މިދުވަސްވަރު ސްކޫލްތަކަށް ހާޒިރުވާ ދަރިވަރުންގެ އަދަދު ކަންބޮޑުވާ މިންވަރަށް ދަށްވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައިގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 8،000 އެއްހާ ދަރިވަރުން ސްކޫލަށް ނުގޮސް ގޭގައި މަޑުކުރާ ކަމަށެވެ. ޝަފީއު ވިދާޅުވީ، ސްކޫލަށް ނުދާ ކުދިންގެ ތެރެއިން 40 ޕަސަންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އުނގެނުމުގެ ފެންވަރު ހިފެހެއްޓުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިދުވަސްވަރު ވޯލްޑް ކަޕް ކުރިއަށް ދިޔުމަކީ ސްކޫލަށް ނުދިޔުމަށް ދެއްކޭނެ ބަހަނާއެއް ނޫން ކަމަށެވެ.

"މިއީ ވޯލްޑްކަޕް ދުވަސްވަރުކަން އެނގޭ، އެކަމަކު އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ ބެލެނިވެރިންނާއި މުދައްރިސުންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް،" ޝަފީއު ވިދާޅުވިއެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުނުވެ، ފިލާވަޅުތައް ގެއްލެމުންދާ ނަމަ، އެ ކުދިންގެ އިމްތިހާނުތަކުގެ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގަވާއިދުން ސްކޫލަށް ނުދާ ނަމަ، ދަރިވަރުންގެ ކިޔެވުމުގެ ޝައުގުވެރިކަން ކުޑަވެ، ފަހުން އެކަން އިސްލާހުކުރުމަށް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެކަމަށް ޝަފީއު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ މި މައްސަލަ ހައްލުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ފަށާފައި ކަމަށާއި، މިދިޔަ މަހުން ފެށިގެން ގާއިމްކޮށްފައިވާ އާ ޕްލެޓްފޯމެއްގެ އެހީގައި، ކޮންމެ ދުވަހަކުވެސް ސްކޫލަށް ހާޒިރުވާ އަދި ނުވާ ކުދިންގެ ތަފާސްހިސާބުތައް މިނިސްޓްރީން ދަނީ ވަގުތުން މޮނިޓާ ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން މިފަދަ ރިޕޯޓްތައް ކުރަނީ ވަކި އަދަދަކަށްވުރެ ގިނައިން ކުދިން ހާޒިރު ނުވަންޏާމުންކަމަށް ޝަފީއު ވިދާޅުވިއެވެ. ނަމަވެސް، މިހާރު މި ނިޒާމުގެ ތެރެއިން ކޮންމެ ދުވަހެއްގެ ހާލަތު ވަޒަންކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.