ވޯލްޑް ކަޕް ގްރޫޕް ކޭ ގައި މިރޭ ކުޅުނު މެޗުގައި ޑީއާރް ކޮންގޯއިން އުޒްބެކިސްތާން ބަލިކޮށް، ފުރަތަމަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކޮންގޯއިން ފަހަތުން އަރައި އުޒްބެކިސްތާން ބަލިކުރީ 3-1 އިންނެވެ.
ވޯލްޑް ކަޕާ ހަމައަށް ދާން އުޒްބެކިސްތާނުން ވަނީ ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އުޒްބެކިސްތާންގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރުގެ ފީފާ ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމެވެ. އެގައުމަކީ މެދުތެރޭ އޭޝިއާގެގ ގައުމަކަށް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ގައުމުވެސް މެއެވެ. އެހެންކަމުން ކޮންމެ ނަތީޖާތަކަކާ އެކުގައި ނަމަވެސް އުޒްބެކިސްތާނުން މިފަހަރު އެނބުރި ދާނީ ފަހުރުވެރިކަމާއެކުގައެވެ.
ވޯލްޑް ކަޕްގައި ގައުމު ސަމްސީލުކޮށްލައިގެން އެނބުރި ދިޔުމުގެ އިތުރުން ޕޮއިންޓެއް ނޫނީ މޮޅެއް ހޯދައިގެން އެނބުރި ގައުމަށް ދިޔުމުގެ އަޒުމުގައި މިރޭ ކޮންގޯއާ ދެކޮޅަށް އެޓީމު ނުކުތީ ޖޯޝުގައެވެ.
އަނެއްކޮޅުން ކޮންގޯ މެޗަށް ނުކުތީ އުންމީދާ އެކުގައެވެ. ކުރިން 1974 ވަނަ އަހަރު "ޒައިރް" ގެ ނަމުގައި ކޮންގޯއިން ވޯލްޑް ކަޕްގައި ކުޅެފައިވާ އިރު، އެފަހަރު އެޓީމަށް ލިބުނީ ހަޑި ނަމެކެވެ. އެފަހަރު ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ކައިރިން 2-0 އިން ބަލިވި އިރު، ޒައިރް ދެވަނައަށް ކުޅުނު މެޗުގައި ޔޫގޯސްލާވިއާ ކައިރިން ބަލިވީ 9-0 އިންނެވެ. އަދި ނިންމާލީ ބްރެޒިލް ކައިރިން 3-0 އިން ބަލިވެގެންނެވެ.
އެ މުބާރާތުގެ ވާހަކައަކީ އަދިވެސް ދައްކަމުންދާ ވާހަކައެކެވެ. ހަބަރުތައް ބުނެފައި ވަނީ އޭރު ހުރި ވެރިޔާ މޮބޫޓޫ ސެސޭ ސެކޯ ޓީމަށް ދޭން ބުނި ބޯނަސް ފައިސާ ޓީމަށް ނުލިބުމުން އެޓީމުން ދެވަނަ މެޗު ދޫކޮށްލި ކަމަށެވެ. އަދި ބްރެޒިލާ ދެކޮޅަށް ކުޅެން ދެކޮޅުވެސް ހެދި އިރު، ރައީސް ސިފައިން ފޮނުވައިގެން ބިރު ދައްކައި، ކުޅުންތެރިން މެޗަށް ނެރުނު ކަމަށްވެސް ނޫސްތައް ބުނެއެވެ. އަދި އެމެޗުން ބޮޑުކޮށް ބަލިވިނަމަ، އަނބުރާ ގައުމަށް ނުދެވޭނެ ކަމަށާއި، އާއިލާތަކަށް ގެއްލުން ދޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވާހަކަތައް ދެކެވެއެވެ.
އޭގެފަހުން ފުރަތަމަ ވޯލްޑް ކަޕަކަށް އެނބުރި އައިސް، ކޮންގޯއިން މިފަހަރު ބެލީ ގަދަ 32އަށް ދާށެވެ. މިރޭގެ މެޗުން މޮޅެއް ހޯދައިގެން އެކަން ކުރަން އެޓީމަށް ފުރުސަތު އޮތެވެ.
މެޗަށް ނުކުތް އިރު، ކޮންގޯއިން ފުރަތަމަ ކުޅުނު މެޗުގައި ޕޯޗުގަލް ކައިރިން 1-1 އިން އެއްވަރުކުރި އިރު، ކޮލަމްބިއާ ކައިރިން ބަލިވީ 1-0 އިންނެވެ. އަނެއްކޮޅުން އުޒްބެކިސްތާން ފުރަތަމަ މެޗުގައި ކޮލަމްބިއާ ކައިރިން 3-1 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި ޕޯޗުގަލް ކައިރިން ބަލިވީ 5-0 އިންނެވެ. އެހެންކަމުން އެޓީމު އޮތީ މެޗަށް ނުކުތްއިރުވެސް ކަޓައިފައެވެ.
މެޗުގެ ފުރަތަމަ މިނެޓުގައިވެސް ފެނުނީ އުޒްބެކިސްތާނުގެ ހަމަލާއެކެވެ. މަތިން އައި ބޯޅައެއް ޑޮސްޓޮންބެކް ހަމަޑޯވް މެއިން ކޮންޓްރޯލް ކޮށްލައި، ބާރު ހަމަލާއެއްގައި ގޯލަށް ފޮނުވާލި ނަމަވެސް އެ ހަމަލާ ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީ-އެންޒައޫ މަތަކުރިއެވެ.
އޭގެ މިނެޓެއްފަހުން އަނެއްކޮޅަށް ޔޯން ވީސާ ނުރައްކާ ކޮށް ދުރުން ހަމަލާއެއް ފޮނުވާލި ނަމަވެސް، ނިއުކާސަލްގެ ފޯވަޑްގެ ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ގޯލް ފެނުނީ 10 ވަނަ މިނެޓުގައެވެ. ހިތްގައިމު ގޯލެކެވެ. އޭރިއާ ތެރެއިން އަބޮސްބެކް ފަޔާޒުއްލާޔޭވް ފްލިކް ކޮށްލި ބޯޅަ އަރިމައްޗަށް ދިޔުމުން އެލްޑޯ ޝްމުރޮޑޯވް ވަނީ ކީޕަރު ބޯމަތިން ގޯލް ތެރެއަށް ބޯޅަ ވައްޓާލައިފައެވެ.
އެ ގޯލާއެކު ކޮންގޯ ހާސްކަމަށް ވެއްޓުނު ނަމަވެސް، މާގިނައިރެއް ނުވެ އެޓީމުން ކުރިއަށް ޖެހި އެޓޭކް ކުރަންވެސް މަސައްކަތް ކުރިއެވެ. 18 ވަނަ މިނެޓުގައި ބްރައިން ސިޕެންގާ ނަތަނައެލް އެމްބުކޫ އަށް ދިން ޕާހުގައި އުޒްބެކިސްތާން ޑިފެންޑަރު ބީޓް ކޮށްލައި އޭނާ ބޯޅަށް ވައްދާލި ނަމަވެސް، ރެފްރީ އެއީ ގޯލެއް ނޫން ކަމަށް ނިންމީ ވީއޭއާރް ބަލައިފައެވެ.
ވީއޭއާރް ބަލައި އެއީ ގޯލެއް ނޫންކަމަށް ރެފްރީ ނިންމީ އެމްބުކޫ އުޒްބެކިސްތާންގެ ޝެރްޒޯޑް ނަސްރުލޮއޭވްގެ އަނގަމަތީގައި އަތުން ޖަހައި ފައުލް ކުރި ކަމަށް ބަލައިގެންނެވެ.
އޭގެފަހުންވެސް ކޮންގޯއިން އެއްވަރުކުރަން މަސައްކަތް ކުރި އިރު، 28 ވަނަ މިނެޓުގައި ވީސާއަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މައްޗަށެވެ. އޭގެފަހުން ކޮންގޯއަށް އޭރިއާ ތެރެއަށް ނުރައްކާ ކުރަން އުނދަގޫވީ އުޒްބެކިސްތާނުން ރަނގަޅަށް ޑިފެންސް ކުރަމުން ދިޔުމުގެ ސަބަބުންނެވެ.
ދެވަނަ ހާފުގައިވެސް ކޮންގޯއިން ދިޔައީ ކަށިން ހިތްވަރު ނެރެ ގޯލަކަށް މަސައްކަތް ކުރަމުންނެވެ. ހާފުގެ ކުރީކޮޅުގައިވެސް ގޯލަކަށް މަސައްކަތް ކުރަމުން ގޮސްފައިވާ އިރު، އެމްބޫކޫއަށް ވަނީ ފަހި ފުރުސަތެއް ލިބިފައެވެ. އޭނާއަށް އޭރިއާ ބޭރުން ލިބުނު ޖާގައިގައި ފޮނުވާލި ހަމަލާ މަތަކުރީ އުޒްބެކިސްތާންގެ ކީޕަރު އަބްދުވޮހީދު ނެމަޓޯވްއެވެ.
ކޮންގޯއިން ދެވަނަ ހާފު ފެށުނީއްސުރެ އުޒްބެކިސްތާން ފަހަތަށް ބާރު ބޮޑުކުރަމުން ގޮސް، 66 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އޭރިއާ ތެރެއިން ވީސާއަށް ލިބުނު ބޯޅައިގައި އަބްދުކޮދިރު ހުސަނޯވް ކުރި ފައުލަށް ރެފްރީ ޕެނަލްޓީ ދީފައިވާ އިރު، ޕެނަލްޓި ކާމިޔާބުކޮށްދީ ކޮންގޯއަށް ހިތްވަރު ހޯދައިދިނީ ވީސާއެވެ.
އެ ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވިއެވެ. ކޮންގޯއިން ތަފާތު ރޫހެއްގައި ކުރިއަށް ޖެހި ކުޅެން ފަށައި، މެޗު އަނބުރާލިއެވެ. އެޓީމަށް ތާރީހީ ކާމިޔާބީއާ ދިމާލަށް ދާން ލީޑު ނެގި ގޯލް ޖަހައިދިނީ ފިސްޓޮން މަޔޭލޭއެވެ. ބަދަލަކަށް ނުކުތް މެޝަކް އެލިއާ ދުރުން ފޮނުވާލި ހަމަލާ ކުޅުންތެރިއެއް ފައިގައި ޖެހިފައި ދިޔަ ވަގުތު، މަޔޭލާ ވަނީ ބޯޅައިގައި ޖައްސާލައިފައެވެ.
އޭގެފަހުންވެސް ކޮންގޯއިން ޔަގީން ކަމާއެކު ކުޅެމުން ދިޔަ އިރު، ކޮންގޯއިން ނަތީޖާ ޔަގީންކުރީ ވީސާ ފަހުވަގުތު ޖެހި ގޯލާވެސް އެކުގައެވެ.
ކޮންގޯ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި، ގަދަ 32 ޔަގީންކުރީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ގްރޫޕް ކޭގެ އެއްވަނަ ހޯދީ ކޮލަމްބިއާއެވެ. ތިން މެޗުން އެޓީމަށް ހަތް ޕޮއިންޓް ލިބުނު އިރު، ޕޯޗުގަލް ދެވަނައިގައި ނިންމާލީ ތިން މެޗުން ފަސް ޕޮއިންޓާއެެކުގައެވެ. އުޒްބެކިސްތާން ފުލުގައި ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026