ފީފާ ވޯލްޑް ކަޕް 2026 އިން ފެނިގެންދަނީ ދުނިޔޭގެ ފުޓުބޯޅައިގެ އާދަކާދަތަކާއި ތާރީހީ ބާރުވެރިކަން ވަރަށް ހަލުވިކަމާއެކު ބަދަލުވަމުން އަންނަ މަންޒަރެވެ. އެންމެ ދުވަހެއްގެ ތެރޭގައި، ޔޫރަޕުގެ ފުޓުބޯޅައިގެ ދެ ބާރު ކަމަށްވާ ޖަރުމަނާއި ނެދަލޭންޑްސް ވަނީ މުބާރާތުގެ ގަދަ 32 ގެ ބުރުން ކަޓައިފައެވެ. ޕެރަގުއާއީ އަދި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުތަކުން މި ދެ ޓީމުވެސް ބަލިވީ ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
ވޭތުވެދިޔަ އެތައް އަހަރުތަކެއްގައި ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ރަސްކަންކުރީ ޔޫރަޕުގެ ގައުމުތަކުންނެވެ. ފާއިތުވި 22 ވޯލްޑް ކަޕުގެ ތެރެއިން 12 މުބާރާތް ކާމިޔާބުކުރީ ޔޫރަޕުގެ ޓީމުތަކުންނެވެ. ނަމަވެސް، މިފަހަރުގެ މުބާރާތުގައި ހިނގަމުންނ އަންނަ ކަންކަމަށް ބަލާއިރު، ޔޫރަޕާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު އޮތް ފަރަގު މިވަނީ ތާރީހުގައިވެސް ނުވާހާ ކުޑަވެފައެވެ. މިއީ ފުޓުބޯޅައިގެ އާ ޒަމާނެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޖަރުމަނަށް ލިބުނު ހިތްދަތި ނިމުން
ގްރޫޕް ސްޓޭޖުގެ އުނދަގޫ މެޗުތަކަކަށްފަހު، ނޮކްއައުޓް ބުރާ ކުރިމަތިލިއިރު ޖަރުމަނަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމެވެ. ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޖަރުމަނު ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އިތުރު ވަގުތުގެ ތެރޭގައި ޖޮނަތަން ޓާ ޖެހި ގޯލަކާއެކު މެޗު ކާމިޔާބުކުރެވުނީ ކަމަށްވެސް އެ ޓީމުން ހީކުރިއެވެ. ނަމަވެސް، ޕެރަގުއާއީގެ ކީޕަރު އޯލާންޑޯ ގިލްއަށް ފައުލްކުރި ކަމަށް ބަލައި، ވީއޭއާރުން ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ. މިއީ މެޗުގެ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއް ކުރި ނިންމުމެކެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނުމުނުއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕެރަގުއާއީ އިން ވަނީ ހިތްވަރާއެކު ކުޅެ، ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނު ކަޓުވާލައިފައެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ އެންމެ ބޮޑު އެއް ހައިރާންކަމެވެ. މި މެޗުގައި ކީޕަރު އޯލާންޑޯ ގިލް ދެއްކި މޮޅު ކުޅުމާއި، ޕެރަގުއާއީގެ ވަރުގަދަ ޑިފެންސުގެ ސަބަބުން ޖަރުމަނުގެ ކުޅުންތެރިންނަށް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. މިއީ ވޯލްޑް ކަޕުގެ ތާރީހުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިވި ފުރަތަމަ ފަހަރު ކަމަށްވުމުން، މި ނާކާމިޔާބީގެ ހިތްދަތިކަން އެ ޓީމަށް ވަރަށް ބޮޑެވެ.
މޮރޮކޯގެ ސިހުމުގެ ސިލްސިލާ ކުރިއަށް
ޖަރުމަނެކޭ އެއްފަދައިން ނެދަލޭންޑްސްއަށްވެސް ކުރިމަތިވީ ވަރަށް ހިތްދަތި ނިމުމަކާއެވެ. ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނެދަލޭންޑްސް ޓީމުން މެޗުގެ ދެވަނަ ހާފުގައި ކޯޑީ ގަކްޕޯ ޖަހައިދިން ގޯލާއެކު ލީޑު ނެގުމުން، އެ ޓީމު ގަދަ 16 އަށް ދަތުރުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް، މޮރޮކޯއިން އުންމީދު ކަނޑައެއް ނުލިއެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ނެދަލޭންޑްސްގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ. އަދި އިތުރު ވަގުތަށްފަހު ޖެހި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް، މޮރޮކޯއިން ނެދަލޭންޑްސް މުބާރާތުން ކަޓުވާލިއެވެ.
އިތުރު ވަގުތުގެ ތެރޭގައިވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދީ މޮރޮކޯއިންނެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި މޮރޮކޯއަކީ ރޭވުންތެރިކަމާއެކު ކުޅޭ، ބަލިކުރަން އުނދަގޫ ޓީމެއްކަން މި މެޗުންވެސް ސާބިތުކޮށްދިނެވެ. މޮރޮކޯއިން ހޯދި މި ކާމިޔާބީއަކީ އިއްތިފާގަކުން ވީ ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތައް ބަލިކުރުމުގެ ގާބިލުކަން މޮރޮކޯގައި ހުރިކަން ސާބިތުކޮށްދިން އިތުރު ހެއްކެކެވެ. މޮރޮކޯގެ ކުޅުންތެރިން ދެއްކި ހިތްވަރާއި އަޒުމަކީ އެހެން ޓީމުތަކަށްވެސް ލިބުނު ވަރަށް ބޮޑު ފިލާވަޅެކެވެ.
ޔޫރަޕުގެ ޓީމުތަކަށް ނަތީޖާ ނެރެން ދަތިވަނީ ކީއްވެ؟
ޔޫރަޕުގެ ބޮޑެތި ޓީމުތަކަށް މި މުބާރާތުގައި އުނދަގޫތަކާ ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ވާދަވެރިކަން ބޮޑުވުމެވެ. އެފްރިކާ، އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިން މިހާރު ކުޅެމުން އަންނަނީ ޔޫރަޕުގެ އެންމެ މަތީ ލީގުތަކުގައެވެ. ޓެކްޓިކަލް މައުލޫމާތާއި، ކުޅިވަރު ސައިންސާއި، އެނަލިޓިކްސް އަދި ކޯޗިންގެ އާ ގޮތްތަކަކީ މިހާރު ހަމައެކަނި ޔޫރަޕަށް ހާއްސަ ކަންކަމެއް ނޫނެވެ. މޮރޮކޯ، ޕެރަގުއާއީ، ޖަޕާން އަދި ކެނެޑާ ފަދަ ގައުމުތަކުން މިހާރު މުބާރާތްތަކާ ކުރިމަތިލަނީ ހަމައެކަނި ބައިވެރިވުމުގެ ނިޔަތަކު ނޫނެވެ. އެ ޓީމުތަކުން ނުކުންނަނީ މޮޅުވުމުގެ އަޒުމުގައެވެ.
މީގެ އިތުރުން، ކުދި ޓީމުތަކުގެ ޑިފެންސިވް ރޭވުންތެރިކަން މިހާރު ވަރަށް ބޮޑަށް ވަނީ ކުރިއަރައިފައެވެ. ހަމައެކަނި ފަހަތަށް ޖެހިގެން ކުޅުމުގެ ބަދަލުގައި، މި ޓީމުތަކުން ޑިފެންސްކުރަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ. ފުރުސަތު ލިބޭ ވަގުތު ނުރައްކާތެރި ކައުންޓާ އެޓޭކްތައް އުފައްދައެވެ. ޕެރަގުއާއީ އިން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ މިފަދަ މޮޅު ޑިފެންސެކެވެ. މޮރޮކޯއިންވެސް ކެތްތެރިކަމާއެކު ފުރުސަތަކަށް އިންތިޒާރުކުރިއެވެ. ގިނަ ވަގުތު ބޯޅަ ހިފެހެއްޓުމަކީ މިހާރު މޮޅުވުމުގެ ޔަގީންކަމެއް ނޫނެވެ.
މުބާރާތުގައި 48 ޓީމު ބައިވެރިވާ ގޮތަށް ހަމަޖެއްސުމުން، ގިނަ ބަޔަކު ހީކުރީ މެޗުތަކުގެ ފޯރި ކުޑަވާނެ ކަމަށެވެ. ނަމަވެސް، ފުޅާކުރެވުނު މުބާރާތުގެ ސަބަބުން ކުރިއަރަމުން އަންނަ ފުޓުބޯޅަ ގައުމުތަކަށް ވަނީ އިތުރު ތަޖުރިބާއާއި އިތުބާރު ލިބިފައެވެ. ޒުވާން ކުޅުންތެރިން ބިނާކުރުމާއި، މަތީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ގިނަ ގައުމުތަކަށް ލިބެއެވެ. މީގެ ސަބަބުން ނޮކްއައުޓް މަރުހަލާގެ މެޗުތަކުގެ ނަތީޖާ ލަފާކުރަން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.
ޔޫރަޕުގެ ބޮޑެތި ޓީމުތަކަށް އޮންނަ ޕްރެޝަރުވެސް ވަނީ ބޮޑުވެފައެވެ. ޖަރުމަނާއި ނެދަލޭންޑްސް ފަދަ ޓީމުތަކުން ކޮންމެ މުބާރާތެއް ކާމިޔާބުކުރާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރެއެވެ. ނޮކްއައުޓް މަރުހަލާގައި ހެދޭ އެންމެ ގޯހަކުން ނުވަތަ ގެއްލޭ އެންމެ ޕެނަލްޓީއަކުން މުޅި މުބާރާތް ނިމުމަކަށް އާދެއެވެ. ވީއޭއާރުގެ ނިންމުންތަކާއި، ޕެނަލްޓީ ޝޫޓްއައުޓްތަކުން މިހާރު މެޗުތަކުގެ ނަތީޖާ ކަނޑައެޅޭ މިންވަރު ވަނީ އިތުރުވެފައެވެ. ކުދިކުދި ކަންކަމުން މޮޅުވާ ޓީމާއި ބަލިވާ ޓީމު ކަނޑައެޅިގެންދެއެވެ.
ބައިނަލްއަގުވާމީ ފުޓުބޯޅައިގެ އާ ޒަމާނެއް
ޔޫރަޕުގެ ބާރުވެރިކަން މުޅިން ނިމުމަކަށް އައީތޯ ސުވާލު އުފެދެއެވެ. މުޅިން އެހެނެއް ނޫނެވެ. ފްރާންސް، ސްޕެއިން، ޕޯޗުގަލް އަދި އިންގްލެންޑް ފަދަ ގައުމުތަކުގައި އަދިވެސް މުބާރާތް ކާމިޔާބުކުރެވޭ ފެންވަރުގެ މޮޅެތި ކުޅުންތެރިން އެބަތިއްބެވެ. ނަމަވެސް، ޔޫރަޕުގެ ބޮޑެތި ޓީމުތަކަށް ފަސޭހަކަމާއެކު ނޮކްއައުޓް މެޗުތައް ކާމިޔާބުކުރެވެން އޮތް ޒަމާން މިހާރު އެއީ މާޒީއެވެ. އިދިކޮޅު ކޮންމެ ޓީމަކުންވެސް މިހާރު ގަބޫލުކުރަނީ އެ ޓީމުތަކަށްވެސް އެންމެ މަތީ ފެންވަރުގައި ވާދަކުރެވޭނެ ކަމަށެވެ.
ޖަރުމަނާއި ނެދަލޭންޑްސް މުބާރާތުން ކެޓުމަކީ ހަމައެކަނި އެ ދެ ޓީމުގެ ނާކާމިޔާބީއެއް ނޫނެވެ. އެއީ ދުނިޔޭގެ ފުޓުބޯޅަ ކުރިއަރައިގެން ގޮސްފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. މޮރޮކޯއިން ވަނީ ފާއިތުވި އަހަރުތަކުގައި އެ ޓީމުން ހޯދަމުން އައި ކުރިއެރުން ދަމަހައްޓައިފައެވެ. އަދި ޕެރަގުއާއީ އިން ވަނީ ޓެކްޓިކަލް ރޭވުންތެރިކަމާއި، އިތުބާރުގެ ސަބަބުން، ނަން މަޝްހޫރު ކުޅުންތެރިން ތިބޭ ޓީމުތައްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދީފައެވެ.
ވޯލްޑް ކަޕް 2026 އިން މި ދައްކައިދެނީ ފުޓުބޯޅައިގެ އާދަކާދަތައް ބަދަލުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓީމުތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބެމުން އަންނަކަމެވެ. މިއީ ޔޫރަޕަށް ލިބުނު ވަރަށް ބޮޑު އިންޒާރެކެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކަށް މިއީ ފުޓުބޯޅައިގެ ތާރީހު ބަދަލުވަމުން އަންނަކަމުގެ ސާފު ހެއްކެކެވެ. ކުރިއަށް އޮތް މެޗުތަކުގައިވެސް މިފަދަ ބޮޑެތި ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް