އެމެރިކާގެ ސަރުކާރުގެ ޕްރެޝަރާ ގުޅިގެން، ވޯލްޑް ބޭންކުން ދޫކުރާ ފައިސާގެ 45 އިންސައްތަ މޫސުމީ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށް ހާއްސަކުރުމަށް ކަނޑައަޅާފައިވާ އަމާޒު އެ ބޭންކުން އުވާލައިފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ބޭންކުގެ 'ކްލައިމެޓް ޗޭންޖް އެކްޝަން ޕްލޭން' ގެ މުއްދަތު އިތުރުކުރި ނަމަވެސް، މޫސުމީ ފައިނޭންސަށް ކަނޑައަޅާފައިވާ 45 އިންސައްތަ އަދި 35 އިންސައްތައިގެ އަމާޒުތައް މިހާރު ވަނީ އުވާލައިފައެވެ. މި ބަދަލު ގެނެސްފައިވަނީ، ވޯލްޑް ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ އެމެރިކާއިން މި އަމާޒުތައް އުވާލުމަށް ގޮވާލާފައި ވަނިކޮށެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މޫސުމީ ކަންކަމަށް ވަކި އަމާޒެއް ކަނޑައެޅުމަކީ އިގުތިސޯދީ ނިންމުންތަކަށް ހުރަސްއެޅޭ އަދި ބޭންކުގެ އަސްލު މަގުސަދާ ދުރަށް ގެންދާ ކަމެކެވެ. މީގެ ބަދަލުގައި ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ބޭންކުން އިސްކަން ދޭނީ ވަކި އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި، ވަޒީފާ އުފެއްދުމާއި އިގުތިސޯދީ ކުރިއެރުމާ ގުޅިފައިވާ ސްމާޓް ޑިވެލޮޕްމަންޓަށް ކަމަށެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ވޯލްޑް ބޭންކުން ދޫކުރި ފައިސާގެ 48 އިންސައްތަ ނުވަތަ 50.8 ބިލިއަން ޑޮލަރު ހޭދަކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށެވެ. މިއީ ކަނޑައަޅާފައިވާ 45 އިންސައްތައިގެ އަމާޒަށް ވުރެ ވެސް މަތީ އަދަދެކެވެ.

މި ނިންމުމާ ގުޅިގެން ތިމާވެށި ހިމާޔަތްކުރާ ޖަމާއަތްތަކުންނާއި ވިލާތުގެ ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ވަކި އަމާޒެއް ނެތުމުން މޫސުމީ ބަދަލުތަކަށް ކުރާ ހޭދަ މަދުވެ، ޖަވާބުދާރީކުރުވުމުގެ ނިޒާމު ބަލިކަށިވެގެންދާނެއެވެ.