ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި މެކްސިކޯ އާއި އެކުއެޑޯ ބައްދަލުކުރާ މެޗު މޫސުން ގޯސްވުމާ ގުޅިގެން އެއް ގަޑިއިރަށް ފަސްކޮށްފިއެވެ.

ގަދަ 32 ގައި މެކްސިކޯ އާއި އެކުއެޑޯ ބައްދަލުކުރާ މެޗު ކުރިން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު ހެނދުނު 6:00 އަށެވެ. ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން މިހާރު އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް މެޗު ވަނީ ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ދެން މޫސުމަށް ބެލުމަށްފަހު އެންމެ އަވަހަށް ވެސް މެޗު ފެށޭނީ ރާއްޖޭގަޑިން މިއަދު ހެނދުނު 6:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެކްސިކޯގެ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައެވެ.

މި ވޯލްޑް ކަޕްގެ ތެރޭގައި މޫސުން ގޯސްވުމާ ގުޅިގެން މެދުކަނޑާލަން ޖެހުނު ފުރަތަމަ މެޗަކީ އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗެވެ. އެ މެޗު ފުރަތަމަ ހާފަށްފަހު ދެވަނަ ހާފު ފަށާފައިވަނީ ދެ ގަޑިއިރުގެ މެދުކެނޑުމަކަށްފަހުއެވެ.

މެކްސިކޯ އާއި އެކުއެޑޯ އިން މީގެ ކުރިން ވަނީ ޖުމުލަ 28 ފަހަރަކު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 15 މެޗަކުން މެކްސިކޯ މޮޅުވި އިރު، ހަތަރު މެޗަކުން މޮޅުވީ އެކުއެޑޯ އެވެ. އަދި އަށް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕް މެޗެއްގައި މީގެ ކުރިން މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ހަމައެކަނި ވޯލްޑް ކަޕް 2002 ގެ ގްރޫޕު ސްޓޭޖުގައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެކްސިކޯ އިންނެވެ.

މެކްސިކޯއަކީ ނޮކްއައުޓް ބުރަށް އާ ޓީމެއް ނޫނެވެ. މިދިޔަ އަށް ވޯލްޑް ކަޕްގެ ތެރެއިން ނޮކްއައުޓް ބުރެއްގައި މެކްސިކޯ ހަމައެކަނި ނުފެނުނީ ގަތަރުގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައެވެ. އެފަހަރު މެކްސިކޯ އިން ނިންމާލީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ. އޭގެ ކުރިން ކުޅުނު ހަތް ވޯލްޑް ކަޕް ނިންމާލީ ގަދަ 16 އާ ހިސާބުންނެވެ. އެކުއެޑޯ އިން ނޮކްއައުޓް ބުރެއްގައި ހަމައެކަނި ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 2006 ގައެވެ. އެފަހަރު ނިންމާލީ ގަދަ 16 އާ ހިސާބުންނެވެ.