އެމެރިކާއިން އީރާނުގެ މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކަށާއި އައްސޭރިފަށުގެ ރާޑަރު ސްޓޭޝަންތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް “ޓްރުތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ އީރާނުން ތަކުރާރުކޮށް ހިލާފުވުމާ ގުޅިގެންނެވެ. އަދި އީރާނުން މިގޮތަށް އަމަލުކުރަމުންދާ ނަމަ، އެމެރިކާއިން ފެށި އަސްކަރީ މަސައްކަތް ނިންމައިލަން މަޖުބޫރުވެދާނެ ކަމަށާއި، އެ ހިސާބަށް ކަންކަން ގޮސްފިނަމަ އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ނަން ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓަކަށް އީރާނުން ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން، ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ 10 އަމާޒަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި އަސްކަރީ މުއާސަލާތީ ނިޒާމުތަކާއި، ވައިގެ ދިފާއީ މަރުކަޒުތަކާއި، ކަނޑުގެ މައިން އަޅާ ނިޒާމުތައް ހިމެނޭ ކަމަށް ސެންޓްކޮމް އިން ބުނެއެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ފޮކްސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ވިޔަފާރި ބޯޓުފަހަރަށް އީރާނުން ދެމުންދާ ހަމަލާތައް ހުއްޓުވުމެވެ. މިދިޔަ އޭޕްރީލް މަހު ގާއިމުކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު، އީރާނުން އެ ސަރަހައްދުގައި އަލުން ދިފާއީ ނިޒާމުތައް ރުކުރުވާލާފައިވާ ކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އެމެރިކާގެ ސަރުކާރުން ވަނީ އީރާނުން އިތުރު ހަމަލާއެއް ދީފިނަމަ، މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ގޮތުގައި، އެއްބަސްވުމާ މެދު ހިޔާލުތަފާތުވުންތަކެއް ހުރިނަމަ އީރާނުން ޖެހޭނީ މަޝްވަރާކުރާށެވެ. ނަމަވެސް ހަމަނުޖެހުން ހިންގާނަމަ އެމެރިކާއިން ރައްދުދޭނީ ހަމަލާތަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.