މިއަހަރު ވޯލްޑް ކަޕްގެ ގަދަ 32 ގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ ޑްރާމާ ބޮޑު މެޗަކަށް ވެގެންދިޔައީ ރޭ ޕޯޗުގަލްއާއި ކްރޮއޭޝިއާ ވާދަކުރި މެޗެވެ. އެމެޗުގެ ކުރީންވެސް މެޗަށް އޮތީ ޖަޒުބާތީ ކަންތައްތަކެއް އެކުވެފައެވެ. ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާގެ މަރަށް އެއް އަހަރު ފުރުނު ރޭ މެޗު ކުޅުންވީ އެގައުމަށް ހާއްސަ ކަމަކެވެ. އަނެއްކާ، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި 40 އަހަރުގެ ލޫކާ މޮޑްރިޗްގެ ކުރިމަތިމަށްވެސް މެޗު ހާއްސަވިއެވެ. އެއީ ލެޖެންޑަރީ ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިޔަކު ވޯލްޑް ކަޕްގައި ކުޅޭ ފަހު މެޗަށް ރޭގެ މެޗު ވެދާނެތީއެވެ.

ކޮންމެއަކަސް ފެށުމުގެ ކުރިން އެ އުފެދުނު ޖަޒުބާތާއެކު މެޗުވެސް ވީ ޑްރާމާ ބޮޑު މެޗަކަށެވެ. މެޗުގެ 53 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޔޮސިޕް ސްޓަނިސިޗް ނަގައިދިން ހުރަހަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ބޯޅަ ކޮންޓްރޯލު ކޮށްލުމަށްފަހު، ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗްގެ ބޯމަތިން ގޯލުގެ ތެރެއަށް ރޮނާލްޑޯ ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ ރޮނާލްޑޯ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރެނާޓޯ ވެއިގާއަށް ކްރޮއޭޝިއާގެ ނިކޯލާ ވްލަސިޗް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ޕެނަލްޓީއެއް ލިބުނެވެ. ޕޯޗުގަލަށް ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ރޮނާލްޑޯއެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕޯޗުގަލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ރަފައެލް ލިއާއޯ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގޮންސާލޯ ރާމޯސް އެވެ.

ޕޯޗުގަލްގެ ރޮނާލްޑޯ ދެވަނަ ގޯލްގައި އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

އޭގެ ފަހުން ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ފަހު މިނެޓުގައި ކްރޮއޭޝިއާގެ ޖޮސްކޯ ގުވާޑިއޯލް، ޕޯޗުގަލްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭގެ ކުރިން މާރިއޯ ޕަސަލިޗް އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައިގައި ޖައްސާލި ކަމަށެވެ.

އެ ބޯޅަ ޕަސަލިޗް ބޮލުގައި ޖެހުތޯ ބަލަން ރެފްރީ ބޭނުންކުރީ ބޯޅައިގެ ހިމެނޭ ސެންސަރުގެ ޓެކްނޮލޮޖީއެވެ. އަޑުން ބޯޅައިގައި ޖެހުނުތޯ ބެލުމަށްފަހު ޕަސަލިޗް ބޮލުގައި ބޯޅައިން ޖެހުނު ކަމަށް ނިންމައި، ދެން ބެލީ އެ ބޯޅަ ގުވާޑިއޯލާއާ ހަމައަށް ދިޔުމުގެ ކުރިއަށް ޕޯޗުގަލްގެ ޑިފެންޑަރު ރެނާޓޯ ވެއިގާ ބޮލުގައި ޖެހުނުކަމަށެވެ. އެ ބޯޅަ ވެއިގާ ބޮލުގައި ޖެހިފައި ދިއުން އެއީ އޮފްސައިޑް ނުވާނެ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެއެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި ރެފްރީގެ ނިންމުން ރަނގަޅު

އޯޑިއާ ޑިޓެކްޓް ކުރިތަން ޓީވީން ދައްކާފައި ---

ދުނިޔޭގެ މަގުބޫލު އެނަލިސްޓުންގެ ނަޒަރުގައި އެއީ ކްރޮއޭޝިއާއަށް ލިބުނު ހިތްދަތި ކަމެއް ނަމަވެސް، ގަބޫލުކުރަން ޖެހޭ ރަނގަޅު ނިންމުމެކެވެ. ފުރަތަމަ ކަމަކަށް ޕަސަލިޗް ބޮލުގައި ބޯޅައިން ޖެހުނުތޯ ރެފްރީ ބެލީ ވީޑިއޯއަކުން ނޫނެވެ.

މިއަހަރު ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ އަކީ އެޑިޑާސްގެ ޓްރިއޯންޑާއެވެ. ބޯޅައަކީ ޓެކްނޮލޮޖީއާ ރައްޓެހި ބޯޅައެކެވެ. ޓްރިއޯންޑާގެވެސް ދެ ފެންވަރެއްގެ ބޯޅަ އުފައްދާފައިވެއެވެ. އެއީ ސީދާ ވޯލްޑް ކަޕުގެ މުބާރާތްތަކުގައި ބޭނުން ކުރުމަށް ހަދާ، މުބާރާތުގެ ރަސްމީ ބޯޅައާއި އާއްމު ބާޒާރަށް ނެރުމަށްޓަކައި އުފައްދާ، ބައެއް ޓެކްނޮލޮޖީތައް ނުހުންނަ ބޯޅައެކެވެ. ރަސްމީ ބޯޅައިގައި ބޭނުން ކުރާ އެއް ޓެކްނޮލޮޖީ އަކީ 500 ހާޒްގެ މޯޝަން އަދި އޯޑިއޯ ސެންސަރު ޗިޕެކެވެ. މި ޗިޕުގެ ސަބަބުން ބޯޅައިގެ ހަރަކާތްތައް އިލެކްޓްރޯނިކަލީ ބެލޭނެއެވެ. އެގޮތުން އަޑު ދެނެގަތުމާއި ތްރީޑީ އޮފްސައިޑް ސިސްޓަމަށް ފުރިހަމައަށް އެހީވުން ހިމެނެއެވެ. އެހެންކަމުން ރެފްރީ މިހާރު ބަރޯސާ ވަނީ އެ ޓެކްނޮލޮޖީއަށެވެ. އަޑު ދެނަގަތުމުގެ ޓެކްނޮލޮޖީއަކީ ކްރިކެޓުގައިވެސް ބޭނުންކުރާ ސްނިކޯމީޓާގެ ޓެކްނޮލޮޖީއެވެ.

މިއީ އެ ޓެކްނޮލޮޖީ މި ވޯލްޑް ކަޕްގައި ބޭނުންކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ސްވިޑެން ޓިއުނީޝިއާ މެޗުގައި ފުރަތަމަ ބޯޅައިގެ ޓެކްނޮލޮޖީ ބޭނުންކުރި އިރު، ސްވިޒަލޭންޑް ގަތަރުގެ މެޗުގައިވެސް އެ ޓެކްނޮލޮޖީއަށް މެޗު ރެފްރީ ބަރޯސާވިއެވެ.

ދެން ސުވާލު އުފެދުނު އަނެއް ހާލަތަކީ ވެއިގާގެ ބޮލުގައި ބޯޅަ ޖެހުމުން، ބައިކޮޅަށް ދިޔަ ބޯޅައަކަށް ބަލައި އޮފްސައިޑް ނުވާ ކަމަށް ނުނިންމީ ކީއްވެތޯ ކުރެވޭ ސުވާލެވެ.

ނޯވޭއަށް ނިސްބަތްވާ ރެފްރީ އެސްޕެން އެސްކަސް ވެއިގާ ބޮލުގައި ބޯޅަ ޖެހުނު ނަމަވެސް، ބެލީ އެއީ ގަސްދުގައި ޖެއްސި ބޯޅައެއް ނޫން ކަމަށެވެ. ފީފާގެ ލޯސް އޮފް ދަ ގޭމްސްގެ 11 ވަނަ މާއްދާ، އޮސްފައިޑް އޮފެންސްގައި ވާގޮތުން ޑިފެންޑަރު ބޯޅައިގައި ޖައްސައިގެން އޮފްސައިޑް ނުވާނެ ހާލަތަކީ ގަސްދުގައި ބޯޅަ ޖެއްސުމުން އެކަންޏެވެ. އެ ހާލަތް ތަފްސީލު ކޮށްދީފައިވާ ގޮތުން އެއީ ޓީމުގެ އެހެން ކުޅުންތެރިޔަކަށް ޖަހާ ޕާހެއް، ބޯޅައިގެ ކޮންޓްރޯލް ހޯދަން ޖައްސާލާ ޓަޗް، ނޫނީ ސާފުކޮށްލަން ޑިފެންޑަރު ޖަހާ ބޯޅައިގެ ހާލަތެވެ.

ރެފްރީ މެޗުގައި ނިންމީ ވެއިގާ ބޮލުގައި ޖެހުމަކީ "ޑިފްލެކްޝަން"އެއް ކަމަށެވެ.