އިންޑިއާގެ ދިއްލީ އެއާޕޯޓުގައި އިންޑިގޯ އެއާލައިންގެ އަޑުނީވޭ އަދި ވާހަކަނުދެއްކޭ މުވައްޒަފަކު ފަސިންޖަރަކަށް ދިން ފުރިހަމަ ހިދުމަތުގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ތައުރީފު އެ އެއާލައިނަށް ލިބެން ފަށައިފިއެވެ. މި ހާދިސާއަކީ ވަޒީފާގެ މާހައުލުގައި އެންމެނަށް ހަމަހަމަ ފުރުސަތު ދިނުމުގެ މުހިންމުކަން ހާމަކޮށްދިން ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިންސްޓަގްރާމްގައި އަމަން ސިންގް ނަމަކަށް ކިޔާ ފަސިންޖަރަކު ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ، އިންޑިގޯގެ ބެގޭޖް ޗެކިން ކައުންޓަރުގައި މަސައްކަތްކުރާ އަފްޖަލް ނަމަކަށް ކިޔާ މުވައްޒަފެކެވެ. އޭނާގެ މޭމަތީގައި “އަހަންނަށް އަޑެއްނީވޭ، ވާހަކައެއް ނުދެއްކޭނޭ. އެކަމަކު އެހީތެރިވެދިނުމަކީ ލިބޭނެ އުފަލެއް” މިހެން ލިޔެފައިވާ ބެޖެއް ހަރުކޮށްފައިވެއެވެ. އަމަން ބުނި ގޮތުގައި، އަފްޖަލްއަށް ވާހަކަނުދެއްކުނު ނަމަވެސް، އަތުގެ އިޝާރާތުންނާއި ހިނިތުންވުމާއެކު ޗެކިންގެ ކަންކަން ވަރަށް ފަސޭހަކަމާއެކު އޭނާ ފުރިހަމަކޮށްދިނެވެ.

މި ތަޖުރިބާއާ ގުޅޭގޮތުން އަމަން ބުނީ، “މިއަދު އަހަންނަށް ހިތްވަރު ލިބުނީ މިލިއަނަރެއްގެ ފަރާތުން ނޫން” ކަމަށާއި، “އެކަން ލިބުނީ މުއާސަލާތުކުރުމަކީ ހަމައެކަނި ބަސްތަކަކުން ކުރެވޭ ކަމެއް ނޫންކަން ސާބިތުކޮށްދިން މީހެއްގެ ފަރާތުން” ކަމަށެވެ. އަދި “އަޑުއިވޭ އަދި ވާހަކަދެއްކޭ ގިނަ މީހުންނަށް ވުރެ ފުރިހަމައަށް އޭނާ އަހަންނާ މުއާމަލާތްކުރި” ކަމަށްވެސް އަމަން ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިންޑިގޯއިން ގެންގުޅޭ ސިޔާސަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އިންޑިގޯއިން ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ތަފާތު ގާބިލުކަން ހުންނަ މީހުން ބާރުވެރިކުރުވައި، ވަޒީފާގެ މާހައުލުގައި އެންމެނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ. މި ވީޑިއޯގެ ސަބަބުން، އޭވިއޭޝަން ސިނާއަތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، ހިދުމަތް ދިނުމުގައި އެފަދަ މީހުންގެ މުހިންމުކަމާ މެދު އާންމުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ ބަހުސްކުރެވެން ފަށައިފައެވެ.