ނޯވޭއާއެކު ވޯލްޑް ކަޕް 2026 ގެ ހުވަފެނީ ދަތުރު، އާސެނަލްގެ ކާމިޔާބީ ސީޒަނަށްވުރެ ބޮޑު ކަމަށް ނޯވޭ އަދި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ބުނެފިއެވެ.
އާސެނަލާއެކު މެއި މަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ފައިނަލާ ހަމައަށް ދަތުރުކުރި ނަމަވެސް، 27 އަހަރުގެ މިޑްފީލްޑަރު އޮޑެގާޑް ބުނީ ވޯލްޑް ކަޕްގެ ބޮޑު މެޗެއް ކުޅެން ލިބުމަކީ އެއާ ނުބައްދަލު ތަޖުރިބާއެއް ކަމަށެވެ.
ނޯވޭއިން 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެ، ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ނޮކައުޓް ބުރަށް ދަތުރުކޮށްފައިވާ އިރު، ގަދަ 32 ގެ ބުރުގައި ވާދަކުރާނީ އައިވޮރީ ކޯސްޓާ ދެކޮޅަށެވެ.
ޓީވީ2 އަށް ދިން އިންޓަވިއުއެއްގައި އޮޑެގާޑް ބުނީ "ވޯލްޑް ކަޕްގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށް ވުމަކީ ވަރަށް ބޮޑު ވަރަށް ހާއްސަ އިހުސާސްތައް އެކުލެވޭ ކަމެއް" ކަމަށެވެ. އެއީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބު ކަމަށް އޮޑެގާޑް ބުންޏެވެ.
ވޯލްޑް ކަޕްގައި 28 އަހަރަށްފަހު ވާދަކުރާ ނޯވޭ ޓީމުގެ އޮޑެގާޑާއި އާލިން ހާލަންޑް ވަނީ މުޅި ގައުމު ފޯރި އާއި ޖޯޝުން ފުރާލައިފައެވެ. ނޯވޭ ސަޕޯޓަރުންގެ ވައިކިން "ރޯ" ސެލެބްރޭޝަން ވެފައިވަނީ މުބާރާތުގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް މަންޒަރަށެވެ.
ސަޕޯޓަރުންނަށް ދިން މެސެޖެއްގައި އޮޑެގާޑް ބުނީ "ތިޔަ ހުރިހާ ސަޕޯޓަކަށް ޝުކުރު ދަންނަވަން. ސަޕޯޓަރުންނަށް ފޯރި ނެގޭނެ އިތުރު ކާމިޔާބީތައް ހޯދައިދެވޭނެ ކަމަށް އުންމީދުކުރަން" ކަމަށެވެ.
ކޯޗު ސްޓޯލެ ސޮލްބެކަން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރާންސާ ދެކޮޅަށް ނޯވޭގެ ޓީމަށް ބޮޑެތި ބަދަލުތައް ގެނެސް، އައިވޮރީ ކޯސްޓް މެޗަށް ތައްޔާރުވުމަށް އޮޑެގާޑާއި ހާލަންޑް ފަދަ މުހިންމު ކުޅުންތެރިންނަށް ރެސްޓު ދީފައެވެ.
އޮޑެގާޑް ބުނީ ވޯލްޑް ކަޕްގެ ބޮޑު މެޗެއް ކުޅެ ކުރިއަށް ދިއުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށާއި ގަދަ 32 ގެ މެޗުން ނޯވޭ މޮޅުވެއްޖެ ނަމަ ދަނޑުމަތީގައި އަނެއްކާވެސް ރޯ ސެލެބްރޭޝަން ފެންނާނެ ކަމަށް ކަމަށެވެ.
ވޯލްޑް ކަޕް 32 ގެ މެޗުގައި ނޯވޭ އިން އައިވޮރީ ކޯސްޓާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 10:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް