މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި މުމްބާއީއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރާއި އާންމު ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެއްޖެއެވެ.

އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ ދިއްލީއަށް 'ރެޑް އެލާޓް' ނެރެފައެވެ. ގަޑިޔަކު 60 ކިލޯމީޓަރާއި 80 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ދިއްލީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، މުމްބާއީގެ އަންދޭރީ، ކިންގްސް ސާކަލް އަދި ގާނދީ މާކެޓް ފަދަ ސަރަހައްދުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މުމްބާއީގެ އިރުމަތީ ސަރަހައްދުތަކަށް 200 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.

މުމްބާއީގެ ރޭލު ދަތުރުތަކަށް ބަލާއިރު، ސެންޓްރަލް އަދި ވެސްޓަން ރޭލްވޭގެ ދަތުރުތައް ލަސްވެފައިވާ ކަމަށާއި، ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހާބަރ ލައިންގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ޓްރެފިކް ފުލުހުން ވަނީ ފެންބޮޑުވެފައިވާ ބައެއް މަގުތައް ބަންދުކޮށް، ރައްކާތެރި މަގުތައް ހިޔާރުކުރުމަށް އާންމުންނަށް އިރުޝާދުދީފައެވެ.

ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ބުނި ގޮތުގައި، މުމްބާއީގެ ޕަވާއީ ލޭކް ފުރިގެން ބަންޑުންވަމުންދާތީ، ފެން ހިންދުމަށް ޕަމްޕުތައް ބޭނުންކޮށްގެން މުނިސިޕަލް ކައުންސިލްގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުމްބާއީއަށް ވެސް އައިއެމްޑީއިން ވަނީ ރެޑް އެލާޓް ނެރެފައެވެ.

އައިއެމްޑީގެ ސީނިއަރ ސައިންޓިސްޓް ނަރޭޝް ޔާދަވް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ގަޑިތަކުގައިވެސް މި ސަރަހައްދުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، ބަލިކަށި އިމާރާތްތަކާއި ފެންބޮޑުވާ ސަރަހައްދުތަކާ ދުރުގައި ތިބުމަށާއި، ކަރަންޓު ދަނޑިތަކާ ކައިރިނުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އަންގައިފައެވެ.