ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ފްލެޓް 110 ގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ 1:10 ހާއިރު ކަމަށާއި ފަޔަ ފައިޓަރުން ގޮސް ކުރި މަސައްކަތުން 1:23 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށެވެ.

މި ހާދިސާގައި ދެ ކުޑަކުދީންނަށާއި ތިން މީހުނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ފްލެޓް 110 ގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށް އަނދައި ހުލިވެފައި-- ފޮޓޯ: އެމްޑީއެމްއޭ

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެ އެޕާޓްމަންޓުގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި 18 އަހަރުން މަތީގެ ފަސް މީހަކު ދިރިއުޅޭ ކަމަށާއި އެތަނުން އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް ފިހުނު ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭ އިން ބުންޏެވެ.

ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ފްލެޓް 110 ގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށް އަނދައި ހުލިވެފައި-- ފޮޓޯ: އެމްޑީއެމްއޭ

އެންޑީއެމްއޭއިން ބުނީ މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނޫޅެވޭ ވަރަށް ތަން ވަނީ އަނދައިފައި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.

އަދި އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އަލިފާނުގެ ހާދިސާގައި އިމާރާތުގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއްގައި ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާތީ އިތުރު އަށް މީހަކަށް ރޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއީ 18 އަހަރުން މަތީގެ ހަ މީހަކާ 4 އަހަރުގެ ދެ ކުއްޖެއް ކަމަށް ވެސް އެމްޑީއެންއޭއިން ބުންޏެވެ.