ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ރާއްޖޭގެ ބޭންކިން ނިޒާމަށް ބޭނުންވާ ޑޮލަރުގެ ލިބުން ފަސޭހަކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު މިއަދުން ފެށިގެން 25 ޕަސަންޓު އިތުރުކުރަން ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، މި ފިޔަވަޅަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ އާމްދަނީ ދަށްވާ ދުވަސްވަރެއްގައި ބޭންކިން ނިޒާމުގެ ތެރޭގައި ހުރި ޑޮލަރުގެ ދަތިކަން ކުޑަކުރުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ. އެގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް ކޮންމެ ހަފުތާއަކުވެސް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދު މިހާރަށްވުރެ 25 ޕަސަންޓަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މި ބަދަލާއެކު، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހައިން ލިބޭނެ މަގު ފަހިވެ، ބޭންކުތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ވިއްކާފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 72 ޕަސަންޓު އިތުރުވެފައެވެ. ހާއްސަކޮށް ބޭސްފަރުވާއަށާއި ތައުލީމީ ބޭނުންތަކަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް ވަރަށް ބޮޑުތަން އިތުރުވެފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ބޭސްފަރުވާއަށާއި ތައުލީމަށް ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ 78 ޕަސަންޓު އިތުރުވެފައެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ކުރާ ހޭދައަށްވެސް އެމްއެމްއޭއިން ވަނީ ބޮޑު އަހައްމިއްޔަތުކަމެއް ދީފައެވެ. ތެލާއި ކާޑުގެ ބާވަތްތަކާއި ބޭހާއި އަދި މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް އެތެރެކުރުމަށް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ 30 ޕަސަންޓު އިތުރުވެފައެވެ.