ދުރުން ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ދަނޑި ކައިރިންނެވެ.
އެންމެފަހު ވަގުތުވެސް ކޮލަމްބިއާއިން ބޮޑަށް ނުރައްކާކޮށް، ގާނާއަށް ފުރުސަތު ނުދީ ހިފަހައްޓާލި އިރު، އެޓީމުން ގަދަ 16 ގައި ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް