(26 ޖޫންގެ އަދަދާ ގުޅޭ)
ދުޝްމަނުންނާ ޙަމަލަ ދިނުމަށް ޓަކައި ރަސްގެފާނުގެ އަމުރުފުޅަށް އިންތިޒާރު ކުރުމެއް ނެތި، ތުރުކުމާނުންގެ ގެމައެއްގެ އަށް މުޖާހިދުން ވައި އަޅައިފައި ވާ ހަންތަކެއްގެ އެހީގައި ފަތައިފއަި ކޯރުގެ އޮއިގަނޑާ ހަމަޔަށް ހިނގައްޖެއެވެ. އައްސޭރި ބަލަހައްޓާން ތިބި ދުޝްމަނުންގެ ޖަމާޢަތެއް، އެބައިމީހުންނާ ދިމާޔަށް ދުނި އުކަމުން ގެންދެއެވެ. سلطان محمود ހިތްވަރުގަދަކަމަށް ގަދަރު ކުރައްވާ ވަރަށް، ހަނގުރާމައިގައި އަމުރުފުޅާ ޚިލާފު ވާ މީހުންނާ މެދު ހަރުކަށިކަން ވެސް ބަހައްޓަވައެވެ. ނަމަވެސް މި ފަހަރު އެމަނިކުފާނު އާދަޔާ ޚިލާފަށް ކެތްތެރި ވެވަޑައިގެން، އެމަނިކުފާނުގެ ވަށައިގެން އެއް ވަމުން ދިޔަ އޮފިސަރުންނާ ދިމާޔަށް ބައްލަވައިލައްވައިފައި ބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "ކުރިޔަށް އަރާށެވެ!" ވަގުތުން މުސްލިމުންގެ އެއް ބަޔަކު ހަންތަކާ އެކު، އަނެއް ބަޔަކު އަސްމަތީގައި ކޯރަށް ފައިބައިފިއެވެ. ޚުދު ރަސްގެފާނު ވެސް ފަރުބަދަމަތީން ފައިބައިވަޑައިގެން އަސްމަތީގައި ކޯރާ ދިމާ ކޮށްލައްވައިފިއެވެ.
ހަންތަކުގެ އެހީގައި ކޯރު ހުރަސް ކުރުމުގައި އިސް ނެގި އަށް މުޖާހިދުން ދުޝްމަނުންގެ ދުނިފަށަށް ހިނގައްޖެއެވެ. ކުއްލިޔަކަށް، ކަޑަބޮއް ޖަހަމުން އަސް ދުއްވައިފައި އައި ދެ ސަވާރުން ކުޑަކުޑަ ފަރުބަދަގަނޑެއްގެ ނިވަލުން ނުކުމެއްޖެއެވެ. ހީ ވާ ގޮތުން، އެއީ ހިންދީ ސިފައިންގެ ދެ ސަވާރުންނެވެ. އެ ދެ މީހުން ކޯރު ހުރަސް ކުރާ ތުރުކުމާނުންނަށް ފަރުވާލެއް ނުބަހައްޓައި، ހިންދީންގެ ދުނިދަނޑިވެރީންގެ މަރުކަޒަށް ޙަމަލަ ދީފިއެވެ. ފަސް މީހުން ގަތުލު ކުރާ އިރަށް، ދެން ތިބި މީހުން ބިރުން ހަށްޓަކު ހެޔެއް ވެސް ނެތެވެ. އެބައިމީހުން އަވަހަށް ފިލައިރައްކާ ވެއްޖެއެވެ. ނަމަވެސް ކޯރުގެ އައްސޭރި އާއި ފޭލިގެތަކާ ދެމެދު ތިބި ހިންދީ ސިފައިން ދުވެފައި ކޯރުގެ އައްސޭރިއަށް ނުކުމެއްޖެއެވެ. އެކަމަކު ކޯރު ހުރަސް ކުރާ ލަޝްކަރުގެ ޖެހިލުންކުޑަކަމާއި ހިތްވަރުގަދަކަން ފެނުމުން އެބައިމީހުންގެ ހިތްތަކަށް ސިހުންތެރިކަން ވަދެގެން ޙަމަލަ ދިނުމަކާ ނުލައި ފަހަތަށް ޖެހިއްޖެއެވެ.
ތުރުކުމާނުންގެ އަށް މީހުން ކޯރު ހުރަސް ކުރެވުމާ އެކު އެބައިމީހުންގެ ހިންދީ އެހީތެރީންގެ ވަށައިގެން ޖަމާ ވެއްޖެއެވެ. އޭގެ ތެރެއިން އެކަކު އޭނާގެ ބޮލުގައި އޮތް ހަމުގެ ތާކިހާ ނަގައިފައި ސަވާރަކަށް ދެމުން، މައްސުނި ވެފައި ވާ ހިންދީ އާއި ފާރިސީ ބަހުން ބުންޏެވެ. "އަހަރެމެންނަށް، ތިޔައީ ކޮން ބައެއްކަމެއް ނޭނގެއެވެ. ނަމަވެސް އަހަރެމެން ތިޔަބައިމީހުންނަށް ޝުކުރުވެރި ވަމުއެވެ. އަހަރެމެންގެ އެކުވެރީންނަށް ތިޔަަބައިމީހުން ފާހަގަ ކުރުމުގައި އޮޅުމެއް އަރައިފާނެތީ އަހަރެމެން ބިރު ގަނެއެވެ. ވީމާ ފަގުޑީގެ ބަދަލުގައި މި ތާކިހާ އަޅާށެވެ."
ތުރުކުމާނުންގެ އެހެން މީހެއް، ކުރީ މީހާއެކޭ އެއްގޮތަށް އޭނާގެ ތާކިހާ ނަގައިފައި ދެން ހުރި ސަވާރަށް ދީފިއެވެ.
މި ދެ ސަވާރުން ކުރެ އެއް ބޭފުޅަކީ ރަންބީރެވެ. ދެން ހުންނެވީ ރާމްނާތެވެ. އެ ބޭފުޅުން ތުރުކުމާނުންގެ ތާކިހާ އެޅުއްވުމަށް ފަހު، ކޯރު ހުރަސް ކުރާ ލަޝްކަރާ ދިމާޔަށް ބައްލަވާން ފަށްޓަވައިފިއެވެ. ރާމްނާތުގެ އޭނާގެ އެކުވެރިޔާއާ ދިމާޔަށް ވިދާޅުވިއެވެ. "ކަލާނގެތައް ގަންދީ ދަންނަވަމެވެ. މިއީ އިންސާނުންނެއް ނޫނެވެ. މީގެ ފަހުން މީހަކު އަޅުގަނޑު ގާތު މި ލަޝްކަރު ކަނޑުގައި ހިނގައިފައި ކޮންމެވެސް އެހެން ޤައުމަކަށް ހިނގައްޖެޔޭ ބުނިކަމުގައި ވިޔަސް އަޅުގަނޑު ޙައިރާނެއް ނުވާނަމެވެ."
ކޯރުގެ އައްސޭރީން ބޯ ގަސްތަކުގެ ތެރެއިން އިވެމުންދާ އަސްތަކުގެ ފިޔަވަޅުތަކާއި އެތްތައް ހޭރޭ އަޑާއި އިންސާނުން ހަޅޭއްލަވާ އަޑު ދޭހަ ކޮށްދެނީ، ތަރުލޯޗަންޕާލްގެ މުޅި ލަޝްކަރު އެބައިމީހުން ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ކުރިމަތި ވި މި ކުއްލި ޙާލަތާ ކުރިމަތިލުމަށް ޓަކައި ޙަރަކާތްތެރި ވާން ފަށައިފިކަމެވެ. ނަމަވެސް އޭރު މުސްލިމުންގެ ލަޝްކަރުގެ އެތައް ގެމަތަކެއް ކޯރު ހުރަސް ކޮށްފިއެވެ.
އެ ވަގުތު ރަންބީރަށް ފެނިވަޑައިގަތީ އޭނާއާ ވަރަށް ގާތުން ގަސްތަކުގެ ފަހަތުން ފަސް އެތް އަންނަތަނެވެ. އެތްތައް މިޞްރާބު ޖަހައިފައި ވަނީ ރަންބީރުގެ ކަނާތްޕުޅު ފަރާތުން ކޯރު ހުރަސް ކުރުމަށް ފަހު އައްސޭރީގައި އަދި ފައިތިލަ ސާބިތު ނުކުރެވިގެން އުޅޭ މުސްލިމުންގެ ސިފައިންނާ ދިމާޔަށެވެ. ސިފައިންގެ ތެރެއިން ބައެއް މީހުން އެކި ފަރާތްފަރާތަށް ކެވި އަރައި ވިއްސިވިހާލި ވެއްޖެއެވެ. ބައެއް މީހުން އައްސޭރީގައި ހުރި ގާތަކުގެ ނިވަލުގައި ތިބެ އެތްތަކާ ދިމާޔަށް ދުނި އުކާން ފަށައިފިއެވެ. ދެ އެތް ބިރުން ފަހަތަށް އެނބުރި، އެ ތަކެތީގެ ފަހަތުން އަންނަ ހިންދީންގެ ދުނިދަނޑިވެރީންގެ ސަފުތައް ފުނޑުފުނޑު ކުރަމުން ދުއްވައިގެންފިއެވެ. ނަމަވެސް ތިން އެތް އެ އަންނަ ގޮތަށް ކުރިޔަށް އާދެއެވެ. އެއް އެތް ހިލަތަކުގެ ނިވަލުގައި ތިބެ ދުނި އުކާ މީހުންނާ ވަރަށް ގާތަށް އަތުވެއްޖެއެވެ. ސިފައިންގެ އެތައް ބަޔަކު ފަސްފަހަތަށް ދުވެ ގޮސް ކޯރަށް ފުންމައިލައިފިއެވެ. ދެން ތިބި މީހުން އެކި ފަރާތްފަރާތަށް އަރައިފިއެވެ. ނަމަވެސް އެންމެ ކުރީގައި ތިބި ތިން މީހުން ގުޑައިވެސްނުލައި އެބައިމީހުން ތިބި ތާނގައި އެބަތިއްބެވެ. އެބައިމީހުންގެ ދުނީން އެތެއް ޒަޚަމް ވުމުން އެސޮރު ރުޅި އައިސްގެން ހޮނޑު އުފުލައިލައިގެން ވަރަށް ބާރަށް ގޮވަމުން ކުރިޔަށް ދާން ފަށައިފިއެވެ. ކުއްލިޔަކަށް ކޮންމެވެސް މީހެއް ހިލައިގެން ނިވަލުން ނުކުމެ ކަނޑި ދަމައިގަނެގެން އެތުގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭނާ ހަލާކު ވެދާނެކަން ޔަގީން ވެވަޑައިގެން، ރަންބީރު ކުއްލިޔަކަށް އޭނާގެ އަސްކޮޅު ދުއްވައިލައްވައިފިއެވެ. އޭނާ ލޮންސިކޮޅުން އެތާ ޙަމަލަ ދެއްވައިފިއެވެ. ރަންބީރުގެ ލޮންސިކޮޅު އެތުގެ ހޮނޑަށް ވަދެ ހަރުލައިފިއެވެ. އެތް ބިރުން ފިތް ކަނޑައިގެންދާ ފަދަ އަޑުފަށްގަނޑަކާ އެކު ރަންބީރާ ޙަމަލަ ދީފިއެވެ. ރަންބީރު އެއް ފަރާތަކަށް އަސް އަނބުރުއްވައިލެއްވޭތޯ ބެއްލެވިއެވެ. ނަމަވެސް އޭނާގެ އަސް ކައްސައިލައިގެން ވެއްޓިއްޖެއެވެ. ރަންބީރު އެއް ފަރާތަކަށް ސޮއްސައިލައްވައިގެން، އަހުގެ ދަށު ވެވަޑައިނުގެން ސަލާމަތް ވެވަޑައިގެންފިއެވެ. ނަމަވެސް އޭނާޔަށް ތެދު ވެވަޑައިގެން ސަމާލު ވެވަޑައިނުގެންނެވެނީސް އެތް އަނެއްކާވެސް ޙަމަލަ ދީފިއެވެ. ރާމްނާތު ރަންބީރު ސަލާމަތް ކުރެއްވުމަށް ޓަކައި ޙަމަލަ ދެއްވާން އުޅުއްވިއެވެ. ނަމަވެސް އޭނާއަށް ވުރެ ކުރީން އެހެން ސިފައިންގެ މީހެއް ކަނޑިއެތިފަހަރަކުން އެތުގެ ހޮނޑު ބުރި ކޮށްލައިފިއެވެ. ރާމްނާތުގެ ލޮންސިކޮޅު ވެސް އެތުގެ ލޮލަށް ހެރިއްޖެއެވެ. އެސޮރު އަނބުރައިލައިފައި ފިލާން ދުއްވައިގެންފިއެވެ. އޭރު ތުރުކުމާނުގެ ސިފައިން އަނެއް ދެ އެތުގެ މޫނު ވެސް އަނބުރައިލައިފިއެވެ.
ކުރީން ވެސް ދެންނެވި ފަދައިން، ތަރުލޯޗަންޕާލްގެ ލަޝްކަރުގައި ގާތްގަނޑަކަށް ތިންސަތޭކަ އެތް އޮތެވެ. ނަމަވެސް އޭނާއަށް އޭނާގެ ލަޝްކަރު އިންތިޒާމު ކުރެއްވުމުގެ ކުރީން މުސްލިމުން ކޯރު ހުރަސް ކޮށްފިއެވެ. އޭރު ވެސް އެތުގެ ވިއްސިވިހާލި ވެފައިވާ ބައިގަނޑުގަނޑު ގެންދިޔައީ ޚުދު ޗަރުލޯތަންޕާލްގެ ލަޝްކަރު ސުންނާފަތި ކުރަމުންނެވެ.
މުސްލިމުންގެ ލަޝްކަރު ވަގުތުން ފުރިހަމަޔަށް އިންތިޒާމު ވެގެން ދުޝްމަނުންނާ ޙަމަލަ ދީފިއެވެ. سلطان محمود ގެ ފަހަތްޕުޅުން ތުރުކީންނާއި އަފްޣާނީންގެ އަސްވާރުން ޠޫފާނެއްގެ ގަދަ ވައިރޯޅިއެއް ފަދައިން ދުޝްމަނުންގެ ލަޝްކަރު ދެ އަތަށް ކަހައިލައިފައި ލަޝްކަރުގެ ފަހަތަށް ހިނގައްޖެއެވެ. ހަމަ ވަގުތުން މުސްލިމުންގެ ދެން ތިބި އަސްވާރުން ހިންދީންގެ ލަޝްކަރުގެ ދެ ފަރާތުގެ އަރިމައްޗަށް ވަރުގަދަ ޙަމަލައެއް ދީފިއެވެ. އިސްލާމީ ލަޝްކަރުގައި ތިބި އިންޑިއާގެ ސިފައިން ފަސްދޮޅަސް އެތުގެ ސަފެއްގެ ކުރިމައްޗަށް ނުކުމެއްޖެއެވެ. ކޮންމެ އެތެއްގެ ބުރަކަށިމަތީގައި ދުނިދަނޑިވެރީންގެ ދެ މީހުން މަހުމަލެއްގައި ތިއްބެވެ. އެބައިމީހުން ތަނެއް ދޮރެއް ނުބަލައި ދުނި އުކަމުން ދެއެވެ. ރަންބީރާއި ރާމްނާތު އިންޑިއާގެ ސިފައިންގެ ޔުނިޓަށް ވެދެވަޑައިގެންފިއެވެ. ކުރިމަތީން ޙަމަލަ ދީގެން އެތުގެ ސަފު ކުރިޔަށް އަޔަނުދީ ފަހަތަށް އަނބުރައިލެވޭ ވަރަށް ވުރެ މާ ވަރުގަދައެވެ. އިންޑިއާގެ ސިފައިން އެތްތަކާ ދިމާޔަށް ދުނި އުކަމުން ފަސްފަހަތަށް ކޯރާ ދިމާޔަށް ޖެހޭން ފަށައިފިއެވެ. އެބައިމީހުންގެ ކޮމާންޑަރު ކަނާތް ފަރާތަށް ޖެހިވަޑައިގެން، ކޯރާ ވީ ފަރާތް ހުސް ކުރާން ސިފައިންނަށް އަންގަވައިފިއެވެ. އެތަން ފެނުމުން އެތްގޮވީން އެތުގެ މިސްރާބު އެ ދިމާޔަށް ބަދަލު ކުރާން އުޅުނެވެ. ނަމަވެސް އިންޑިއާ ސިފައިންގެ ކޮމާންޑަރު ކުޑަ ބުރެއް ޖައްސަވައިލައްވައިފައި އެތުގެ ފަހަތުން ކުރި އަރަމުންދާ ހިންދީ ސިފައިންނާ ޙަމަލަ ދެއްވައިފިއެވެ. މާބޮޑު ގަދަހެދުމަކާ ކުރިމަތި ނުލައްވައި އޭނާ އެބައިމީހުން ވިއްސިވިހާލި ކޮށްލައްވައިފިއެވެ. އެޔަށްފަހު އިންޑިއާގެ މުސްލިމުން އެތްތައް ތިން ފަރާތުން ލަވަމުން ކޯރާ ދިމާޔަށް ގެންދާން ފަށައިފިއެވެ. ރަންބީރު އެ ބޭފުޅުންގެ ކޮމާންޑަރާ ދިމާޔަށް ބައްލަވައިލެއްވުމާ އެކު، އޭނާގެ ހިތްޕުޅު އުފަލުން ފުމޭން ފަށައިފިއެވެ. އެއީ ދެވަނަ ބޭފުޅެއް ނޫނެވެ. އެއީ عبدالواحد އެވެ. ރަންބީރު އަސް ދުއްވައިލައްވައިފައި عبدالواحد ގެ އަރިހަށް ވަޑައިގެންފިއެވެ. ރަންބީރު عبدالواحد ގެ ދަހަނާކޮޅަށް ހެރިފައި ވާ ދުންޏެއް ލުއްސައިލައްވައިފިއެވެ.
عبدالواحد ރަންބީރު ފެނިވަޑައިގަތުމުން ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ! އަޅުގަނޑު މަނިކުފާނު ދެކެފީމެވެ."
މައިދާނުގެ އެހެން ދިމަދިމާއިން ވެސް ތަރުލޯޗަންޕާލްގެ ލަޝްކަރު ވިއްސިވިހާލި ވަމުން ދަނީއެވެ. ތަރުލޯޗަންޕާލް ޒަޚަމް ވެވަޑައިގަތުމަށް ފަހު، މައިދާނުން ފިލައިވަޑައިގެންފިއެވެ. މުސްލިމުން އޭނާގެ ލަޝްކަރުގެ ފޭލިގެތަކަށް ވެސް ވެރި ވެއްޖެއެވެ. މި ހަނގުރާމައިގައި މުސްލިމުންނަށް ދުއިސައްތަ ހަތްދިހަ އެތް ޣަނީމާ ކުރެވުނެވެ.
+ + + +
ކުޑަ އިރުކޮޅެއްގެ ފަހުން މުސްލިމުން ކޯރުގެ އައްސޭރީގައި މެންދުރު ނަމާދު ކުރާން ފަށައިފިއެވެ. ރަންބީރާއި ރާމްނާތާ ދެ ބޭފުޅުން ތިއްބެވީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި އިށީނދެވަޑައިގެން، ވާހަކަ ދައްކަވާށެވެ. ނަމާދުން ނިމިވަޑައިގެން عبدالواحد ވަޑައިގެން އެ ބޭފުޅުންގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. ރަންބީރު އޭނާއަށް ރާމްނާތު ތަޢާރަފު ކޮށްދެއްވިއެވެ. އެޔަށްފަހު عبدالواحد ސުވާލު ކުރެއްވުމުން ރަންބީރު އޭނާ އާއި ރާމްނާތުގެ ވާހަކަ عبدالواحد އަށް ވިދާޅުވެދެއްވިއެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް