އިންޑިއާގެ ޕޫނޭގެ ލޯހަގަޅު ފޯޓުން ވެއްޓި މަރުވި ކޭތަން އަގަރްވާލްގެ މަރުގެ ތަހުގީގުގައި، އޭނާއާ ކައިވެނިކުރަން ހަމަޖެހިފައިވާ ސިޔާ ގޯޔަލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އާ ތަފުސީލުތަކެއް ފުލުހުން ހާމަކޮށްފިއެވެ.

ޖޫން 18 ވަނަ ދުވަހު ހިނގި މި ހާދިސާއަކީ އޮޅުމަކުން ފަރުބަދަމަތިން ވެއްޓިގެން ހިނގި ކަމެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނަނީ މިއީ ދެ ލޯބިވެރިން ރާވައިގެން ހިންގާފައިވާ މަރުގެ މައްސަލައެއްގެ ގޮތުގައެވެ.

ފުލުހުންގެ ތަހުގީގާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 26 އަހަރުގެ ކޭތަން މަރާލުމުގެ މަގުސަދެއް ކަމަށް ސިޔާ ބުނެފައިވަނީ ކޭތަންގެ އިސްތަށިގަނޑު ތުނިވުމާއި، ވާހަކަދެއްކުމުގައި އަޅައިގަތުން ހުރުމެވެ. މީގެ އިތުރުން، މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ޗޭތަން ޗައުދަރީއާ ސިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ވެސް ކައިވެނި ހުއްޓުވުމަށް ކޭތަން މަރާލަން ރޭވި މައިގަނޑު އެއް ސަބަބު ކަމަށް ފުލުހުން ބުނެފައިވެއެވެ. ސިޔާގެ އާއިލާއަށް ދެރައެއް ދޭން ބޭނުން ނުވާތީ ކައިވެނި ހުއްޓާލަން ނުކެރުނީ ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި ޗޭތަންއާ ސުވާލުކުރުމުން، ކޭތަން މަރާލުމަށް ދުރާލައި ރާވާފައިވާ ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ޕޫނޭ ރޫރަލް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، މި ދެ މީހުން ވަނީ ކޭތަން މަރާލުމުގެ ކުރިން އެތައް ފަހަރަކު ފޯނުން ގުޅައި، ލޯހަގަޅު ފޯޓަށް ގޮސް އެތަން ބަލައި ދިރާސާކޮށްފައެވެ. އަދި ހާދިސާ ހިނގި ދުވަހު ޗޭތަން ހުރީ މޫނު ނިވާކޮށްގެން ކަމަށާއި، ކޭތަން ފަރުބަދަމަތިން 350 ފޫޓު ތިރިއަށް ކޮއްޕާލީ ކާކުކަން ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މިހާރު މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ސިޔާ އާއި ޗޭތަން ތިބީ ފުލުހުންގެ ބަންދުގައެވެ. ކޯޓުން ވަނީ ޖޫން 29 ވަނަ ދުވަހާ ހަމައަށް އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލައިގައި އިތުރު ހެކި ހޯދުމަށާއި، މަރުގެ ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަފުސީލުތައް ހޯދުމަށް ފޮރެންސިކް ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.