ޖުމުލަ 48 ޓީމު ހިމަނައިގެން ފުޅާކޮށްފައިވާ ވޯލްޑް ކަޕްގެ ސަބަބުން މުބާރާތުގެ ފެންވަރު ރަނގަޅުވެއްޖެތޯ ސުވާލު އުފެދޭ ކަމަށް ބުނެ، ކޮލިފައިންގެ ފޯރި ކެނޑުމުން މުބާރާތުގެ އަގު ވެއްޓިދާނެކަމުގެ އިންޒާރު ގާނާގެ ކޯޗު ކާލޯސް ކޭރޯޒް ދީފިއެވެ.

ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އެލް" ގައި ގާނާ އިން ކުޅުނު ފަހު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޭރޯޒް ބުނީ، ގިނަ ޖާގަތަކެއް އޮތުމުން ޓީމުތަކަށް ކޮލިފައިވުމަށް ފަސޭހަވެފައިވާ ކަމަށެވެ. އަދި މިހާރު ގިނައިން ސަމާލުކަން ލިބެނީ މުބާރާތަށް ކޮލިފައިނުވާ ގައުމުތަކަށް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ އެފްރިކާގެ ދިހަ ޓީމުގެ ތެރޭގައި ހިމެނޭ ގާނާ ވަނީ ގްރޫޕުގެ ފަހު މެޗުގައި ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވެފައެވެ. ނަމަވެސް ގްރޫޕް އެލްގެ ތިންވަނަ ޓީމުގެ ގޮތުގައި އެ ޓީމު ވަނީ މުބާރާތުގެ ގަދަ 32 އަށް ދަތުރުކޮށްފައެވެ.

ކްރޮއޭޝިއާ މެޗާ ގުޅޭގޮތުން ގާނާ ކޯޗު ކޭރޯޒް ބުނީ، އެ މެޗުގައި ޑިފެންސްކުރުމުގައި ގޯސްތަކެއް ހެދުނު ކަމަށެވެ. ނަމަވެސް ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ ގަދަ 32 ގެ މެޗުގެ ކުރިން އެކަންކަން ރަނގަޅުކުރާނެ ކަމަށް އޭނާ ބުންޏެވެ.

"މި މެޗުން އެންމެ ރަނގަޅު ކަމަކަށް ފާހަގަވީ މެޗުން ދަސްވި ފިލާވަޅުތައް. ޓީމުގެ ކުރިއެރުމާ ގުޅޭ ގިނަ ކަންތައްތަކެއް ދަސްވެއްޖެ،" ކޭރޯޒް ބުންޏެވެ.

ބައެއް ކުޅުންތެރިންގެ ކުޅުމާ މެދު ސާފު މަންޒަރެއް ފެނިފައިވާ ކަމަށާއި ކުރިއަށްއޮތް މެޗުތަކުގައި ތަފާތުކޮށް ކުރެވިދާނެ ކަންކަން ވެސް އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެފްރިކާގެ ޓީމުތަކަށް ދީފައިވާ ޖާގަތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ކޭރޯޒް ބުނީ، ވޯލްޑް ކަޕަށް އެހާ ގިނަ ޓީމުތައް ކޮލިފައިވާ އިރު، މުބާރާތުގައި ބައިވެރިވުމަކީ މަދުން ނޫނީ ނުލިބޭ ފުރުސަތަކަށް ވުމުގެ އަގާ މެދު އަދިވެސް ސުވާލު އުފެދޭ ކަމަށެވެ.

"ޔޫރަޕާއި އެފްރިކާގެ ކޮލިފައިން މެޗުތަކުގެ މުހިންމުކަން ވެސް ގެއްލެން ފަށައިފި. ސަބަބަކީ ހުރިހާ ޓީމެއް ވެސް ކޮލިފައިވާތީ،" އޭނާ ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ފަސްވަނަ ފަހަރަށް ވޯލްޑް ކަޕްގައި ބައިވެރިވާ ކޭރޯޒް އިތުރަށް ބުނީ، ކޮލިފައިންއަކީ ވާދަވެރި އަދި އުނދަގޫ މަރުހަލާއަކަށް ހެދުމަށް މުބާރާތް ރާވަންޖެހޭ ކަމަށެވެ. އަދި ކުޅުންތެރިން ދިގު ސީޒަންތަކެއް ކުޅެފައި އަންނަކަން ވިސްނަންޖެހޭނެ ކަމަށް ފާހަގަކޮށް މުސްތަގުބަލުގައި ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކުރަން ޖެހޭ ކުދިކުދި ގިނަ ކަންތައްތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.