މޯލްޑިވިއަން އިން ކުރި ދަތުރުތަކަށް، ދައްކަންޖެހޭ 3.6 މިލިޔަން ރުފިޔާ ދައްކަން އެމްޑީޕީއަށް އަނެއްކާވެސް ސިވިލް ކޯޓުން އަންގައިފިއެވެ.
މި މައްސަލައަކީ، މޯލްޑިވިއަން އިން ކުރި ދަތުރުތަކަށް އެމްޑީޕީން ދައްކަންޖެހުނު 5.6 މިލިއަން ރުފިޔާގެ މައްސަލައެކެވެ.
އެ ފަސް މިލިޔަން ރުފިޔާ އެކީ އެެއްފަހަރާ ނަގައި ދިނުމަށާއި، ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ، އެއްބެސްވުމާ ހިލާފުވުމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާގޮތުން ލިބިފައިވާ ގެއްލުމަށް، ހަތް ދުވަހުގެ ތެރޭގައި އަދުލުވެރި ބަދަލެއް ނަގައި ދިނުމަށް އެދި އައިލެންޑް އޭވިއޭޝަނުން، ދޭ މެއި 2024 ގައި ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
އެ ދައުވާއާ ގުޅިގެން އެމްޑީޕީ ކޯޓުގައި ބުނެފައިވަނީ، އައިލެންްޑް އޭވިއޭޝަނާއެކު، އެ އަހަރުގެ ޖޫން 13 ވަނަ ދުވަހު ސޮއިކުރި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން، ދައްކަންޖެހޭ ފުރަތަމަ އިންސްޓޯލްމަންޓަށް ދައްކަންޖެހޭ އެއް މިލިޔަން ރުފިޔާ، އެއްބަސްވުމުގައި ސޮއިކުރި ދުވަހު ދައްކާފައިވާ ކަމަށެވެ.
އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ، ނުވަތަ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އައިލެންޑް އޭވިއޭޝަނަށް އޮންނާނެހެން މި މައްސަލަ ނިންމައިދިނުމަށް އެމްޑީޕީން އެދުނެވެ.
އައިލެންޝް އޭވިއޭޝަނުން އެގޮތަށް އެއްބަސްވެ، މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެހެން މި މައްސަލައިގެ ދައުވާފޯމް ބާތިލްކުރަން އެދުމުން ހައެއް އޮކްޓޫބަރު 2024 ގައި ސިވިލް ކޯޓުން ދައުވާފޯމް ބާތިލް ކުރިއެވެ.
ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން ބާކީ ހުރި ފައިސާ ނުދައްކާތީ، 12 މާޗް 2025 ގައި އަނެއްކާވެސް އައިލެންޑް އޭވިއޭޝަނުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެފަހަރު އައިލެންޑް އޭވިއޭޝަނުން ހުށަހެޅީ ސެޓްލްމެންޓް އެއްބަސްވުމުގައިވާ ހުރިހާ ފައިސާއެއް ލިބިގަތުމަށެވެ.
އެ ފަހަރު އެމްޑީޕީން ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް ފައިސާާ ނުދެއްކެނީ، ސަރުކާރުން ސިޔާސީ ޕާޓީތަކަަށް ދޫކުރަންޖެހޭ ފައިސާ ލިބުމަށް ދިމާވާ ލަސްވުންތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ލަސްވުންތަކަށް ރިއާޔަތްކޮށް، ފައިސާ ދައްކާ ތާރީހު ކަނޑައަޅައިދިނުމަށް އެދުނެވެ.
މި މައްސަލައިގައި 29 ޖުލައި 2025 ގައި ސިވިލްކޯޓުން ހުކުމް ކުރީ، ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، އެ އެއްބަސްވުމުގެ ދަށުން އެމްޑީޕީން ދެއްކި ފައިސާ އުނިކުރުމުން ބާކީ އޮތް، 3.6 މިލިޔަން ރުފިޔާ އައިލެންޑް އޭވިއޭޝަނަށް ލިބިދިނުމުގެ ގޮތުން 29 ޖުލައި 2025 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ޖަމާ ކުރުމަށް އެމްޑީޕީއަށް އަންގާ ކަަމަށެވެ.
އެ ހުކުމާ އެއްގޮތަށްވެސް އެމްޑީޕީން ފައިސާ ނުދައްކާތި، އެ ކުމުން ތަންފީޒުކޮށް ދިނުމަށް އެދި 25 ސެޕްޓެމްބަރު 2025 ގައި އަައިލެންޑް އޭވިއޭޝަނުން އަނެއްކާވެސް ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެ ހުށަހެޅުމާ ގުޅިގެން އަނެއްކާވެސް ދެ ފަރާތުން ސެޓްލްމަންޓް އެއްބަސްވުމެއް ހެދިއެވެ.
އެހެންކަމުން އައިލެންޑް އޭވިއޭޝަނުން ކޯޓަށް ހުށަހެޅީ، އެމްޑީޕީން ދައްކަންޖެހި، ނުދައްކާހުރި ފައިސާ، ދެއްކުމާ ގުޅޭގޮތުން މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. މި އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ދެ ފަރާތަށް އަންގައި މި މައްސަލަ ނިންމައި ދިނުމަށްވެސް މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު އައިލެންޑް އޭވިއޭޝަނުން ކޯޓަށް ހުށަހެޅިއެވެ.
އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށް އެމްޑީޕީން އައިލެންްޑް އޭވިއޭޝަަނަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮމެންޓް