ޖަރުމަނުން ގަދަ 32 ގެ މެޗުގައި ޕަރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި، ޖަރުމަނުން ދެވަނަ ގޯލަކަށް ކުރި މަސައްކަތުގެ ތެރެއިން ރެފްރީ ނިންމި ނިންމުން ރަނގަޅު ކަމަށް ފީފާގެ ޗީފް ރެފްރީއިން އޮފިސަރު ޕިއާލުއީޖީ ކޮލީނާ ބުނެފިއެވެ.
ޖަރުމަނާއި ޕަރަގުއާއީ ވާދަކުރި މެޗު ޕަރަގުއާއީން ކާމިޔާބުކުރީ ޕެނަލްޓީއެއް ގޮސްގެންނެވެ. މެޗު 1-1 އިން އެއްވަރުވެ ޕެނަލްޓީއަށް ގޮސްފައިވާ އިރު، ޕެނަލްޓީގައި ޕަރަގުއާއީ މޮޅުވީ 4-3 އިންނެވެ.
ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް، 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިފަހަރު ގަދަ 32 އިން ކަޓައިގެން ގޮސްފައިވާ އިރު، ޕަރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ޖަރުމަނުން ވަނީ ބޯޅަ ގޯލަށްވެސް ވައްދާލައިފައެވެ.
އެހެން ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. ޖޮނަތަން ޓާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް، ރެފްރީ ޖަލާލް ޖައްޔިދު އެއީ ގޯލެއް ނޫން ކަމަށް ނިންމީ އަލްޑެމާރް އެންޓޮން، ޕަރަގުއާއީ ކީޕަރު އޯލެންޑޯ ހިލްއަށް ފައުލް ކުރި ކަމަށް ބަލައިފައެވެ.
އެ ނިންމުމާ ގުޅިގެން ޖަރުމަނުގެ ކޯޗު، ޔޫލިއަން ނާގެލްސްމަން ވަނީ އެއީ ގޯސް ނިންމުމެއް ކަމަށް ބުނެފައެވެ. އަދި ކުރިން ލިވަޕޫލަށް ކޯޗުކަން ކޮށްދިން ޔާގަން ކްލޮޕް ބުނެފައި ވަނީ އެއީ ފައުލެއް ނަމަވެސް، ލީގުގައި އާސެނަލުން ޖެހި އެ ހުރިހާ ގޯލެއްވެސް ކަމުނުދާނެ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ކޮލީނާ ބުނީ ރެފްރީންނަށް އިރުޝާދު ދީފައި އޮންނާނީ ކޯނަރު ނެގުމުގައިވެސް ބޯޅަ ނެތި އިދިކޮޅު ކުޅުންތެރިންނަށް ހުރަސް އަޅާނަމަ، ފައުލަށް ގޮއްވުމަށް ކަމަށާއި، އެކަމުގައި ކީޕަރު އެ ދޭތެރެއަށް ވަންނަ ނަމަ، އެއީ ޔަގީނުންވެސް ފައުލަކަށް ވާނެ ކަމަށެވެ.
ކޮލީނާ ބުނީ ކުޅުންތެރިއެއް ވަކި ތަނެއްގައި ހުއްޓި ހުރުން އެއީ ފައުލެއް ނޫން ކަމަށާއި، އެޓޭކިން ކުޅުންތެރިން އެގޮތަށް ކަންކުރުމުގައި ޑިފެންސިވް ކުޅުންތެރިންނަށް ހުރަސް އެޅުން އެއީ ފައުލެއް ކަމަށެވެ. އަދި ހާއްސަކޮށް ޓެކްޓިކަލީ ވިސްނައިގެން އެކަން ކުރުމަކީ ފައުލެއް ކަމަށް ކޮލީނާ ބުންޏެވެ.
ކޮލީނާ ބުނީ އެގޮތަށް ކީޕަރު ބްލޮކް ނުކުރެވޭނެކަން ކޯޗުންނާއި ކުޅުންތެރިންނަށްވެސް އަންގާފައިވާ ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް