ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭގައި އޮސްޓްރިއާއާއި އަލްޖީރިއާ ވާދަކުރި މެޗު 3-3 އިން އެއްވަރުވުމާއެކު އެ ދެޓީމުވެސް ގަދަ 32 ގެ ބުރަށް ދަތުރު ކޮށްފިއެވެ.

ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ނަތީޖާއާއެކު ގްރޫޕް ސްޓޭޖު ނިމި، ގަދަ 32 ޔަގީންވެފައިވާ އިރު، މިރޭ މެޗުގެ ފަހު ކަށިގަނޑާ ހަމައަށް ގަދަ 32 ގެ އުންމީދުކުރި އިރާނަށް ވަނީ ހަނި ގޮތަކަށް އެ ފުރުސަތު ގެއްލިފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު ދެޓީމަށްވެސް ގަދަ 32 ގެ ބުރުން ފުރުސަތު އޮތެވެ. ދެޓީމަށް އެއްފަހަރާ ގަދަ 32 އަށް ދެވެންވެސް އޮތެވެ. އެއީ މެޗު އެއްވަރު ވެއްޖެ ކަމަށްވާނަމައެވެ. މެޗު އެއްވަރުވެއްޖެނަމަ، އަލްޖީރިއާއަށް އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރަށް ދެވެން އޮތް އިރު، އޮސްޓްރިއާއަށް އެ ހާލަތުގައި ގްރޫޕްގެ ދެވަނަ ލިބޭނެއެވެ.

އޮސްޓްރިއާއަށް މޮޅުވެގެންވެސް ގްރޫޕްގެ އެއްވަނަ ހޯދެން ނެތް ނަމަވެސް، ބަލި ނުވެ ހިފަހައްޓާލައިގެން އެޓީމަށް 1954 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރު ހޯދެން އޮތެވެ. އޭގެފަހުން އަލްޖީރިއާއިން 1978 ވަނަ އަހަރާއި 1982 ވަނަ އަހަރު ދެވަނަ ގްރޫޕް ސްޓޭޖަށް ދަތުރުކުރި ނަމަވެސް، ނޮކްއައުޓަށް ދަތުރު ކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން އަލްޖީރިއާއަށް 2014 ވަނަ އަހަރަށްފަހު ދެވަނަ ބުރަށް ދާން އޮތް މަގަކީ މެޗުން ޕޮއިންޓެއް ހޯދުމެވެ.

ތިންވަނަ ޓީމުތަކުގެ ތެރެއިން އިރާނުން މި މެޗާ ހަމައަށްވެސް އިންތިޒާރުގައި އޮތް އިރު، އިރާނުން ބޭނުން ނުވާނެ ނަތީޖާއަކީ މިރޭގެ މެޗު އެއްވަރުވުނެވެ. އެ ނޫން ކޮންމެ ނަތީޖާއެއްގައިވެސް ގަދަ 32 އަށް ދާނީ އިރާނެއެވެ. އެއީ ތިންވަނައަށް ދާ ޓީމުތަކުގެ ނަތީޖާއިންނެވެ.

އަލްޖީރިއާއިން މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ ކައިރިން 3-0 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި އަލަށް މުބާރާތުގައި ވާދަކުރާ ޖޯޑަން ކައިރިން 2-1 އިން މޮޅުވިއެވެ. އަނެއްކޮޅުން އޮސްޓްރިއާ ވެސް ބަލިވެފައި އޮތީ އާޖެންޓީނާ ކައިރިންނެވެ. އެއީ 2-0 އިންނެވެ. އެޓީމުން ޖޯޑަން ކައިރިން މޮޅުވީ 3-1 އިންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، އޮސްޓްރިއާއިން އެޓީމުގެ ތަޖުރިބާކާރު ފޯވަޑް މާކޯ އާނޯޓޮވިޗް ފުރަތަމަ އަށް ނެރެފައިވާ އިރު، އަލްޖީރިއާއިން ނުކުތީވެސް ބަދަލުތަކާއެކުގައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ޒައިނުއްދީން ޒިދާންގެ ދަރި، އަލްޖީރިއާ ކީޕަރު ލޫކާ ޒިދާންގެ ބަދަލުގައި އޮސާމާ ބެނޮޓް ކީޕަރަކަށް ނެރުމެވެ. އޭގެ އިތުރުން ރަޔަން އައިތު-ނޫރީވެސް މިރޭ ފަށާފައެއް ނުވެއެވެ.

ފުރަތަމަ 20 ވަރަކަށް މިނެޓުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗަށް ދިރުން އައީ ހައިޑްރޭޝަން ބްރޭކަށްފަހުއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޮސްޓްރިއާއިން ލީޑު ނެގިއެވެ. ޑޭވިޑް އަލާބާ ފަހަތުން މަތިމަތިން ވައްޓާލި ބޯޅައެއްގައި އެޓީމަށް ލީޑު ނަގައިދިނީ އާނޯޓޮވިޗެވެ.

އެ ގޯލަށް މިނެޓެއް ފަހުން އަލްޖީރިއާގެ ރާފިކް ބެލްގާލީގެ ހަމަލާއެއް ބޭރަށް ދިޔަ އިރު، އަނެއްކޮޅުން އާނޯޓޮވިޗަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އަދި 40 ވަނަ މިނެޓުގައި އަނެއްކާވެސް އަލްޖީރިއާއިން ނުރައްކާ ކުރި އިރު، ފަރެސް ޗައީބީ ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.

އަލްޖީރިއާއިން މެޗު އެއްވަރުކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ބެލްގާލީގެ ހިތްގައިމު ގޯލާއެކުގައެވެ. އަރިމަތިން ލިބުނު ބޯޅައިގައި އެތެރެއަށް ނައްޓާލައި، އޮސްޓްރިއާގެ ދެ ޑިފެންޑަރުންނަށް އޮޅުވާލުމަށްފަގު، ބެލްގާލީ ފޮނުވާލި ބާރު ހަމަލާ ނިންމާލީ ކަނަށެވެ. އަލްޖީރިއާއިން އުންމީދު ހޯދިއެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ ހާފަށްވުރެ ބޮޑަށް މެޗު ހުޅުވިގެން ދިޔައީ ހާފުގެ ކުރީކޮޅުގައި އޮސްޓްރިއާއިން ޖެހި ގޯލާއެކުގައެވެ. އޭރިއާ ރޮނގު މައްޗަށް ކަހަލަ ގޮތަކަށް ކޮންޑްރަޑް ލައިމާ ބައިންދާލަ ދިން ބޯޅަ ހިތްގައިމު ކާވްއަކާއެކު ގޯލަށް ވައްދާލީ މާސެލް ސަބިޓްޒާއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިލައިފައެވެ.

އޮސްޓްރިއާގެ އެގޯލާއެކު އަނެއްކާވެސް އިރާނަށް އުންމީދެއް ލިބުނު ނަމަވެސް އަލްޖީރިއާއިން މެޗު އެއްވަރުކުރިއެވެ. ގޯލަށް މާގިނައިރެއް ނުވެ، އޮސްޓްރިއާގެ ގޯލަށް ފަސް މިނެޓް ފަހުން، 60 ވަނަ މިނެޓުގައި އަލްޖީރިއާ އެއްވަރުކުރީ ރިޔާދް މަހްރޭޒް ޖެހި ގޯލުންނެވެ.

ހޮސޭމް އައޯރް، އޮސްޓްރިއާގެ ސްޓެފަން ޕޮޝް ނައްޓާލުމަށްފަހު ނަގައިދިން ބޯޅަ މަހްރޭޒް ގޯލަށް ވައްދާލީ އަރިމަތީގައި ހުސްކޮށް އޮވެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ ފަހު ވަގުތުކޮޅު ފެނިގެން ދިޔައީ ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ގޮތަކަށެވެ. އިތުރު ވަގުތުގެ ތެރޭގައި މަހްރޭޒް ގޯލެއް ޖަހައި އަލްޖީރިއާއަށް ލީޑު ނަގައިދިނެވެ. އެހިސާބުން އިރާނަށް އުންމީދެއް ލިބުނު ނަމަވެސް އަނެއްކާވެސް އެންމެ ފަހު ސިކުންތު އަނެއްކާވެސް އޮސްޓްރިއާ ގޯލް ޖެހިއެވެ. އެ ގޯލް ޖެހީ ސާސާ ކަލަޑްޒިޗެވެ.

އެ ނަތީޖާއާއެކު މެޗު ކުޅުނު ދެ ޓީމު ގަދަ 32 އަށް ގޮސް، އިރާން ހިތްދަތިވިއެވެ.