އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ރީވާ ޑިސްޓްރިކްޓުގައި ހައްދާ، ޖިއޮގްރަފިކަލް އިންޑިކޭޝަން (ޖީއައި) ޓެގް ލިބިފައިވާ 'ސުންދަރްޖާ' ބާވަތުގެ އަނބު ވިޔަފާރީގެ އުސޫލުން ފުރަތަމަ ފަހަރަށް އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަށް އެކްސްޕޯޓުކޮށްފިއެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެއް މެޓްރިކް ޓަނުގެ މި ޝިޕްމަންޓް ޔޫއޭއީއަށް ފޮނުވާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެއެވެ.
މި އެކްސްޕޯޓު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އަޕޭޑާ) ގެ އެހީތެރިކަމާއެކުގައެވެ. އަޕޭޑާއިން ބުނި ގޮތުގައި، މި އަނބުތައް ހޯދާފައިވަނީ ރީވާ ޑިސްޓްރިކްޓުގެ ގޯވިންދްގަރްގެ ދަނޑުވެރިއެއް ކަމަށްވާ ސޯނޫ ގުޕްތާ އާއި ސެއޮންދާ ފާމަރ ޕްރޮޑިއުސަރު ކޮމްޕެނީ ލިމިޓެޑް މެދުވެރިކޮށެވެ. އޭގެ ފަހުން އުއްތަރު ޕްރަދޭޝްގެ ބަދޯހީގައި ހުންނަ ޓްރިސާގަރ ފާމަރ ޕްރޮޑިއުސަރު ކޮމްޕެނީގެ ޕެކިންގ ފެސިލިޓީއެއްގައި ބަންދުކުރުމަށްފަހު، މި ޝިޕްމަންޓް ޔޫއޭއީއަށް ފޮނުވީ ވާރާނަސީ އެއާޕޯޓުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މި ވިޔަފާރީގެ ސަބަބުން ދަނޑުވެރިންނަށް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް ކޮމާސް މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން، އާންމުކޮށް ލޯކަލް މާކެޓުގައި ކިލޯއެއް 100 އާއި 110 ރުޕީސްއާ ދެމެދުގެ އަގެއްގައި ވިއްކާ މި އަނބު، އެކްސްޕޯޓަރުން ގަނެފައިވަނީ ކިލޯއެއް 150 ރުޕީސްގެ މަގުންނެވެ. މިއީ ދަނޑުވެރިންނަށް ކިލޯއަކުން 40 އާއި 50 ރުޕީސްގެ އިތުރު ފައިދާއެކެވެ. ރީވާ ސުންދަރްޖާ އަނބަކީ އާދަޔާހިލާފު ފޮނިރަހައަކާއި މީރު ވަހެއް އެކުލެވޭ، ނަރު ނުހުންނަ ބާވަތެއް ކަމަށާއި، މި ބާވަތަށް 2023 ވަނަ އަހަރު ޖީއައި ޓެގް ލިބުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި މީގެ މަގުބޫލުކަން އިތުރުވާނެ ކަމެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.
މި ޝިޕްމަންޓަކީ ރީވާ ސުންދަރްޖާ އަނބު ބައިނަލްއަގުވާމީ ބާޒާރަށް ނެރުމުގެ ފެށުން ކަމަށާއި، ކުރިއަށް އޮތް މޫސުމުގައި ގަވާއިދުން އެކްސްޕޯޓުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މި ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓުކޮށްފައިވަނީ 'ސޯލްޓް ރޭންޖް ފުޑްސް ޕްރައިވެޓް ލިމިޓެޑް' ކުންފުނިންނެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް