ކޮޅުމަޑުލުގެ އެންމެ ބޮޑު އަދި އެންމެ ގަދީމީ އެއްރަށަކީ ކަނޑޫދޫއެވެ. އެރަށަށް އެނަންކިޔުނު ކަމަށް ބެލެވޭ އޮތީ ދެ ސަބަބެކެވެ. އެއްސަބަބަކީ އަތޮޅުގެ އެންމެފުޅާ ކަނޑުއޮޅީގެ އެއްކަނުގައި އޮތުމެވެ. އަނެއްސަބަބަކީ ޒަމާންވީ ކަނޑޫފަލެއް އޮތުމެވެ. މިނަންކިޔާ އެހެންރަށެއް މިލަދުންމަޑުލު އުތުރުބުރީގައިވެސް އޮވެއެވެ. އެއީ މާކަނޑޫދޫއެވެ. އެއީ ދާދިފަހަކާ ހަމައަށްވެސް މީހުން ދިރިއުޅުނު ރަށެކެވެ. އެރަށުގެ ރައްޔިތުން އެއަތޮޅު މިލަންދޫއަށް ބަދަލުކުރުމުން ފަޅުވީއެވެ. މިދެންނެވި މާކަނޑޫދޫވެސް އޮންނަނީ މާކަނޑެއްގެ މެދުގައެވެ. އެރަށުގައި ކަނޑޫފާ ޒާތުގެ ކުޅިއެއްވެސް އޮވެއެވެ. އެހެންވީމާ މިދެރަށަށްވެސް މިނަންކިޔުމުގައި ރަށުގެ ގުދުރަތީ ސިފަޔަށް ރިއާޔަތްކުރެވިފައިވާ ކަމަށް ގަބޫލު ކުރެވެއެވެ. ކޮޅުމަޑުލު ކަނޑޫދޫ މިޒަމާނުގައި މަޝްހޫރުވެފައި އޮންނަނީ މިރުސްހައްދާ ރަށެއްގެ ގޮތުގައެވެ. ދަނޑުވެރިކަމުގެ ރަށެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް 2021 ވަނަ އަހަރު ބޭއްވުނީވެސް ކަނޑޫދޫގައެވެ.

މިއަދުގެ ކަނޑޫދޫއަކީ އަތޮޅުގެ ނިސްބަތުންވެސް މާބޮޑު އާބާދީއެއް ނޫނެވެ. ރަށުގައި އުޅޭ ބިދޭސީންވެސް ހިމަނައިގެން ގާތްގަޑަކަށް ފަސްސަތޭކައެވެ. އެންމެންގެވެސް ދިރިއުޅުމާ ގުޅިފައިވާ މައިގަޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. ރަށުގެ އިގްތިސޯދުގެ ފުރާނަޔަކީވެސް އެއީއެވެ. އެކަމަކު ދާދިފަހަކާ ހަމަޔަށްވެސް އަދި އެހެން ރޮގަކުން ކަނޑޫދޫ މަޝްހޫރުވެފައި އޮތެވެ. ވަޑާންކުރުމުގެ ރޮގުންނެވެ. ކަނޑޫދޫ ވަޑިންނަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް ބޮޑު ޑިމާންޑެއް އޮތެވެ. ވެލާނާގޭ އިބްރާހިމް ނާސިރުގެ ވެރިކަމުގެ ކުރީކޮޅު މާލެ ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއްބަޔަކީވެސް އެއީއެވެ. ކަނޑޫދޫގެ އާބާދީ މިއަދު ތުނިކޮށް އޮތުމުގެ ސިއްރަކީ މިދެންނެވި ދުވަސްވަރު މަސައްކަތްތެރި ހުނަރުވެރި ގިނަބަޔަކު މާލެއަށް ހިޖުރަކުރުމެވެ. މާލޭގެ ވިޔަފާރިއާއި މަސައްކަތުގެ ދާއިރާގައި މިއަދުވެސް އެންމެ ނަން މަޝްހޫރު ބައެއް މީހުންނަކީ ކަނޑޫދޫގެ އެކި އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހަމަކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުން ފަޚުރުވެރިވާ ބަތޮލުން އުފެދިފައިވެއެވެ. އެކި ދާއިރާތަކުންނެވެ. އެގޮތުން ކަނޑޫދޫގައިވެސް ވަރަށް މަޝްހޫރު މީހުން އުޅެފައިވެއެވެ. އުޅެމުންދެއެވެ. ގިނަފަހަރަށް މީސްމީހުންގެ ހަނދާންތައް އައުކޮށް އެވާހަކަ ދެކެވެނީ އެމީހަކު ދުނިޔެދޫކޮށް ނިމިދާފަހުންނެވެ. ކަނޑޫދޫ ނަރުވާ ކާންނާކަލޭގެފާނަކީ އެކަހަލަ ބޭކަލެކެވެ. ކަނޑޫދޫގެ ތާރީޚު ހާވައި ބެލީމާ އެރަށަށް ނިސްބަތްވި އެންމެ މަޝްހޫރު ޝަޚުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވެނީ މިދެންނެވި ކަލޭގެފާނެވެ. އެބޭކަލަކަށް ނިސްބަތްކުރެވޭ މިސްކިތެއް ކަނޑޫދޫގައި އެބަހުއްޓެވެ. ނަމަކީ ނަރުވާ މިސްކިތެވެ. ވަރަށް އާސާރީ މިސްކިތެކެވެ. ނަރުވާ ކަލޭގެފާނާއި އެކަލޭގެފާނުގެ ގާތް އައުލާދުން ފަސްދާނުލެވިފައިވަނީ މިދެންނެވި މިސްކިތުގެ ވަށައިގެންވާ ގަބުރުސްތާނުގައެވެ. އެބޭކަލަކަށް ނިސްބަތްކުރެވޭ މަގެއްވެސް އެބައޮތެވެ. ނަރުވާމަގެވެ.

އެއީ ކޮންދުވަސްވަރެއްގައި ދުނިޔޭގައި އުޅުއްވި ބޭކަލެއް ބާވައެވެ. އެބޭކަލަކު މަޝްހޫރުވީ ކޮންކަމެއް ކުރައްވައިގެން ބާވައެވެ. މި ސުވާލުތަކުގެ ޖަވާބު ދެނެގަތުމަށްޓަކައި އަަޑުއަހާން ޖެހެނީ ރަށުގެ ދުވަސްވީ މީހުން ކިޔައިދޭ ވާހަކަތަކެވެ. ފޯކްލޯރެވެ. ބަލަންޖެހެނީ އަތޮޅުގެ ތާރީޚަށް އަލިކަންލިބޭ ބައެއް ސަފުހާތަކަށެވެ. ނަރުވާ ކާންނާކަލޭގެފާނު ދުނިޔޭގައި އުޅުއްވި ދުވަސްވަރަކީ ދިޔަމިގިލީ ބޮޑުބަންޑާރައިން ނުވަތަ ސުލްތާނު މުހައްމަދު އިމާދުއްދީނު ދެވަނަ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންގެ ދުވަސްވަރެވެ. އެރަދުންގެ ރަސްކަން ފެށުނީ މީލާދީން 1704 ވަނަ އަހަރުއެވެ. އެއީ މީގެ 322 އަހަރު ކުރިއެވެ. ކަނޑޫދޫ ބައު ހުކުރު މިސްކިތާއި ނަރުވާ މިސްކިތް ބިނާކުރެވުނު ކަމަށް ބޮޑަށް ގަބޫލުކުރެވެނީ އެދުވަސްވަރުގައެވެ. އެ ދެމިސްކިތުގެ ގަލުވަޑާމާއި ލަކުޑީގެ ވަޑާމަކީ މިދެންނެވި ދުވަސްވަރުގެ މަސައްކަތެވެ. މިއަދުގެ ކަނޑޫދޫން ފެންނާންހުރި އެންމެ އާސާރީ ދެބިނާއަކީވެސް މިދެންނެވި ދެ މިސްކިތެވެ.

ނަރުވާ ކާންނާކަލޭގެފާނާއި ގުޅުވައިގެން ދެކެވޭ އެންމެ މަޝްހޫރު ވާހަކަޔަކީ ކަނޑޫދޫގައި އެކަލޭގެފާނު ބެންނެވި މާބިޔަ ވަރުގަދަ އޮޑިއެއްގެ ވާހަކައެވެ. އަމިއްލަ މާވަޑިކަމުގައެވެ. އެ އޮޑި ބެންނެވިތަން ކަމަށް ބުނެވޭ ތަން އެރަށުގެ ދުވަސްވީ މީހުން މިހާރުވެސް ފާހަގަކޮށް ދައްކައެވެ. ކޮންމެވެސް ސަބަބަކާލައިގެން ވަރަށް ބޮޑަށް އަޑިވެފައި އޮންނަ ތަނެކެވެ. މި އޮޑި ބަންނަވައިގެން ނަރުވާ ކާންނާކަލޭގެފާނު ކުރެއްވި ކަމަކީ ކަނޑޫދޫގެ ވަރަށް ގިނަބަޔަކު ގޮވައިގެން ދިގު ދަތުރެއް ކުރައްވައި ހައްޖަށް ވަޑައިގެންނެވީއެވެ. އަމިއްލަ ނެވިކަމުގައެވެ. އެއީ ކަނޑޫދޫން ފެއްޓެވި ދަތުރެެއްކަމަށް ވަންޏާ ހިޖާޒުކަރައިގެ ޖިއްދާއަށް ފޯރާނީ މަދުވެގެން 4800 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށްފައެވެ. ޖިއްދާގައި އޮޑި ބަނދަރުކޮށްފައި ދެން އޮންނާނީ އެ އެންމެން ގޮވައިގެން ޖިއްދާއިން މައްކާއަށް މަދުވެގެން 70 ކިލޯމީޓަރުގެ ދިގު އެއްގަމު ދަތުރެކެވެ. ހައްޖުގެ އަޅުކަމަށްފަހު އެ އެންމެންނާއިގެން ސަލާމަތުން އެނބުރި ކަނޑޫދޫއަށްވެސް ވަޑައިގެންނެވިއެވެ.

ނަރުވާ ކާންނާކަލޭގެފާނާއި އޭނާގެ އައުލާދުން ފަސްދާނުލެވިފައިވާ ބިސްތާނަ. ފޮޓޯ އިމާދު ލަތީފު: ވަންއޮންލައިން

އެޒަމާނުގައި މިއީ އާދައިގެ މީހަކަށް ކުރެވޭނެ ދަތުރެއް ނޫނެވެ. ހިންގޭނެ މަޝްރޫއެއްވެސް ނޫނެވެ. ޚަރަދުގެ ގޮތުންނެވެ. ދަތުރުގެ ދިގުކަމާއި ނުރައްކާތެރިކަން ބޮޑުކަމުންނެވެ. ކުރީޒަމާނުގައި ހައްޖަށް ދެވޭނީ ރަދުން ހުއްދަދެއްވާ މީހަކަށެވެ. ނަރުވާ ކާންނާކަލޭގެފާނު ކަނޑޫދޫން އެތައް ބަޔަކާއެކު ހައްޖަށް ވަޑައިގެންނެވިކަމަށް ވަނީ ރަދުންގެ އިޒުނަޔަކާ ނުލައެވެ. ދެންނެވުމަކާ ނުލައެވެ. އެހެންވެ ދަރުބާރަށް ހާޒިރުވާން ރަދުން އެންގެވީމާ އެ އެންގެވުމަށްވެސް ނަރުވާ ކަލޭގެފާނު ތަބާވެވަޑައި ނުގެންނެވިކަމަށް ކިޔައެވެ. އެކަން އެހެންވިޔަސް އޭނާގެ ހިތްވަރާއި ހިކުމަތާއި ހުނަރަށް ބައްލަވައި ރަދުން އުފާކުރައްވައި ނަރުވާ ކަލޭގެފާނަށް ކޮލިލައްވައި އިއްޒަތް ދެއްވިކަމަށްވެސް ބުނެވެއެވެ. ކާންނާކަލޭގެފާނަކީ އެ އިއްޒަތާ ގުޅިފައިވާ ނަމެކެވެ. ރަދުންނަކީވެސް ކޮޅުމަޑުލު ދިޔަމިގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ކޮޅުމަޑުލު ދަރިއެއްގެ މި ހިތްވަރާއި ކެރުމާމެދު ރަދުން އުފާފުޅު ކުރެއްވީ އެހެންވެއެވެ.