ވޯލްޑް ކަޕްގެ ގްރޫޕް އެލްގައި ކްރޮއޭޝިއާއިން ގާނާ ބަލިކޮށްފިއެވެ.
މިރޭ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކްރޮއޭޝިއާއިން 2-1 އިން ގާނާ ބަލިކުރި އިރު، ދެޓީމަށްވެސް ވަނީ ގަދަ 32 އިން ޖާގަ ލިބިފައެވެ.
ގާނާއިން މިހާތަނަށް ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު، އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އެކަން ތަކުރާރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ އިރު، މިރޭގެ މެޗަށް ނުކުތްއިރުވެސް އެޓީމަށް އޮތީ ގަދަ 32 ގެ ބުރު ދަތުރު ކޮށްފައެވެ.
އެއީ ތިންވަނައިގައި އޮތް އިރު، ހަތަރު ޕޮއިންޓާއެކު އޮތުމުންނެވެ. ގާނާއަށް މިރޭގެ މެޗުން މޮޅުވެ، އެއްވަނަ ހޯދެން އޮތެވެ. އެހެން ނަމަވެސް އެއީ އަނެއް މެޗުގައި އިންގްލެންޑްގެ ނަތީޖާއަށް ބަރޯސާ ވެގެންނެވެ.
ކްރޮއޭޝިއާއިން 2014 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، އޭގެފަހުން އެޓީމަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެގޮތުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ކްރޮއޭޝިއާ ކުޅެފައިވާ އިރު، އެންމެފަހުން 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގައިވެސް ކްރޮއޭޝިއާ ނިންމާލީ ތިންވަނަ ޓީމުގެ ގޮތުގައެވެ.
އެ ކާމިޔާބީތަކާއެކު ކްރޮއޭޝިއާއިން މިފަހަރު މުބާރާތް ފެށި މެޗުގައި އިންގްލެންޑް ކައިރިން 4-2 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި ޕެނަމާ ކައިރިން މޮޅުވީ 1-0 އިންނެވެ. އެއީ އެންމެ އެދެވޭ ނަތީޖާއެއް ނޫން ކަމަށް އެމެޗަށްފަހު ކޯޗު ޒްލަޓްކޯ ޑަލިޗް ބުނި އިރު، މިރޭގެ މެޗަށް ނުކުތީ ޔަގީންކޮށް ދެވަނަ ބުރު ހޯދުމަށެވެ.
ކްރޮއޭޝިއާއާ ދެކޮޅަށް ނުކުތް ގާނާއަކީ ފަސޭހަ ޓީމެއް ނޫންކަން އެޓީމަށް މެޗުގެ ކުރިންވެސް އޮތީ އެނގިފައެވެ. ފުރަތަމަ މެޗުގައި 1-0 އިން ޕެނަމާ ކައިރިން މޮޅުވި އިރު، ދެން ކުޅުނު މެޗުގައި ވަރުގަދަ އިންގްލެންޑް ކައިރިން ގާނާ ވަނީ 0-0 އިން އެއްވަރު ކޮށްފައެވެ. އެހެންކަމުން މިރޭގެ މެޗަށް ނުކުތް އިރު، ގާނާ ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ކްރޮއޭޝިއާގެ ކޯޗު ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. ޖޮސްކޯ ގްވާޑިއޯލް، މާކޯ ޕަސަލިޗާއި ޕީޓާ މޫސާ ބެންޗުން ފެށި އިރު، އެންމެފަހުން މެޗުގައި ގޯލް ޖެހީ އަންޓޭ ބުޑިމީރާއި ނިކޮލާ ވްލާސިޗް އަދި ޕީޓާ ސުސިޗް މެޗު ފަށާފައިވެއެވެ. އަނެއްކޮޅުން ގާނާގެ އިނާކީ ވިލިއަމްސްއާއި ޖެރޯމް އޮޕަކޫ އަދި ކަލެބް ޔިރެންކީގެ ބަދަލުގައިި މެޗު ފެށީ ޑެރިކް ލާސަންއާއި ކަމާލުއްދީން ސުލެމާނީ އެލީޝާ އޮވޫސޫއެވެ.
ފުރަތަމަ ފަސް ވަރަކަށް މިނެޓުގައި ގާނާއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ އިރު، އޭގެފަހުން މަޑުމަޑުން ކްރޮއޭޝިއާއިންވެސް ވަނީ މެޗު ތެރެއަށް ވަދެ، ބޯލަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ނުރައްކާ ފެނުނީވެސް އެޓީމުގެ ފަރާތުންނެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ނިކޮލާ ވްލާސިޗަށް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ އޭނާ ތިރިން ބާރު ހަމަލާއެއްގައި ފޮނުވާލި ނަމަވެސް، ބޭރަށް ދިޔައީ ދަނޑުގައި ޖެހިފައެވެ.
އޭގެފަހުން ކްރޮއޭޝިއާއިން ބޮޑަށް އެޓޭކަށް ފުރުސަތު ފަހިކުރަމުން ގޮސްފައިވާ އިރު، 24 ވަނަ މިނެޓުގައި ބުޑިމީރް އޭރިއާ ތެރެއިން ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާއަށް ޑިފެންޑަރު ފައުލް ކުރި ކަމަށް ބުނެ، ކްރޮއޭޝިއާއިން ވަނީ ރެފްރީއަށް ޝަކުވާ ކޮށްފައެވެ. އެހެން ނަމަވެސް ރެފްރީ ވަނީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެފައެވެ.
ކްރޮއޭޝިއާއިން ހައިޑްރޭޝަން ބްރޭކަށްފަހުވެސް ގޯލަކަށް މަސައްކަތް ކުރި އިރު، ލޫކާ މޮޑްރިޗްގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފާހަގަވިއެވެ. އޭނާގެ ހިލޭ ޖެހުން އިވާން ޕެރަސިޗްގެ ބޮލަށް ދަނިކޮށް، ޕަންޗުކޮށްލީ ގާނާގެ ކީޕަރު ބެންޖަމިން އަސަރޭއެވެ.
އޭގެ މިނެޓެއް ފަހުން، 31 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ލީޑުވެސް ނެގިއެވެ. މެދުތެރެއިން ކުރިއަށް ދުއްވާލި ބޯޅައަށް ސުސިޗް މަސައްކަތް ކޮށް، ރަނގަޅަށް ގާނާގެ ޑިފެންސް ތެރެއިން ނެއްޓިލާފައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށެވެ، މޮޅު ގޯލެކެވެ.
އެ ގޯލާއެކު މެޗު ހުޅުވިގެން ގޮސްފައިވާ އިރު، ހާފު ނިމެން ދިޔައިރު ފެނުނު މަންޒަރުތަކުން މެޗުގެ ދެވަނަ ހާފުގެ މަންޒަރު ކުރަހާލަ ދިން ކަހަލަށެވެ. ހާފު ނިމެން ދިޔަ އިރު، ގާނާއިން ނުރައްކާ ކުރި އިރު، އެންޓޮއިން ސެމެންޔޯއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ގާނާއިން ފުރަތަމަ ހާފުގައި ކްރޮއޭޝިއާ ގޯލަށް އަމާޒުކޮށް ހަމަލާއެއް އުފައްދާފައި ނުވާ އިރު، ދެވަނަ ހާފު އެޓީމުން ފެށީ އެ ހާލަތުގައެއް ނޫނެވެ. ހާފުގެ ކުރީކޮޅުގައިވެސް ބޯޅަ ޑޮމިނޭޓް ކޮށް ކުޅެފައިވާ އިރު، 59 ވަނަ މިނެޓުގައި ޖޯޑަން އަޔޫ ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރު ޑޮމިނިކް ލިވަކޮވިޗެވެ.
ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކަށްފަހު، 73 ވަނަ މިނެޓުގައި ގާނާއިން މެޗުގެ ލީޑު ނެގިއެވެ. އެ ގޯލަކީ ހިލޭ ޖެހުމެއްގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ލަކަސެން ޖަހައިދިން ގޯލެކެވެ. އޭނާއަކީ ނެދަލޭންޑްސްއަށް ފޯމުގައި ކުޅެމުންދާ ބްރައިން ބްރޮބޭގެ ކޮއްކޮއެވެ.
ލަކަސެން ބޯޅަ ގޯލައް ވައްދާލިފަހުން ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދަން ގޮސްފައެވެ. އެއީ އޮފްސައިޑް ކަމަށް ސިސްޓަމުން ނިންމުމާ ގުޅިގެންނެވެ. އެ ހިލޭ ޖެހުން ނެގި ވަގުތު ޖޯޑަން އަޔޫ އޮފްސައިޑް މަގާމުގައި އޮވެ، ޕެރަސިޗަށް ހުރަސް އެޅި ކަމަށް ބެލެވުނު ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އޭނާ ބޯޅައަށް އެއްވެސް ހުރަހެއް ނާޅާ ކަމަށެވެ.
އޭގެފަހުން ކްރޮއޭޝިއާ ކޮންމެވެސް ވަރަކަށް ހާސްވެ، ކުރިއަށް ޖެހެން މަސައްކަތް ކުރި އިރު، 82 ވަނަ މިނެޓުގައި މާރިއޯ ޕަސަލިޗް ފޮނުވާލި ހަމަލާ ޔަގީންކަމާއެކު މަތަކުރީ ގާނާގެ ކީޕަރު އަސަރޭއެވެ. އެ ހަމަލާގައި ލިބުނު ކޯނަރުގައި ކްރޮއޭޝިއާއިން ދެވަނަ ފަހަރަށް މެޗުން ލީޑު ނެގިއެވެ. މޮޑްރިޗްގެ ކޯނަރު ގޯލަށް ވައްދާލީ ވްލާސިޗެވެ.
އޭގެފަހުން ކްރޮއޭޝިއާއިން މެޗު ހިފަހައްޓާލަން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ އިރު، މެޗުން މޮޅު ހޯދާ ކްރޮއޭޝިއާ ގަދަ 32 އަށް ދިޔައީ ދެވަނައިގައެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އިންގްލެންޑުން ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ.
ގާނާ ތިންވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު ނިންމާލި އިރު، ޕެނަމާ ހަތަރު ވަނައިގައި ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026