މާލެއަކީ ހިނގާބިނގާވެ އުޅެން ފަސޭހަ އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ތަނަކަށް ހެދުމުގެ މަގުސަދުގައި، "އާބަން މޮބިލިޓީ ސާވޭ" ގެ ނަމުގައި މާލޭ ސިޓީ ކައުންސިލުން ދިރާސާއެއް ފަށައިފިއެވެ.

މި ދިރާސާއަކީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ސާވޭއާ ގުޅޭގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޗީފް ކެޓްރިން ލޫގާ ވަނީ މިދިޔަ އޭޕްރީލް މަހު މާލޭގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީވެސް ޔޫއެންއެސްކެޕް އިންނެވެ.

މި ދިރާސާގެ ތެރެއިން މާލޭގައި މީހުން ގެންގުޅޭ އުޅަނދުފަހަރުގެ އަދަދާއި، ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން މިހާރު ހުރި ގޮންޖެހުންތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ މި ދިރާސާގެ މައިގަނޑު ބޭނުމަކީ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމެވެ. މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެގޮތުން މިހާތަނަށް 1،000 އަށް ވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި ދިރާސާއިން ލިބޭ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އަންނަ މަހުގެ 20 އަދި 21 ވަނަ ދުވަހު ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބައްދަލުވުމުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ގްރޭޓާ މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރާނެއެވެ.