އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެފައިވާ އާދަޔާހިލާފު ހޫނުގެ ތެރެއިން، ލަންޑަނުގެ ބައެއް މަގުތަކުގައި ހޫނުމިން 57 ޑިގްރީ ސެލްސިއަސްއަށް އަރައިފިއެވެ. ގްރީންޕީސް ޔޫކޭއިން އާންމުކުރި ތަރމަލް ކެމެރާގެ މަންޒަރުތަކުން ދައްކާ ގޮތުގައި، ލަންޑަނުގެ މެދުތެރޭގައި ހިމެނޭ އޮކްސްފޯޑް ސްޓްރީޓާއި ރީޖެންޓް ސްޓްރީޓް އަދި ޕިކަޑިލީ ސަރކަސް ފަދަ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ މަގުތައް ވަނީ އިންތިހާއަށް ހޫނުވެފައެވެ.

މި ދުވަސްވަރު ލަންޑަނުގެ ވައިގެ ހޫނުމިން 37 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، ތާރު އެޅި މަގުތަކާއި ހިލަ ޖެހި ސަރަހައްދުތަކަށް އިރުގެ ހޫނު އެޅުމުން އެ ތަންތަނުގެ ހޫނުމިން ވަނީ އެތައް ގުނައެއް މައްޗަށް ގޮސްފައެވެ. މިގޮތުން، ހައިބަރީ އެންޑް އިސްލިންގޓަން ސްޓޭޝަނުގެ ޕްލެޓްފޯމެއްގެ ހޫނުމިން 62 ޑިގްރީ ސެލްސިއަސްއަށް އަރައިފައި ވާއިރު، ކުޑަކުދީން ކުޅޭ ޕާކެއްގެ ރަބަރު ތަޅުމުގެ ހޫނުމިން 53 ޑިގްރީ ސެލްސިއަސްއަށް ވަނީ އަރައިފައެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) ގެ ޕްރޮފެސަރު، އަންނާ މާވްރޯޖިއާނީ ވިދާޅުވި ގޮތުގައި، މިފަދަ ހޫނުގަދަ ސަރަހައްދުތަކުގައި އުޅުމަކީ އާންމުންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ. އަދި ޕާކުތަކާއި އާންމު ތަންތަނުގައި ހޫނު ހުންނަ މިންވަރު ދެނެގަތުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާލަތާ ގުޅިގެން ގްރީންޕީސް ޔޫކޭގެ ހެޑް އޮފް ކްލައިމެޓް، މެލް އިވަންސް ވިދާޅުވީ، މިއީ ހަމައެކަނި މޫސުމީ ބަދަލެއް ނޫން ކަމަށާއި، މިއީ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ކުއްލި ނުރައްކަލެއް ކަމަށެވެ. މި އާދަޔާހިލާފު ހޫނުގެ ސަބަބުން ގޭބިސީތަކަށާއި، ސްކޫލްތަކަށާއި، ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން އާންމުންގެ ސިއްހަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުމަތީގައި މަސައްކަތްކުރާ މީހުންނަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް މި ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރު ދީފައެވެ. މީގެ އިތުރުން، ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަންޑަން އެމްބިއުލާންސް ސަރވިސްއަށް އަންނަ އެމަރޖެންސީ ކޯލްތައް މި ހޫނުގަދަ ދުވަސްވަރު ވަނީ 50 އިންސައްތަ އިތުރުވެފައެވެ.