ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ ހަފުތާގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން އުފެދުނު ސުވާލުތަކެވެ. އުމުރުން 41 އަހަރުގައި، ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި އޭނާގެ ދައުރު ނިމުމަކަށް އައިސްފައިވާ ކަމަށް ކުޅިވަރު ދިރާސާކުރާ ބައެއް ފަރާތްތަކުންނާއި ސަޕޯޓަރުން ގަބޫލުކުރިއެވެ. މުބާރާތާ ކުރިމަތިލިއިރު އޭނާގެ ފޯމާ މެދު ގިނަ ބަޔަކު ޝައްކު އުފެއްދި ނަމަވެސް، އޭނާ ވަނީ އެ ފާޑުކިޔުންތަކަށް ދަނޑުމަތީގައި ވަރަށް ފުރިހަމަ ޖަވާބެއް ދީފައެވެ.
އުޒްބެކިސްތާން މެޗާއި ތާރީހީ ރެކޯޑު
މުބާރާތުގެ ފުރަތަމަ މެޗުގައި ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު، ޕޯޗުގަލަށް އޮތީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅެ ޕޯޗުގަލުން ވަނީ 5-0 ގެ ތަފާތު ބޮޑު މޮޅެއް ހޯދައިފައެވެ. މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖަހައި، އޭނާގެ ގޯލު ނުޖެހުމުގެ ދިގު ސިލްސިލާއަށް ނިމުން ގެނެސްދިނެވެ.
މި ގޯލުތަކާއެކު އޭނާ ވެފައިވަނީ ފީފާ ވޯލްޑް ކަޕްގެ ހަ މުބާރާތެއްގައި ގޯލު ޖެހި ތާރީހުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މެޗުގެ ފަހު ކަށިގަނޑާއެކު ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ އޭނާގެ އިހުސާސްތައް ވަރަށް ކުރުކޮށް ބުނެދީފައެވެ. އޭނާ ބުނީ "އަހަރެން އެނބުރި އަތުވެއްޖައިން" ކަމަށެވެ.
ކޮލަމްބިއާގެ ނުރައްކާތެރިކަން
"ގްރޫޕް ކޭ" ގައި ޕޯޗުގަލް ކުޅޭ ފަހު މެޗުގައި ކޮލަމްބިއާއާ ދެކޮޅަށް ނުކުންނަ އިރު، މިއީ ހަމައެކަނި ގްރޫޕްގެ އެއްވަނަ ހޯދުމަށް ކުޅޭ މެޗެއް ނޫނެވެ. ދެ ޓީމުވެސް ގަދަ 32 ގެ ޖާގައެއް ކަށަވަރުވުމާ ގާތަށް ގޮސްފައިވީ ނަމަވެސް، ގްރޫޕްގެ އެއްވަނަ ލިބޭ ޓީމަކަށް ނޮކައުޓް ބުރުގައި ނިސްބަތުން ފަސޭހަ މަގަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. ޕޯޗުގަލަށް މިއީ އުޒްބެކިސްތާން މެޗުގައި ދެއްކި މޮޅު ކުޅުމަކީ އިއްތިފާގުން ވީ ކަމެއް ނޫންކަން ސާބިތުކޮށްދޭން ލިބޭ ރަނުގެ ފުރުސަތެކެވެ.
ކޮލަމްބިއާއަކީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ބެލެންސް އެއް ޓީމެވެ. ޑިފެންސް ވަރުގަދަކޮށް، ކައުންޓާ އެޓޭކުގައި ނުރައްކާތެރި ކުޅުމެއް ދައްކަމުން އަންނަ ކޮލަމްބިއާއަކީ މުބާރާތުގެ ފަހު ބުރުތަކާ ހަމައަށް ދިއުމުގެ ގާބިލުކަން ހުރި ޓީމެއްކަން އެ ޓީމުން ވަނީ ދައްކައިފައެވެ.
ރޮނާލްޑޯގެ ކުޅުމަށް އައި ބަދަލު
އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ފެނުނީ ވަރަށް ތޫނުފިލާކޮށެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި އޭނާގެ ހަރަކާތްތައް ހަލުވިވެފައި، ގޯލު ޖެހުމުގެ ހުނަރު އަދިވެސް ހުރިކަން ސާބިތުކޮށްދިނެވެ. ނަމަވެސް ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗަކީ މުޅިން ތަފާތު އިމްތިހާނެކެވެ.
