އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުތައް ކުރިއަށްގެންދިއުމުގެ އުސޫލުތައް ހަރުދަނާކޮށް މައްސަލަތައް އަވަސްކުރުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.

އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ލަސްނުކޮށް ތަހުގީގުކޮށް ނިންމުމަށް ބޭނުންވާ އިޖުރާއަތުތައް ކަނޑައެޅުމެވެ. ހަމައެހެންމެ، ގާނޫނުއަސާސީގެ 50 ވަނަ މާއްދާއިން ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ލިބިދޭ، މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމުމުގެ ހައްގު ކަށަވަރުކުރުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުތައް ހަރުދަނާކުރުމަށް މި ގަވާއިދު މަގުފަހިކޮށްދެއެވެ.

އަލަށް ގެނައި އިސްލާހުތަކާއެކު، ދައުލަތުގެ އިދާރާތަކަށްވެސް ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެކަން ކަށަވަރުކޮށްދީފައިވެއެވެ. މައްސަލައެއް ރަޖިސްޓްރީ ކުރުމަށްޓަކައި އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް ކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރުމާއި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާންޖެހެއެވެ. މައްސަލަތައް ބަލައިގަތުމާއި ރަޖިސްޓްރީ ކުރުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި "ރަޖިސްޓްރާ" ގެ މަގާމެއް އުފައްދައި، އެ ފަރާތުގެ މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅާފައެވެ.

އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގެ ކުރިން، އެ މައްސަލަތައް އެސެސްކުރުމުގެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، މުޖުތަމައުގެ އާންމު މަސްލަހަތު ހިމެނޭ މިންވަރާއި ދައުލަތަށް ލިބިދާނެ ގެއްލުމާއި އަދި ހެކި ނައްތައިލުމުގެ ފުރުސަތު އޮތް މިންވަރަށް ބަލައި މައްސަލަތައް ތަރުތީބުކުރެވޭނެއެވެ.

މީގެ އިތުރުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމާއި، ތަހުގީގުތަކާ ގުޅޭ އުސޫލުތައް އެކުލަވައިލުމުގެ ބާރު ކޮމިޝަނަށް މި ގަވާއިދުން ލިބިދެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ދެ މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، މި ގަވާއިދުގެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.