ވޯލްޑް ކަޕް 2026 ގައި އެކުއެޑޯ ބަލިކޮށް، މެކްސިކޯ އިން ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
ކޮންކާކަފްއަށް ނިސްބަތްވާ މެކްސިކޯ އިން ވަނީ 18 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ކުޅުމުގެ ޝަރަފު ވެސް މެކްސިކޯ އިން ހޯދާފައިވެއެވެ. 1994 އިން 2018 އަށް ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި މެކްސިކޯ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ނަމަވެސް، 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
އޭގެ އިތުރުން 1930 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި ވޯލްޑް ކަޕުގައި ވެސް މެކްސިކޯ ފެނިގެންދިޔައެވެ. ފުރަތަމަ ވޯލްޑް ކަޕު މެޗު ކުޅުމުގެ ޝަރަފު ވެސް އެޓީމަށް ލިބިގެންދިޔައެވެ. މެކްސިކޯ އިން ވޯލްޑް ކަޕުގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 1970 އަދި 1986ގެ ވޯލްޑް ކަޕުގައެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ ދެ މުބާރާތުގައި ވެސް މެކްސިކޯ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. މިއީވެސް އަމިއްލަ ގައުމުގައި ވޯލްޑް ކަޕް މެޗުތަކެއް ކުޅޭ ފަހަރެކެވެ. މެކްސިކޯއަކީ މިފަހަރު ވޯލްޑް ކަޕްގެ ހޯސްޓް ގައުމެކެވެ.
ފުޓުބޯޅައިގައި އެކުއެޑޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 1959 ވަނަ އަހަރާއި 1993 ވަނަ އަހަރު ކޮޕާ އެމެރިކާގެ ސެމީ ފައިނަލް ކުޅުމެވެ. އެ ދެ މުބާރާތަކީވެސް އެކުއެޑޯގައި ހޯސްޓް ކުރި ދެ މުބާރާތެވެ.
އުރުގުއޭގެ އިފްތިތާހީ ވޯލްޑް ކަޕު މުބާރާތަށް އެކުއެޑޯއަށް ދައުވަތު ލިބުނު ނަމަވެސް ހަރަދު ބޮޑުކަމުން ނުދާން ނިންމިއެވެ. އެކުއެޑޯ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔައެވެ. އެއީ ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. 2022 ވަނަ އަހަރު ވޯލްޑް ކަޕާއެކު، ޖުމުލަ ހަތަރު ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެކުއެޑޯ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައިވެސް ކުޅުނެވެ.
މެކްސިކޯ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ނަމަވެސް އެކުއެޑޯ އަކީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިފައިވުމުން، ފުރުސަތު ލިބުނު ޓީމެކެވެ. އެކުއެޑޯގެ ފުރަތަމަ މެޗުގައި ފަހު ވަގުތު އައިވަރީ ކޯސްޓް އަތުން ބަލިވި އިރު، ދެވަނަ މެޗުގައި ވޯލްޑް ކަޕަށް އަލަށް ނުކުތް ކިއުރަސާއޯ އަތުން ވަނީ އެއްވަރުވެފައެވެ. އަދި އެކުއެޑޯއަށް އުންމީދު ލިބުނީ ފަހު މެޗުގައި ޖަރުމަން ބަލިކޮށްގެންނެވެ.
މެކްސިކޯ އާއި އެކުއެޑޯ އިން މީގެ ކުރިން ވަނީ ޖުމުލަ 28 ފަހަރަކު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 15 މެޗަކުން މެކްސިކޯ މޮޅުވި އިރު، ހަތަރު މެޗަކުން މޮޅުވީ އެކުއެޑޯ އެވެ. އަދި އަށް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕް މެޗެއްގައި މީގެ ކުރިން މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ހަމައެކަނި ވޯލްޑް ކަޕް 2002 ގެ ގްރޫޕު ސްޓޭޖުގައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެކްސިކޯ އިންނެވެ.
މެކްސިކޯއަކީ ނޮކްއައުޓް ބުރަށް އާ ޓީމެއް ނޫނެވެ. މިދިޔަ އަށް ވޯލްޑް ކަޕްގެ ތެރެއިން ނޮކްއައުޓް ބުރެއްގައި މެކްސިކޯ ހަމައެކަނި ނުފެނުނީ ގަތަރުގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައެވެ. އެފަހަރު މެކްސިކޯ އިން ނިންމާލީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ. އޭގެ ކުރިން ކުޅުނު ހަތް ވޯލްޑް ކަޕް ނިންމާލީ ގަދަ 16 އާ ހިސާބުންނެވެ. އެކުއެޑޯ އިން ނޮކްއައުޓް ބުރެއްގައި ހަމައެކަނި ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 2006 ގައެވެ. އެފަހަރު ނިންމާލީ ގަދަ 16 އާ ހިސާބުންނެވެ.
މެކްސިކޯއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، މެކްސިކޯ އިން ކުޅުނު ގްރޫޕުގެ ފަހު މެޗަށް ބަދަލުތަކަކާއެކު ނުކުތް ނަމަވެސް، މިއަދުގެ މެޗަށް ވަނީ އަލުން ވަރުގަދަ ފުރަތަމަ 11 ނެރެފައެވެ. އެގޮތުން މިއަދުގެ މެޗުގައި ފުރަތަމަ 11 ގައި މެކްސިކޯ އިން ވަނީ ރައުލް ހިމެނޭޒް، ހޫލިއަން ކުއިނިއޯނޭސް، ރޮބާޓޯ އަލްވަރާޑޯ، އެރިކް ލިރާ، ލުއިސް ރޯމޯ، ގިލްބާޓޯ މޯރާ، ހެސުސް ގަލާޑޯ، ސެސާ މޮންޓޭޒް އަދި ކީޕަރު ރައުލް ރަންހެލް ފަދަ މުހިންމު ކުޅުންތެރިން ހިމަނައިފައެވެ.
އެކުއެޑޯ އިން ވެސް ވަނީ އެޓީމުން އާންމުކޮށް ބޭނުންކުރާ ފުރަތަމަ 11 ނެރެފައެވެ. އެންމެ ކުރީގައި މިއަދު ވެސް ތަޖުރިބާކާރު ފޯވަޑް އެނާ ވެލެންސިއާ އާއި ގޮންޒާލޯ ޕްލާޓާ ހިމެނުނު އިރު، މެދުތެރޭގައި މައިސެސް ކައިސޭޑޯ އާއި ނިލްސަން އަންގޫލޯ އާއި ޕެޑްރޯ ވީޓޭ އަދި ޖޯން ޔެބޮއާ ހިމެނުނެނެވެ. ޑިފެންސްގައި ޕިއެރޯ ހިންކަޕިއޭ، ވިލިއަމް ޕަޗޯ، ޖޮއެލް އޯޑޯނިއޭޒް އަދި އެލަން ފްރެންކޯ ހިމެނުނެވެ. މިއަދު ވެސް އެޓީމުގެ ގޯލު ބެލެހެއްޓީ ހެރްނާން ގަލިންޑޭޒް އެވެ.
މެކްސިކޯގެ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި އެކުއެޑޯގެ މައްޗަށް މެކްސިކޯ އިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ 40 އަހަރުގެ ތެރޭގައި ނޮކްއައުޓް ބުރުގެ މެޗަކުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ނޮކްއައުޓް ބުރެއްގެ މެޗަކުން މެކްސިކޯ މޮޅުވީ އަމިއްލަ ގައުމުގައި ބޭއްވި 1986 ގެ ވޯލްޑް ކަޕްގައެވެ. އެފަހަރުގެ މުބާރާތް މެކްސިކޯ އިން ނިންމާލީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.
މެކްސިކޯ އިން މުޅި ޓީމު ކުރިއަށް ޖެހި ވަރުގަދަ އެޓޭކަކާއެކު ފެށި އިރު، ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ތިން ހަމަލާއެއް ފެނިގެންދިޔައެވެ. ޖިލްބާޓޯ މޯރާ، ލުއިސް ރޯމޯ އަދި ރައުލް ހިމެނޭޒް ފޮނުވާލި ހަމަލާ ވެސް އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ ރައުލް ހިމެނޭޒަށެވެ. ރޯމޯ ރީތި ބޯޅައެއް ނަގައިދިން އިރު، ހިމެނޭޒް ހުރީ އެކުއެޑޯ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށެވެ.
މެޗުގެ 15 ވަނަ މިނެޓުގައި މެކްސިކޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އަރިމަތިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، މޯރާ ފޮނުވާލި ހަމަލާ ދިޔައީ އެކުއެޑޯ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އެކުއެޑޯގެ ފުރަތަމަ ނުރައްކާ ފެނިގެންދިޔައީ މެޗުގެ 18 ވަނަ މިނެޓުގައެވެ. އެކުއެޑޯ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޖޯން ޔެބޮއާ ފޮނުވާލި ހަމަލާ މެކްސިކޯ ކީޕަރު އަމާޒުވީ މެކްސިކޯ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 22 ވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ރޮބާޓޯ އަލްވަރާޑޯ ދިން ބޯޅަ، އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އެކުއެޑޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެކްސިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހޫލިއަން ކިނިއޮނޭސް އެވެ.
މެޗުގެ 31 ވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ކިނިއޮނޭސް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އެކުއެޑޯ ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށްލައިގެން މެކްސިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒް އެވެ.
މެޗުގެ 40 ވަނަ މިނެޓުގައި އެކުއެޑޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޖޯން ޔެބޮއާ ފޮނުވާލި ބޯޅަ، ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް މެކްސިކޯ ކީޕަރު ރަންހެލް ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު މެކްސިކޯ ފޯވަޑް ހިމެނޭޒަށް ގޯލު ޖަހާނެ އިތުރު ދެ ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާ ވެސް އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެކްސިކޯ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފުރަތަމަ ތަނަވަސްކުރީ މެކްސިކޯ އިންނެވެ. ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން އަލްވަރާޑޯ ފޮނުވާލި އެ ހަމަލާ، އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ދެ ކޯނަރަކުން މެކްސިކޯއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އަލްވަރާޑޯ ނަގައިދިން ދެ ކޯނަރުން ދެ ފުރުސަތު ލިބިފައިވަނީ މެކްސިކޯގެ ކެޕްޓަން ސެސާ މޮންޓޭސް އަށެވެ. ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ބޮލުން ފޮނުވާލި ފުރަތަމަ ހަމަލާ، އެކުއެޑޯ ކީޕަރު ގަލިންޑޭޒް މަތަކުރި އިރު، އޭނާ ބޮލުން ފޮނުވާލި ދެވަނަ ހަމަލާ އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 74 ވަނަ މިނެޓުގައި އެކުއެޑޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އެކުއެޑޯ ކެޕްޓަން މޮއިސެސް ކައިސޭޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކެވިން ރޮޑްރިގޭޒް ފޮނުވާލި ހަމަލާ، މެކްސިކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ތިން ގޯލުގެ ލީޑެއް ހޯދުމަށް މެކްސިކޯއަށް ފުރުސަތު ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޯބެލިން ޕިނޭޑާ ފޮނުވާލި ހަމަލާ ދިޔައީ އެކުއެޑޯ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ ފަހުން އަނގަމަތީގައި އަތް އަޅައިގެން މެކްސިކޯގެ ސަންޓިއާގޯ ހިމެނޭޒްއާ ދިމާއަށް ބަހެއް ބުނުމުގެ ސަބަބުން އެކުއެޑޯ ފުލްބެކް ހިންކެޕިއޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް