ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕަރަގުއާއީއާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗުގައި، ފްރާންސަށް ދިމާވާނެ އެންމެ ބޮޑު ޗެލެންޖަކީ މާބޮޑަށް ހޫނުގަދަވުމުން ދިމާވާނެ މައްސަލަ ކަމަށް ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.

ފްރާންސުން ގަދަ 16 ގައި ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނީ ފިލަޑެލްފިއާގައެވެ. މޫސުން ލަފާކޮށްފައި އޮތް ގޮތުން އެ ސިޓީއަށް އެންމެ ހޫނު ގަދަވާނީ މެޗުގެ ގަޑިއިރެއްހާއިރު ކުރިންނެވެ. އެގޮތުން ހޫނުމިން 38 ޑިގްރީ ސެލްޝިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ވައިގެ ތެތްކަމާއެކު އިހުސާސްވާ ހޫނުމިން އެއަށްވުރެވެސް މައްޗަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބު ވޯލްޑް ކަޕްގައިވެސް ފިލަޑެލްފިއާގައި ކުޅުނު މެޗުތައް ފެނުނީ ހޫނު ގަދަކޮށް ކަމަށްވީ އިރު، ޑިޝޯމްގެ ނަޒަރުގައި ހޫނަކީ ބޮޑު ޗެލެންޖެކެވެ.

"ފްރާންސްގެ އެސިސްޓެންޓް ކޯޗު ސްޓެފަންއާއެކު އަހަރެން މިދިޔަ އަހަރު ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ފިލަޑެލްފިއާއަށް އައިން. ހަމަ އެ ސްޓޭޑިއަމަށް މި ނުކުންނަން ޖެހެނީ. އެމެޗު ފެނުނީ ވަރަށް ހޫނު ގަދަކޮށް، އޭގެ އަސަރު ޓީމަށްވެސް ކުރި. މިއީ ކުޅުންތެރިންގެ ސިއްހަތަށް އަސަރުކުރާނެ ހޫނެއްތޯ ސުވާލުވެސް އުފެދޭނެ. މިއީ އުނދަގޫ ހާލަތެއްގައި ކުޅެން ޖެހޭ މެޗެއް. އެކަމަކު އެކަމަށް ހޭނެން ޖެހޭނެ. އެއީ ޗެލެންޖެއް ނަމަވެސް އެކަން ކުރަން ޖެހޭނެ،" ޑިޝޯމް ބުންޏެވެ.

ފްރާންސް ފެނިގެން ދަނީ މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ފޯމު ރަނގަޅަށް އޮތް ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުވެސް ފުރިހަމަ ރެކޯޑަކާއެކު ނިންމާލި އިރު، އެޓީމުގެ އެޓޭކް ލައިން ފެންނަނީ ތަފާތު މޮޅުކޮށެވެ. ގަދަ 32 ގައި ފްރާންސުން ސްވިޑެން ބަލިކުރީވެސް ފަސޭހަކަމާއެކުގައެވެ.

ޑިޝޯމް ވަނީ އެންމެފަހުން ޕަރަގުއާއީއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުގެ ހަނދާންވެސް އާކޮށްފައެވެ. އެމެޗުގައި ޑިޝޯމް ކުޅެފައިވެސް ވެއެވެ. އެއީ 1998 ވަނަ އަހަރު ވޯލްޑް ކަޕް ތަށި ހޯދަން ފްރާންސުން ކުރި ދަތުރުގައި ގަދަ 16 ގައި ކުޅުނު މެޗެވެ. އެމެޗު އިތުރު ވަގުތަށް ގޮސްގެން ފްރާންސް މޮޅުވީ 1-0 އިންނެވެ.

"އެއީ ފްރާންސްގެ ވަރުގަދަ ޓީމެއް. އެކަމަކުވެސް އެމެޗު ޓަފް. އެ މެޗުގެ ހަނދާނަކީ ވޯލްޑް ކަޕްގެ ތާރީހުގައި ހަރުލާފައި ހުންނާނެ ހަނދާނެއް. އެހެންވިޔަސް މިއީ ތަފާތު ހާލަތެއް،" ޑިޝޯމް ބުންޏެވެ.

ޑިޝޯމް ބުނީ އޭރަށްވުރެ މިހާރު އޮތް ޕަރަގުއާއީ ޓީމު މާ ކޮލިޓީ ރަނގަޅު ކަމަށާއި އެކަމަށް ވިސްނަން ޖެހޭނެ ކަމަށެވެ.

ފްރާންސާއި ޕަރަގުއާއީ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 2:00 ގައެވެ.