މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ބީއެމްއެލް އިން އިމާރާތްކުރާ 3260 ހައުސިން އުނިޓްގެ ތެރެއަށް 710 ހައުސިން ޔުނިޓް އިތުރުކޮށް، މަސައްކަތް ފަށާފައިވާ ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންްސްގައި ފްލެޓް ޕްރޮޖެކްޓްތަކާ ބެހޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ބީއެމްއެލްއާ ފުރަތަމަ ހަވާލު ކުރި 3260 ހައުސިން ޔުނިޓް ތަކަކީ ހުޅުމާލެ ފޭސް އެކެއް، ތިނެއް އަދި ވިލިމާލެ ހިމެނޭ ގޮތަށް އޮތް ޕްރޮޖެކްޓެއް ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ދަށުން "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި އުފައްދާފައިވާ ސަބްސިޑަރީ ކުންފުންނާ ހަވާލު ކުރީ، ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،960 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ހެދުމަށެވެ.

މުންދު ވިދާޅުވީ އެ ހުރިހާ ޕްރޮޖެކްޓެއް ރާއްޖެ އާއި ރާއްޖޭން ބެރުގެ ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްފައިވާ އިރު، އެންމެ ޕްރޮޖެކްޓެއް ފިޔަވައި ހުރިހާ ޕްރޮޖެކްޓެއްގެ ކުރެހުންތައް ނިމި އަމަލީ މަސައްކަތާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"އެއް ޕްރޮޖެކްޓް ފިޔަވައި އެހެން ހުރިހާ ޕްރޮޖެކްޓެއްގައި ޑިޒައިން ޑްރޯއިންތައް ވެސް އެޕްރޫވްވެ ނިމިފައި ވަނީ. އެހެންވީމަ އަމަލީ މަސައްކަތް ފަށާހިސާބަށް ގޮއްސަ އޮތީ،"

މުންދު ވިދާޅުވީ އެފަދަ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ގާބިލްކަން ބީއެމްއެލްގައި ހުރި ކަމަށެވެ.

އެހެންކަމުން އިތުރު 710 ހައުސިން އުނިޓްގެ މަސައްކަތް ކުރިއަށްގެންދަން ނިންމައި، އެއްބަސްވުންތަކުގައި ސޮއިކުރާ ހަމައަށް ގޮސްފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.

"އެހެންކަމުން ހަމަ އެ ސްކީމްގެ ތެރެއަށް އެބަ ވެއްދޭ، އޭގަ މިހާރު އެއްބަސްވުންތަކުގައި ސޮއިކުރެވޭ ހިސާބަށް ގޮސްސަ ވަނީ، އެހެންވީމަ ނިމޭއިރު ގާތް ގަނޑަކަށް 4000 ހާހެންހާ ހައުސިން ޔުނިތްގެ ވާހަކަ މިދެކެވެނީ،"