އުޒްބެކިސްތާނާ ހިލާފަށް، ކޮލަމްބިއާގެ ޑިފެންސް ލައިންގެ ފަހަތުން ހުސް ޖާގަ ލިބުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން ޕޯޗުގަލްގެ ކެޕްޓަނަށް މި މެޗުގައި ކެތްތެރިކަމާއެކު ކުޅެ، ބްރޫނޯ ފެނާންޑޭސް، ވިޓީނިއާ، ބެނާޑޯ ސިލްވާ އަދި ޕެޑްރޯ ނެޓޯ ފަދަ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ބޯޅަތަކެއް ބޭނުންވާނެއެވެ. މި މެޗުގައި ރޮނާލްޑޯއަށް ތަފާތު ދެއްކިއްޖެނަމަ، އޭނާގެ ވޯލްޑް ކަޕްގެ ވާހަކަތައް މުޅިން އެހެން މިސްރާބަކަށް އެނބުރިގެން ދާނެއެވެ.
ޕޯޗުގަލްގެ އަސްލު ބާރަކީ ޓީމު
ރޮނާލްޑޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ނަމަވެސް، ޕޯޗުގަލްގެ އެންމެ ބޮޑު ހަތިޔާރަކީ ޓީމުގައި އޮތް ހުނަރުވެރިކަމެވެ. މިޑްފީލްޑުން މެޗު ކޮންޓްރޯލް ކުރަމުން އަންނަ އިރު، ފުލްބެކުންގެ ފަރާތުން އެޓޭކްތަކަށް އެހީތެރިވެދެއެވެ. އަދި ދެ އަރިމަތިން ބާރު ދުވުންތައް ފެނިގެންދެއެވެ.
ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ފަހުގެ ތާރީހެއްގައި ޕޯޗުގަލުން ނެރުނު އެންމެ ވަރުގަދަ އެއް ސްކޮޑު އެކުލަވާލައިފައެވެ. މި ސިސްޓަމްގެ ތެރެއަށް ރޮނާލްޑޯ ފެތިގެން ކުޅުމަކީ މުހިންމު ކަމެކެވެ. ޕޯޗުގަލުން އަވަސް ޕާސްތަކެއް ޖަހައިގެން ފުރުސަތުތައް ތަނަވަސްކުރާނަމަ، އެ ޓީމަކީ މުބާރާތުގެ އެންމެ ނުރައްކާތެރި އެއް ޓީމެވެ.
މެޗުގެ ނަތީޖާއާ މެދު ކުރެވޭ އުންމީދު
ކޮލަމްބިއާއިން ވަނީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހިލުންނުވާކަން ސާބިތުކޮށްދީފައެވެ. އެ ޓީމުގެ ޑިސިޕްލިންޑް ޑިފެންސާއި، އަވަސް ޓްރާންސިޝަންތަކުގެ ސަބަބުން ޕޯޗުގަލަށް އުނދަގޫތަކަކާ ކުރިމަތިވުން އެކަށީގެންވެއެވެ.
ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އެންމެންގެ ލޯތައް އަމާޒުވެފައި ހުންނާނީ ރޮނާލްޑޯއަށެވެ. އުޒްބެކިސްތާނާ ދެކޮޅަށް ދެއްކި މޮޅު ކުޅުމާއެކު އުންމީދު އާވެފައިވާ އިރު، ކޮލަމްބިއާ މެޗުން ފެނިގެންދާނީ ފުޓުބޯޅައިގެ ލެޖެންޑް ހަގީގަތުގައިވެސް އެނބުރި އައީތޯ ނުވަތަ ވޯލްޑް ކަޕް 2026 ގައި އޭނާގެ އެންމެ ބޮޑު އިމްތިހާނު އަދި ކިރިޔާ ފެށުނީތޯއެވެ.
ގްރޫޕު ކޭގެ ފަހު މެޗުތައް (28 ޖޫން)
- 04:30، ކޮލަމްބިއާ - ޕޯޗުގަލް
- 04:30، ޑީއާރް ކޮންގޯ - އުޒްބެކިސްތާން
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް