ފުލުހުންގެ މުއައްސަސާއިން އެންމެ ވަރުގަދަ އަޒުމަކާއެކު ނިންމަންޖެހޭ އެންމެ މުހިންމު މިޝަންއަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުންކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ރާއްޖޭގެ ދާހިލީ ސަލާމަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ އިންތިޒާމުވެގެންވާ ބޮޑެތި ކުށްތަކަށް ފަންޑުކުރަނީވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާއަކީ އެތައް އަހަރެއްވީ ބޮޑު ހުރަހެއް. މިއީ އާއިލާތަކުގެ ހަމަޖެހުން ނަގާލައި، ފަރުދުންގެ ދިރިއުޅުން ހަލާކުކޮށްލާކަމެއް. އެހެންކަމުން ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަ ޒިންމާއަކީ، އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަންވީ މިޝަންއަކީ މި ވަބާއިން ގައުމު ސަލާމަތްކުރުން" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފުލުހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުގައި ކިބުރުވެރިކަމެއް ނެތި، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، މި މަސައްކަތުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ފެންނާނެކަމަށް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުޖުތަމައުގައި ހިނގާ ކުށްތަކަށް ފުލުހުން އަބަދުވެސް ހޭލުންތެރިވެ، އެފަދަ ކަންކަމާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.