ވޯލްޑް ކަޕް 2026 ގައި އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ އިން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

ނޯވޭ ގައުމީ ފުޓުބޯޅަ ޓީމަކީ ޔޫރަޕްގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. މި ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ބްރެޒިލް އަތުން ދުވަހަކުވެސް ބަލިވެފައިނުވާ މަދު ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. ބްރެޒިލްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ވޯލްޑް ކަޕްގައި ނޯވޭ އިން ވަނީ ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1938، 1994 އަދި 1998 ވަނަ އަހަރުއެވެ. މީގެ ތެރެއިން 1938 އަދި 1998 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އާ ހަމައަށް އެ ޓީމު ދަތުރުކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ނޯވޭ އިން ޔޫރޯގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2000 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ ފަހަރު އެ ޓީމު ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.

އައިވަރީ ކޯސްޓަށް މިފަހަރުގެ ވޯލްޑް ކަޕަކީ އެގައުމުގެ ހަތަރުވަނަ ވޯލްޑް ކަޕެވެ. 1974 ވަނަ އަހަރުން ފެށިގެން އެފްރިކާގެ ކޮލިފިކޭޝަންގައި ކުޅެމުން އަންނަ އައިވަރީ ކޯސްޓުން ފުރަތަމަ ވޯލްޑް ކަޕަކަށް ނުކުތީ 2006 ވަނަ އަހަރުއެވެ. އެއީ އެގައުމުގެ ރަން ޖީލަކާއެކުގައެވެ. އޭގެފަހުން ޖެހިގެން އައި ތިން ވޯލްޑް ކަޕުގައިވެސް އައިވަރީ ކޯސްޓް ފެނިގެން ދިޔުމުން ދޭހަކޮށްދެނީ އެ ޖީލުގެ ކާމިޔާބީއެވެ.

އާ ޖީލެއްގެ ކުރިއެރުން ނުފެނި އެންމެފަހު ދެ ވޯލްޑް ކަޕް ގެއްލުނު އިރު، އައިވަރީ ކޯސްޓުން ވަނީ ތިން ފަހަރު އެފްރިކާގެ ތަށި ހޯދައިފައެވެ. އެއީ 1992، 2015 އަދި 2023 އެވެ. ފަހުން ހޯދި ކާމިޔާބީން ދައްކައިދެނީ އެގައުމުގެ ފުޓުބޯޅަ އަނެއްކާވެސް ރަނގަޅު މިސްރާބަކަށް ހުރިކަމެވެ.

މީގެ ކުރިން ނޯވޭ އާއި އައިވަރީ ކޯސްޓުން މެޗެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ މި ދެ ޓީމަށް ތާރީހީ މެޗަކަށް ވެގެންދާނެއެވެ. މިއީ އައިވަރީ ކޯސްޓުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި ނޯވޭ އިން އެންމެ ފަހުން ނޮކްއައުޓް ބުރެއްގައި ވާދަކޮށްފައިވަނީ، އެންމެ ފަހުން ވާދަކުރި ވޯލްޑް ކަޕް 1998 ގައެވެ. އެއީ 28 އަހަރު ކުރިއެވެ. ނޯވޭއަށް ދެ ފަހަރެއްގެ މަތިން ދެވަނަ ބުރަށް ދެވުނު ނަމަވެސް، އެއަށްވުރެ ދުރަށް ވޯލްޑް ކަޕްގައި ދެވިފައެއް ނުވެއެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ދިހަ ބަދަލަކާއެކު ނުކުތް ނޯވޭ އިން ވަނީ މިރޭގެ މެޗަށް އަލުން އެޓީމުގެ މުހިންމު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނައިފައެވެ. އެގޮތުން ކެޕްޓަން މާޓިން އޮޑެގާޑް، އާލިން ހާލަންޑް، އެލެކްސެންޑާ ސާލޮތު އަދި އެންޓޯނިއޯ ނޫސާ އަލުން ވަނީ ޓީމުގައި ހިމަނައިފައެވެ. ނަމަވެސް ފްރާންސް މެޗުގައި އިސް ދައުރެއް އަދާކުރި އޮސްކާ ބޮބް މިރޭގެ މެޗުގައި އަލުން ފަށާފައިވަނީ ބެންޗުންނެވެ. އައިވަރީ ކޯސްޓުން ވެސް ކެޕްޓަން ފްރޭންކް ކެސީ، ޔޭން ޑިއޮމަންޑޭ، އަންގޭ ޔޮއާން ބޮނީ އަދި ނިކޮލަސް ޕެޕޭ ފަދަ ކުޅުންތެރިންނާއެކު ވަނީ ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ.

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ ބުރުގެ މެޗުގައި އައިވަރީ ކޯސްޓްގެ މައްޗަށް ނޯވޭ އިން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ދެ ޓީމުން ވެސް ފުރުސަތުތައް ހޯދުމަށް ކުރިއަށް ޖެހުމަށްފަހު، ބޯޅަ ގެއްލުމާއެކު ޑިފެންސަށް ފައިބައި ޑިފެންސަށް ވިސްނައިގެން ކުޅޭ ތަން ފާހަގަވެގެންދިޔައެވެ. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ހުސް ފުރުސަތުތައް ތަނަވަސްކުރުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި އައިވަރީ ކޯސްޓަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޭން ޑިއޮމަންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ނިކޮލަސް ޕެޕޭ ފޮނުވާލި ހަމަލާ، ނޯވޭގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ނޯވޭއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެލެކްޒެންޑާ ސާލޮތު ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އާލިން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އައިވަރީ ކޯސްޓުގެ ކީޕަރު ޔަހިއާ ފޮފާނާއާ ދިމާއަށެވެ. ހާލަންޑްގެ އެ ބޯޅައިގައި މާބޮޑު ބާރެއް ވެސް ނެތެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ނޯވޭ އިން ވަނީ ހިތްގައިމު ގޯލާއެކު ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަރިމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ނޯވޭއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ނޫސާ އެވެ.

އޭގެ ދެ މިނެޓު ފަހުން ލީޑު ފުޅާކޮށްލުމަށް ކައިރިކައިރީގައި ނޯވޭއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ސާލޮތު ބޮލުން ޖައްސާލި ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހާލަންޑް ފޮނުވާލި ހަމަލާ، އައިވަރީ ކޯސްޓުގެ އިބްރާހިމް ސަންގާރޭ ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން ކޯނަރުގައި ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސާލޮތު ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އައިވަރީ ކޯސްޓް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އައިވަރީ ކޯސްޓަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ހުރަހެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އެމަނުއެލް އަގްބަދޫ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ނޯވޭ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.

ވަރުގަދަ އެޓޭކަކާއެކު ދެވަނަ ހާފު ފެށި އައިވަރީ ކޯސްޓުން ވަނީ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގުއޭލާ ޑޫއޭ ފޮނުވާލި ހަމަލާ، ނޯވޭގެ ޑިފެންސުން ބްލޮކްކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ނިކޮލަސް ޕެޕޭ ފޮނުވާލި ހަމަލާ، ނޯވޭގެ ކީޕަރު އޯޔަން ނީލަންޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ފްރޭންކް ކެސީ ފޮނުވާލި ހަމަލާ ވެސް ނޯވޭ ކީޕަރު ނީލަންޑް ވަނީ މަތަކޮށްފައެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ނޯވޭގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ކޯނަރަކުން މާޓިން އޮޑެގާޑް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޓޯބްޔޯން ހެގެމް ފޮނުވާލި ހަމަލާ، އައިވަރީ ކޯސްޓްގެ ގޯލު ލައިންމަތިން އަމަދް ޑިއާލޯ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 74 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނޯވޭގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން އައިވަރީ ކޯސްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަމަދް ޑިއާލޯ އެވެ.

މެޗުގެ 86 ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ ނޯވޭއަށް އަލުން ލީޑު ހޯދައިދީފައެވެ. ޕެޓްރިކް ބާގް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ހާލަންޑް ވަނީ ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ދެެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އައިވަރީ ކޯސްޓުގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. އަމަދް ޑިއާލޯ ފޮނުވާލި ހިލޭ ޖެހުން، ގޯލުގެ މަތީ ކަނަށް އަމާޒުވާން ދަނިކޮށް، ނޯވޭގެ ކީޕަރު ނީލަންޑް ވަނީ މަތަކޮށްފައެވެ.