އެމެރިކާގައި ކުރިއަށް ދިޔަ މެޗުތަކަށް ކަންކަން ފަސޭހަކޮށްދިނުމަށް ފީފާއިން ވައުދުވި ނަމަވެސް، އެކަން ކުރިވިފައި ނުވާ ކަމަށް އިރާނުގެ ކެޕްޓަން، މެހްދީ ތަރޭމީއެވެ.

އިރާނުން މިފަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ތިން މެޗުންވެސް އެއްވަރު ވެގެންނެވެ. ފުރަތަމަ މެޗުގައި ނިއު ޒިލޭންޑާ 2-2 އިން އެއްވަރުވި އިރު، ބެލްޖިއަމްއާ އެއްވަރުވީ 0-0 އިންނެވެ. މިސްރާ ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، ކުރިން ވޯލްޑް ކަޕްގައި އިރާނުން ވަނީ ހަ ފަހަރު ވާދަކޮށްފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

މިފަހަރުގެ ނަތީޖާތަކާއެކު އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އިރާނަށް ގަދަ 32 އަށް ދެވުމަށް ފުރުސަތު އެބައޮތެވެ. އިރާނަށް މިއީ އެތައް ތަކުލީފެއްގެ ވޯލްޑް ކަޕެކެވެ. އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އިރާނުގެ އޮފިޝަލުންނާއި ޓީމުގެ އެހެން ބައެއް އިސް ފަރާތްތަކަށްވެސް އެމެރިކާއިން ވިސާ ނުލިބުމާއި، މެކްސިކޯގައި ކޭމްޕްކުރުމަށްފަހު މެޗުތަކަށް އެމެރިކާއަށް ދަތުރުކުރަން ޖެހުން ހިމެނެއެވެ. ކޮންމެ މެޗެއް ނިންމާ، ރިކަވާ ނުވެ އަލުން މެކްސިކޯއަށް ދާން ޖެހޭ އިރު، މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެމެރިކާއަށް އެތެރެވުމުގައިވެސް އިރާނަށް އުނދަގޫތައް ކުރިމަތިވިއެވެ.

"ފީފާއަށް ޖެހޭނެ ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދަން. މިއީ ލޮޖިސްޓިކަލީ އަހަރެމެންނަށް ބޮޑު އޮޅުން ބޮޅުން ގަނޑެއް. އެ ކަންކަން ހައްލު ކޮށްދޭން ފީފާއިން ބުނި ނަމަވެސް، އެކަމެއް ނުވި. ހައްލެއް ނުވި. އެއްކަމެއްވެސް ފަސޭހައެއް ނުވި،" އިރާން ކެޕްޓަން ތަރޭމީ މެޗަށްފަހު ބުންޏެވެ.

ތަރޭމީ ބުނީ ފުރަތަމަ މެޗަށްފަހު އިންފަންޓީނޯ ވައުދުވީ ކަންކަން ރަނގަޅު ކޮށްދޭނެ ކަމަށް ނަމަވެސް، އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށެވެ.

ތަރޭމީ އިތުރަށް ބުނީ މެކްސިކޯގެ ރައްޔިތުން އެޓީމަށް ވަރަށް ރަނގަޅު ކަމަށާއި، މެކްސިކޯގެ ކޭމްޕް ފުރިހަމަ ކަމަށެވެ. އެހެން ނަމަވެސް ޕްރޮފެޝަނަލް ޓީމަކަށް މެޗު ކުޅެން އެހާ ދަތި ހާލުގައި ދާން އުނދަގޫ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ތަރޭމީގެ އިތުރުން އިރާންގެ ކޯޗު އާމިރް ގަލެނޯއީވެސް ވަނީ އެކަންކަމަށް ފާޑު ކިޔައިފައެވެ.