ޖެނުއަރީ 2024 އިން ފެށިގެން މި މަހާ ހިސާބަށް ރާއްޖެ އެތެރެކުރަން އުޅުނު 324 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސްއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު 27 ޕަސެންޓަށް އިތުރުވެފައިވާ އިރު، އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 31 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބު:

  • 2024 އިން ޖޫން 2026އަށް - 147 މައްސަލައިގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް
  • 2019 އިން 2023 އަށް - 116 މައްސަލައިގައި 247 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅައި ބަލާއިރު، މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގަައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު ވަނީ އިތުރުވެފައެވެ.

ކަސްޓަމްސް އިން މިމަހުގެ ތެރޭގައި ވެސް 6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައެވެ. އެއީ 8490 ގްރާމްގެ ހަޝިޝް އޮއިލް އެވެ. އޭގެ އިތުރުން މިދިޔަ މެއި މަހުވެސް ވަނީ ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.