ދުނިޔޭގެ ފުރަތަމަ ފުރިހަމަ ރޮބޮޓިކް ހޮޓެލް، އަންނަ އަހަރުގެ ކުރީކޮޅު ޗައިނާގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ޝެންޒެން-ޒޮންގްޝާން ލިންކްގައި ހަދާފައިވާ އާޓިފިޝަލް ރަށެއްގައި ތަރައްގީކުރާ މި ހޮޓަލަކީ އެއްވެސް އިންސާނެއްގެ އެހީތެރިކަމާ ނުލައި، ހުރިހާ ހިދުމަތެއް ރޮބޮޓުތައް މެދުވެރިކޮށް ދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ކޮމާޝަލް ސާވިސް ރޮބޮޓިކްސް އުފެއްދުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޕުޑޫ ރޮބޮޓިކްސް" އާއި "ޝެންޒެން ކަލްޗަރ އެންޑް ޓުއަރިޒަމް އިންޑަސްޓްރީ ޑިވެލޮޕްމަންޓް" ގުޅިގެންނެވެ.
ޕުޑޫ ރޮބޮޓިކްސް އިން ބުނި ގޮތުގައި، 44 ކޮޓަރީގެ މި ހޮޓަލުގައި ރިސެޕްޝަންގެ މަސައްކަތްތަކާއި، ކޮޓަރިތައް ސާފުކުރުމާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ އިތުރުން ލަގެޖު އުފުލުމާއި ސެކިއުރިޓީ ބެލެހެއްޓުން ފަދަ ހުރިހާ ކަމެއް ކުރާނީ ރޮބޮޓުތަކުންނެވެ. މީގެ އިތުރުން، މި ހުރިހާ ރޮބޮޓުތަކެއް ގުޅިފައިވާނީ އެއް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްލެޓްފޯމަކުން ކަމަށާއި، މީގެ ސަބަބުން އިންސާނުންގެ އެހީއާ ނުލައި އަމިއްލައަށް ނިންމުންތައް ނިންމުމުގެ ގާބިލުކަން ރޮބޮޓުތަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިގޮތުން، މޫނު ދެނެގަންނަ ޓެކްނޮލޮޖީ މެދުވެރިކޮށް ޗެކް-އިން ވުމާއި، އެއް ރޮބޮޓު އަނެއް ރޮބޮޓަށް މައުލޫމާތު ބަދަލުކުރުން ފަދަ ކަންކަން މި ނިޒާމުގެ ތެރެއިން ކުރެވޭނެކަމަށް ބުނެފައިވެއެވެ.
މިފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ސިނާއަތުގެ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ހޮޓާތައް ހިންގުމުގެ ހަރަދުގެ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދެއް ހޭދަވަނީ މުވައްޒަފުންގެ މުސާރައަށެވެ.
އެހެންކަމުން، އޮޓޮމޭޝަންގެ ސަބަބުން ހަރަދު ކުޑަވެ، ކޮވިޑް-19 އަށްފަހު ކުރިމަތިވެފައިވާ މުވައްޒަފުން ނުލިބުމުގެ މައްސަލައަށް ހައްލެއް ލިބޭނެއެވެ. ނަމަވެސް، މި ބަދަލާއެކު ވަޒީފާތައް ގެއްލިދާނެކަމުގެ ކަންބޮޑުވުން ލޭބަރ ޔޫނިއަންތަކުން ދަނީ ފާޅުކުރަމުންނެވެ.
އެމެރިކާގެ ލަސް ވެގަސް ފަދަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހޮސްޕިޓަލިޓީ ޔޫނިއަންތަކުން މިހާރުވެސް އަންނަނީ، އޭއައި އާއި ރޮބޮޓުތަކުގެ ސަބަބުން މުވައްޒަފުންގެ ވަޒީފާތަކަށް އަސަރުކުރާނެތީ، އެކަމުން ރައްކާތެރިވުމަށް އެއްބަސްވުންތަކުގައި ހާއްސަ މާއްދާތައް ހިމެނުމަށް ބާރުއަޅަމުންނެވެ. އޭގެ ތެރޭގައި ވަޒީފާ ގެއްލޭ މީހުންނަށް ބަދަލު ދިނުމާއި، އާ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ.
މި ހޮޓާ އަންނަ އަހަރު ހުޅުވަން ހަމަޖެހިފައިވާއިރު، އޭގެ ކުރިން 2026 ވަނަ އަހަރުގެ ފަހުކޮޅު ޓެސްޓުކުރުމުގެ ގޮތުން ބައެއް ކޮޓަރިތަކާއި ހިދުމަތްތައް އާންމުންނަށް ހުޅުވާލުމަށް ޕްރޮޖެކްޓް ހިންގާ ފަރާތުން ވަނީ ނިންމާފައެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް