އެންމެ ފުރަތަމަ ދުނިޔޭގައި ފުޓުބޯޅަ މުބާރާތް 1930 ގައި ވޯލްޑްކަޕް ބޭއްވުނު ދުވަސްވަރު ދިވެހިރާއްޖޭގައި ފުޓުބޯޅަ ކުޅެފައިވެޔޭ ބުނެފިނަމަ ގިނަބަޔަކު ހައރާންވެދާނެއެވެ! އެހެނަސް އެއީ ތެދެކެވެ. ހަގީގަތެކެވެ. 1930ގެ އަހަރުތަކުގައި ދިވެހިރާއްޖޭގައި "ފައިބޯޅަ" މިނަމުގައި ފުޓުބޯޅަ ތައާރަފުވެ ފުޓުބޯޅަ ކުޅެފައިވެއެވެ. މިކަމުގެ ސާބިތު ހެކިތަކަށް ބަލާލާއިރު ހިޖުރައިން 1352 އަދި މީލާދީން 1933 ގައި ކަސްޓަމު މީހުނާާއި، ބުޗާކަޅުހުއްތު ދޮންމަނިކުގެ ޓީމެއް ފައިބޯޅަ ކުޅުނެވެ. މި މެޗުން މޮޅުވީ ކަޅުހުއްތު ދޮންމަނިކު (ކދ)ގެ ޓީމެވެ. މިއީ މަޝްހޫރު ކދ އަޙުމަދު މަނިކުގެ ބައްޕައެވެ.)
މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން، ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. ވީމާ، ގައުމީ ގޮތުން، ބައިނަލްއަގުވާމީ ގޮތުން ކުޅިވަރަށް ދެވިފައިވާ މަގާމު ވަރަށްވެސް މައްޗެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ ހަރަކާތްތަކަކަށްވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ޖޯޝް ވަރުގަދަވުމާއި، އެކުވެރިވުމުގެ މަތިވެރި ސިފަވެސް އިތުރުވެއެވެ. ކުޅިވަރުގެ ތެރެއިން މުޅިދުނިޔޭގައިވެސް އަދި ދިވެހިރާއްޖޭގައިވެސް އެންމެ ތަރުހީބު ބޮޑު ފޯރިގަދަ ކުޅިވަރަކީ ފުޓުބޯޅައެވެ. ގިނަބަޔަކަށް އެނގިފައި ވަނީ އަދި ލިޔެކިޔުންތަކުން ފެންނަނީ ލިޔުންތެރިން ލިޔުއްވާފައިވަނީ ކުރިކެޓު ފިޔަވައި ބައިނަލްއަގުވާމީ ގިނަ ކުޅިވަރުތައް ދިވެހިރާއްޖެއަށް ތައާރަފުވީ އަމީނީ ދައުރުގައި 1940 ގެ އަހަރުތަކުގައި ކަމުގައެވެ. ދިވެހިރާއްޖެއަށް ފުޓުބޯޅަ ތައާރަފުވީވެސް އެގޮތުން އެދުވަސްވަރު ކަމުގައެވެ. އެހެނަސް އެއަށްވުރެ ދޮޅަހަކަށް އަހަރު ކުރިން ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ދުވަސްވަރު ކާމިލުދީދީގެ ވަޒީރުއްދާޚިލިއްޔާ ކަމުގައި 1933 ގައި ދިވެހިރާއްޖޭގައި "ފައިބޯޅަ" މިނަމުގައި ފުޓުބޯޅަ ތައާރަފުވެ ފުޓުބޯޅަ ކުޅެފައިވާ ކަމުގެ ކިތާބީ ސާބިތު ހެކި ފެންނަން ހުރިކަމެވެ.
1945ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުން، ދިވެހިރާއްޖެ ސަލާމަތްވެ އަމީނީ ދައުރުގައި ފެށުނު ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން ސިލޯނުގެ ތަޖުރިބާކާރު މާހިރެއް ކަމުގައިވި، މައިކަލް ޑިސިލްވާގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވަން ފެށިގެން ރާއްޖޭގައި އެންމެ ފުރަތަމަ މުބާރާތް ބޭއްވުނެވެ. އެއީ 1946ގައެވެ. މިމުބާރާތް އޮތީ ސަރުކާރުގެ އޮފީސްތަކުން ވާދަކުރި މުބާރާތެއްގެ ގޮތުގައެވެ. އޭގެފަހުން އަވަށު ކުލަބުތައް އުފެދި އަވަށު ކުލަބުތަކުން ވާދަކުރި ފުޓުބޯޅަ މުބާރާތްތައްވެސް އަމީނީ ދައުރުގައި ބޭއްވުނެވެ. އަދި މާލޭގެ 4 އަވަށަށް 4 ދަނޑު ތައްޔާރުކުރެވުނެވެ.
ގައުމީ ދަނޑެއް ހިމެނޭގޮތުން 5 ދަނޑު، ކުޅިވަރު ދަނޑުތަކުގެ ގޮތުގައި މާލޭގައި، އަމީނީ ދައުރު ނިމުނުއިރު އޮތެވެ. އަމީނީ ޖުމުހޫރީ ދުވަސްވަރު 1953 ޖަނަވަރީ މަހު ޖުމުހޫރީ އީދުގެ އިހުތިފާލުތަކުގެ ތެރެއިން ޚާއްޞަ ފުޓުބޯޅަ މެޗެއް ކުޅެވުނުކަން ފާހަގަކުރެވެއެވެ. އެއީ މާލެ، ރާއްޖެތެރެ، ބައްދަލުކުރި ޚާއްޞަ ފުޓްބޯޅަ މެޗެވެ. މިމެޗުން މޮޅުވީ ރާއްޖެތެރޭ ޓީމެވެ. މިއިން އެނގެނީ މުޅި ރާއްޖޭގައި އެއިރު ފުޓްބޯޅަ ކުޅޭކަމެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އަމީނީ ދައުރުގައި ފުޓުބޯޅަ ދަނޑު ހެދުނުކަން ނުވަތަ ކުޅިވަރުބިން ކަނޑައެޅިފައިވާކަން ފާހަގަކުރަންޖެހެއެވެ.
ވޯލްްޑްކަޕް ފެށުނީ 1930ގައެވެ ވީމާ، 96 އަހަރެވެ. 5 ފަހަރު ދުނިޔޭގެ ޗެންޕިޔަންކަމުގެ ރިކޯޑާއެކު ވޯލްޑްކަޕުގެ އެންމެ ޝަރަފުވެރި ރިކޯޑު އޮތީ ދެކުނުއެމެރިކާގެ ބުރެޒިލަށެވެ. 2 ވަނައިގައި 2 ގައުމެވެ. 4 ފަހަރު ވޯލްޑްކަޕު ލިބުމުގެ ރެކޯޑު ޔޫރަޕުގެ ޖަރުމަނުވިލާތާއި، ޔޫރަޕުގެ އިޓަލީވިލާތެވެ. 3 ވަނައިގައި ވަނީ 3 ފަހަރު ވޯލްޑްކަޕު ލިބުމުގެ ޝަރަފު ހޯދި އެންމެފަހުގެ ޗެމްޕިޔަން އާޖެންޓީނާއެވެ. 4 ވަނައިގައި ވަނީ 2 ގައުމެވެ. ދެކުނު އެމެރިކާގެ އުރުގުއޭ އަދި ޔޫރަޕުގެ ފަރަންސޭސިވިލާތެވެ. މިއީ 2ފަހަރު ވޯލްޑްކަޕު ކާމިޔާބުކުރި 2 ގައުމެވެ. 5 ވަނައިގައި 1 ފަހަރު ވޯލްޑްކަޕު ލިބުނު 2ގައުމެވެ. ޔޫރަޕުގެ 2ގައުމު ކަމަށްވާ އިނގިރޭސިވިލާތާއި، އިސްޕޭންވިލާތެވެ. ވީމާ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެންމެ ކާމިޔާބު 2 ބާރަކީ ޔޫރަޕާއި، ދެކުނުއެމެރިކާއެވެ.
ދިވެހިރާއްޖެއަށް ވަގުތުން ފެނުމުގެ ފުރުސަތު ލިބުނު ފުރަތަމަ ވޯލްޑުކަޕަކީ މެކުސިކޯގައި 1986ގައި ބޭއްވުނު "މެކްސިކޯ86"އެވެ. އެއީ އާޖެންޓީނާގެ ފަހަރެވެ. މަރަޑޯނާގެ ރަންޒަމާނެވެ. އެއިގެ ފަހުން މިވީ 40 އަހަރު ހުރިހާ ވޯލްޑުކަޕެއް ދިވެހީންނަށްވެސް ވަގުތުން ފެނުނެވެ. ފަހަރެއް ފަހަރަކަށްވުރެ ފަސޭހަ ފުރިހަމަ ގޮތެއްގައެވެ. ސަޕޯޓުކުރުމުގެ އެންމެ ފޯރިގަދަކަން އެންމެ ޖޯޝް ދިވެހީންގެ ކިބައިގައިވެއެވެ. ބުރެޒިލް، އާޖެންޓީނާ، އިޓަލީ، ޖަރުމަނު، ފުރާންސް، ސްޕެއިން، ޕޯޗުގަލް އަދި އެހެން ގައުމުތަކުގެ ސަޕޯޓަރުން ދިވެހީންގެ ތެރޭގައި ގިނަ އަދަދަކަށް ހިމެނެއެވެ.
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު

ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ކޮމެންޓް