ފަނޑިޔާރުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ، ކޯޓުތަކުގެ ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީގެ ރިޕޯޓުތައް އާންމުކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދެކޮޅު ހަދައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަހުމަދު އަފްރާހު އިސްމާއިލް ކިޔާ މީހަކު ވަނީ، ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީގެ މައުލޫމާތުތައް ހޯދުމަށް އެދިފައެވެ. އޭނާ އެދިފައިވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުން މަސައްކަތަށް ހާޒިރުވި ގޮތުގެ ތަފުސީލު ހޯދުމަށެވެ.
އެ ހުށަހެޅުމަށް ޖަވާބުގައި ޑީޖޭއޭއިން ބުނީ އެ މައުލޫމާތަކީ ސީދާ އެ އިދާރާގެ މިލްކަކަށް ނުވާ ކަމަށާއި، އެއީ ފަނޑިޔާރުންގެ ޒާތީ ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތުތަކެއް ކަމަށެވެ.
ޑީޖޭއޭ އިން ހަވާލާދީފައިވަނީ މައުލޫމާތު ހޯދުމުގެ ގާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގެ (ހ) އަށެވެ. މި މާއްދާތަކުގެ ދަށުން، މީހެއްގެ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުމެއް ލިބިދާނެ ފަދަ މައުލޫމާތެއް ހާމަނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވެއެވެ.
އަފްރާހު ވަނީ އެ މައުލޫމާތުތައް ހޯދުމަށް ސިވިލް ކޯޓަށްވެސް ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ ހުށަހެޅުމުގެ ޖަވާބުގައި ބުނީ ފަނޑިޔާރުންގެ ހާޒިރީއަކީ "ތިންވަނަ ފަރާތެއްގެ މަސްލަހަތު" ހިމެނޭ މައުލޫމާތުތަކެއް ކަމަށްވާތީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި މައުލޫމާތުތައް ސިއްރުކުރުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއި ޑީޖޭއޭ އިން މީގެ ކުރިންވެސް އަމަލުކޮށްފައިވާ ގޮތެކެވެ. އެގޮތުން ފަނޑިޔާރުން އައްޔަންކުރާއިރު ދޭ މާކްސްތައްވެސް މީގެ ކުރިން ވަނީ ސިއްރުކޮށްފައެވެ.
މުހައްމަދު އިޝާން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ކޮމެންޓް